ދެކުނު ކޮރެއާގެ ރައީސް ޔޫން ސޮކް ޔެއޯލް އަޒުލު ކުރުމަށް ހުށަހެޅި މައްސަލައިން އެމަނިކުފާނު ސަލާމަތްވެއްޖެއެވެ.
ދެކުނު ކޮރެއާގައި ރައީސަކު އަޒުލު ކުރުމަށް 300 މެމްބަރުންގެ ނެޝަނަލް އެސެމްބްލީގެ ތެރެއިން ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަންޖެހެއެވެ. މާނައަކީ އެންމެ މަދުވެގެން 200 ވޯޓު ލިބެންޖެހެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ އަދަދު ހަމަކުރުމަށް އިދިކޮޅަށް ޔޫން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ 8 މެމްބަރުންގެ ވޯޓުވެސް ބޭނުންވެއެވެ.
އެހެންނަމަވެސް، ފަހު ވަގުތު ޔޫން ނިސްބަތްވެވަޑައިގަންނަވާ (ޕީޕަލްސް ޕަވަރ ޕާޓީ- ޕީޕީޕީ) ގެ ގިނަ މެމްބަރުން ވަނީ ވޯޓު ބޮއިކޮޓް ކުރައްވައި ތަޅުމުން ނުކުމެވަޑައިގެންފައެވެ. އެހެންކަމުން އަޒުލު ކުރުމަށް ބޭނުންވާ މިންވަރަށް ވޯޓު ހަމަ ކުރެވިފައެއް ނުވެއެވެ. އެގޮތުން އަޒުލު ކުރުމަށް ލިބިވަޑައިގެންނެވީ 195 ވޯޓެވެ.
އެ މައްސަލައިގައި އަޒުލު ކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަވިނަމަވެސް، ދުސްތޫރީ ކޯޓުގައި އެ މައްސަލަ ހިންގަންޖެހެއެވެ. އެ ޤައުމުގެ ދުސްތޫރީ ކޯޓަކީ 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އަދި ކައުންސިލުގެ 9 މެމްބަރުންގެ ތެރެއިން 6 މެމްބަރަކު ރައީސް އަޒުލުކުރުމަށް ތާއީދު ކުރައްވައިފިނަމަ، ރައީސްއަށް މަޤާމު ގެއްލޭނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އަޒުލު ކުރުމުގެ މައްސަލަ ފެއިލްވެފައިވާތީ އެ ޤައުމުގެ އެތައް ރައްޔިތުންނެއް ތިބީ މާޔޫސްކަމުގެ ތެރޭގައެވެ. ވަކިން ޚާއްސަކޮށް ޔޫން އެ ޤައުމުގައި ކުއްލި ޙާލަތު އިއުލާނު ކުރެއްވި ދަނޑިވަޅަކީ ދެކުނު ކޮރެއާގެ ރައްޔިތުންގެ ކުރިމަތީގައި އޭނާގެ ތާއީދު ވަރަށް ބޮޑަށް ގެއްލި، ކޮރަޕްޝަންގެ އެކިއެކި ތުހުމަތުތައްވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ދަނޑިވަޅެއްގައިކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.
މައްސަލައިގެ ފަސްފަހަތް:
ދެކުނު ކޮރެއާގައި ކުއްލި ޙާލަތު އިއުލާނު ކުރެއްވުމަށް ރައީސް ޔޫން ނިންމެވުމާ ގުޅިގެން އެ ޤައުމުގެ ސިޔާސީ މަސްރަހު ނުހަނު ހަލަބޮލިވެގެން ދިޔައެވެ. ވަކިން ޚާއްސަކޮށް އެ ޤައުމުގައި ކުއްލި ޙާލަތު އިއުލާނު ނުކުރާތާ 45 އަހަރުވެފައިވާއިރު، ރައީސް ޔޫންގެ މި ނިންމެވުމާއެކު އެ ޤައުމުގެ ރައްޔިތުންނަށްވެސް ބޮޑު ޝޮކެއް ލިބިގެންދިޔަކަމަށް ބޭރުގެ ނޫސްތަކުން ސިފަކޮށްފައިވެއެވެ.
ކުއްލި ޙާލަތު އިއުލާނު ކުރެއްވިތާ މާ ގިނަ ވަގުތުތަކެއް ނުވެ، ރައީސް ޔޫން ވަނީ ކުއްލި ޙާލަތު އުވާލައްވާފައެވެ. ސަބަބަކީ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެކަމަށް ނުލިބުމެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އަސްކަރީ ބާރުތައް ފޫއަޅުވާލައި މަޖިލީހަށް ވަދެ، ކުއްލި ޙާލަތު އުވާލުމަށް ފާސްކޮށްފައެވެ.
ކުއްލި ޙާލަތު އުވާލެއްވިނަމަވެސް، ރައީސްގެ ކުއްލި ނިންމެވުމާއެކު ސިޔާސީ ހަލަބޮލިކަން އިތުރުވެ، ރައްޔިތުންނާ ސިޔާސީ އެކި ފަރާތްތަކުން ވަނީ މަގުތަކަށް ނުކުމެ ޔޫންގެ އިސްތިއުފާއަށް ގޮވާލަފައެވެ.
ކުއްލި ޙާލަތު އިއުލާނު ކުރެއްވި ސަބަބެއްކަމަށް ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް ޔޫން ވިދާޅުވީ، ދުޝްމަނުންގެ ނުފޫޒު ސަރުކާރުގެ ތެރެއަަށް ވަނުމާއި، ވަކިން ޚާއްސަކޮށް އުތުރު ކޮރެއާގެ ފުށުން އޮތް ނުރައްކާ ބޮޑުވުން ކަމަށެވެ.
އެހެންނަމަވެސް ޔޫންގެ މި ނިންމެވުމަކީ ސިޔާސީ އަމިއްލަ މަންފާ ހޯއްދެވުމަށް ނިންމެވި ނިންމެވުމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުއުފުލާފައިވެއެވެ. ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޔޫންގެ ކުއްލި ނިންމެވުމާމެދު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ލީޑަރުވެސް ހިތްހަމަޖެހިވަޑައިނުގަންނަވައެވެ.

