އެމެރިކާގެ ފުންނާބު އުސް އިންޝުއަރެންސް ކުންފުންޏެއްގެ ސީއީއޯ މަރާލި މީހާ ހޯދުމުގެ މަސައްކަތްތަކުގެ ތެރެއިން އަދިވެސް އެދެވޭ ކުރިއެރުންތަކެއް ނުލިބޭކަން މީޑިއާތަކުގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޔުނައިޓެޑް ހެލްތް ކެއަރގެ ސީއީއޯ ބަރަޔަން ތޮމްސަން މަރާލި މައްސަލައިގައި ނިއުޔޯގް ފުލުހުންދަނީ އެ ސަރަހައްދުގެ މޫދު ބަލާ ފާސްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެނާ މަރާލީ ބަޑިޖަހައިކަމަށްވާއިރު އެ މަންޒަރުތައް ސޯޝަލްމީޑިއާގައި އާންމުވެފައިވެއެވެ. މި މަސައްކަތްތައް ދިގުލައިގޮސް މިހާރު ފުލުހުންދަނީ ޑައިވަރުން ބޭނުންކޮށްގެން ބަޑި އެއްލާލާފައި އޮވެދާނެކަމަށް ބެލެވޭ ސަރަހައްދުތައް ބަލަމުންނެވެ.
ނޫސްތަކުން ބުނާގޮތުން މުހިންމު ދެ ހެއްކެއް މިހާތަނަށް ފެނިފައިނުވެއެވެ. އެގޮތުން ބަޑިޖެހި މީހާ ބޭނުންކުރި ކަރަންޓު ދެފުރޮޅުލީ އުޅަނދާއި ބަޑި ހޯދުމުގައި މިހާތަނަށް އެއްވެސް މިންވަރެއްގެ ކާމިޔާބެއް ހޯދިފައިނުވާކަމަށެވެ. ތުހުމަތުކުރެވޭ މީހާ ބޭނުންކުރި ދަބަސް ފެނިފައިވާކަމަށް ކަމާއި ބެހޭ ފަރާތްތަކުން ގަބޫލުކުރާއިރު އޭގެ ތަހުލީލުތައް ހެދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި އެ ދަބަހުގައިވެސް ބަޑި ނެތްކަމަށެވެ. އެއީ ކޮންތަނަކުން ކާކު ގަތް ދަބަހެއްކަން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާއިރު އަދި ކުރިއެރުމެއް ލިބިފައިނުވާކަން ފުލުހުންވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
ބަޑި ޖެހި މީހާ ބޭނުންކުރިކަމަށް ބެލެވޭ ދަބަހެއް ނިއުޔޯކުގެ ޕާކަކުން ފެނިފައިވާއިރު އޭގައި ބަޑި ނެތްކަން ފުލުހުންވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ދަބަހަކީ ކޮންތަނަކުން ކާކު ގަނެފައިވާ މުދަލެއްކަން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާއިރު އަދި އެކަމުގައިވެސް މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާކަން އާންމުކޮށްފައިވެއެވެ.
އެމެރިކާގެ އެފްބީއައި އިންވަނީ ބަޑިޖެހި މީހާ ހައްޔަރުކުރުމާއި ދައުވާ ސާބިތުވާ ހިސާބަށް ގެންދާ ފަދަ މައުލޫމާތު ދޭ ފަރާތަކަށް 50،000 ޑޮލަރު ދިނުމަށް އިއުލާނުކޮށްފައެވެ. އެ މުއައްސަސާއިން ބުނެފައިވަނީ މިކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންކާމަށާއި ނިއުޔޯކްގެ ފުލުހުންވެސް 10،000 ޑޮލަރުގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް ދިނުމަށް ނިންމާފައިވާކަމަށެވެ.
ސޯޝަލްމީޑިއާގައި އާންމުވި ވީޑިއޯތަކުން ފެނިގެންދާގޮތުން ބަޑިޖެހި މީހާވަނީ، ބޭނުންކުރި ބަޑި ތާށިވުމުން، ރަނގަޅުކުރުމަށްފަހު އަލުން ބަޑިޖަހާފައެވެ. މިފަދަ ކަންކަން ދިރާސާ ކުރާ މީހުން ބުނާގޮތުން އޭނާ ބޭނުންކޮށްފައިވަނީ .22 ކެލިބަރުގެ ވަޒަނެކެވެ. އަދި އެ ސައިޒުގެ ވަޒަން ލައްވާ ބަޑިތައް ތާށިވުމަކީ އާންމުކޮށް ފެނިގެންދާ މައްސަލައެއްކަމަށްވުމުން މިއީ މާހިރަކު ހިންގާފައިވާ ޖަރީމާއަކަށް ނުވެދިއުން އެކަށީގެންވެއެވެ.

