ކައުންސިލްތަކުން އިސްނަގައިގެން ރަށުފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ހިންގާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން އެހީތެރިވާން ނިންމައިފި އެވެ.
މިއީ ދުންފަތް ކޮންޓްރޯލް ކޮށް މުޖުމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމަށް ނިންމަފައިވާ ނިންމުމެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހެލްތު މިިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ވީހާވެސް ރޭވުންތެރިކަމާއި އެކު ކުރަމުން އަންނަކަމަށެވެ. އެގޮތުން މި މަސއްކަތުގެ އެންމެ އެދެވޭ ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް 5 އަހަރުގެ ޕްލޭން އެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ވެސް ހޯއްދަވާނެކަމަށް ވަނީ ނިންމާފައެވެ.
މިނިސްޓަރ ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ރަށުފެންވަރުގައި އެންމެ ރަނަގަޅު މަސައްކަތަތަށް ކުރާ ކައުންސިލްތަކަށް އެދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޕްލޭންގައި ހިމަނާނެކަމަށެވެ.
އެ އިދާރާކައުން ހިންގާ ތަރައްޤީގެ މަޝްރުއުތަކަށް ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ދުރު ރާސްތާ ޕްލޭން އެކުލެވިގެންދާއިރު އެ ނިޒާމް ސަރުކާރުން ފަހިކޮށްދޭވޭނެ
ދުންފަތް ކޮންޓްރޯލް ކުރުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްފަށާފައިވާއިރު، ”ދަފަރާ“ ގެ ނަމުގައި ދުންފަތާ ދެކޮޅަށް ހާއްސަ ކެމްޕެއިންއެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ފަށާފައެވެ. މި ކެމްޕެއިން މިހާތަނަށް ނ، ތ، ލ، އަދި ސ އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ ފަރާތްތަކަށް އެކަމާ ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވި އެވެ.
ސެޒޭޝަންގެ ހަދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ.
ރާއްޖޭގައި މިވަގުތު ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ހިދުމަތް މާލޭގައި ދެނީ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި އަތޮޅުތެރޭގެ 48 ތަނަކުން މި ހިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފަ އެވެ.

