ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށްޓަކައި، ސަރުކާރުން އެކުލަވާލަން ނިންމާފައިވާ މާސްޓަރ ޕްލޭނަށް އެހީތެރިވުމުގެ ގޮތުން، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޚާއްޞަ ޓީމެއް ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ހާމަކުރައްވައިފިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ މާސްޓަރ ޕްލޭނާ ގުޅޭގޮތުން ބޭއްވުނު ”ދަފަރާ“ ޕެނަލް މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ފުޅާ ބައިވެރިވުމާއެކު މި މުހިންމު މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޑަބްލިއުއެޗްއޯގެ ފަންނީ އެހީތެރިކަން ލިބުނު ނަމަވެސް، ސަރުކާރުގެ އަމާޒަކީ މި ޕްލޭން އެކުލަވާލުމުގައި ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ބައިވެރިވުން ހޯދުމެވެ. މި ގޮތުން، މިފަދަ ޕެނަލް މަޝްވަރާތަކަކީ ރައްޔިތުންގެ ޚިޔާލާއި ލަފާ ހޯދުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވަނީ ވޭތުވެދިޔަ އޮކްޓޯބަރު މަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި ޕްލޭންގެ މަޤްޞަދުތަކުގެ ތެރޭގައި ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމާއި، ދުންފަތުގެ އިސްތިޢުމާލިސްތިޢުމާލު ނުކުރާ ރަށްރަށް ފާހަގަކޮށް، އެފަދަ ރަށްރަށަށް ޚާއްޞަ އިނާމެއް ތަޢާރަފުކުރުން ހިމެނެއެވެ. މީގެ އިތުރުން، މި އިނާމު ލިބޭ ރަށްރަށުގެ އިޖުތިމާޢީ ކަންކަމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުންފަދަ ކަންކަންވެސް މި ޕްލޭންގައި ހިމެނިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

