ބާޑުފުލޫ ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން އެމެރިކާއިން ރޯކިރުގެ ބާވަތްތައް ޓެސްޓުކުރުން އިތުރަށް ފުޅާކޮށްފިއެވެ.
ނޫސްތަކުން ބުނާގޮތުން ރޯކިރުގެ ބާވަތްތަކުގައި ދޫނިރޯގާގެ އަސަރުތައް ހުރި މިންގަނޑު ދެނެގަތުމުގެ ގޮތުން އެމެރިކާގެ އެގްރިގަލްޗާ އާއި ބެހޭ ވުޒާރާއިންވަނީ އެފަދަ ތަކެތި ގުދަންކުރުމަށްޓަކައި ބޭނުންކުރާ ތަންތަނުން ސާމްޕަލް ނަގައި ތަހުލީލުކުރުމަށް ނިންމާފައެވެ. މި އަހަރުގެ މާޗު މަހުން ފެށިގެން މި މައްސަލަ އަންނަނީ މަޑުމަޑުން ގޯސްވަމުންކަމަށް ފެނިގެންދިޔަނަމަވެސް ކުރަމުންދާ މަސައްކަތްތަކާއިއެކު ކޮންޓްރޯލްކުރެވިފައިވާކަން ފާހަގަކުރެއެވެ.
ފަސޭހައިން ފެތުރޭ ބަލިތައް ދިރާސާކުރާ ފަރާތްތަކުންވަނީ އެންމެ ފުރަތަމަ މިކަން ފާހަގަކުރެވުމާއިއެކު ތަހުލީލުތައް ކުރުމުގެ މަސައްކަތްތައް ވަރުގަދަކުރުމަށް ގޮވާޅާފައެވެ. އެގޮތުން ފާމުތަކާއި ވެޓުންގެ އިތުރުން ތަންފީޒީ އިދާރާތަކަށްވެސް ބަލި ފެތުރުން ހުއްޓުވޭނީ ފެތުރެނީ ކޮން ގޮތަކުން ކޮންތާކުންކަން އެނގިގެންކަމަށް ފާހަގަކޮށްފައިވެއެވެ. ފާމުތަކުގެ ވެރިންވަނީ އެންމެ ފުރަތަމަ ޓެސްޓުތައް ހެދުމާއި ދެކޮޅު ހަދާފައިކަމަށްވާއިރު މައިގަނޑު ސަބަބަކީ ގެރިތައް ކުއަރަންޓީން ކޮށްފި ހާޅަތެއްގައި އާމްދަނީ މަދުވެގެންދިއުމުގެ ނުރައްކާ އޮތުންކަން ނޫސްތަކުން ބުނެއެވެ.
ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ މަސައްކަތްތަކުގެ މާހައުލުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތަކަށް ބަލި ނެތްކަން އެނގުމުން އެތަންތަނުގައި މަސައްކަތްކުރަން ފަސޭހަތައް ލިބިގެންދިއުމާއި އެފަދަ ހާލަތެއް ހުރިނަމަ ރައްކައުތެރިވުމަށް ފުރުސަތު ލިބިގެންދިއުމެވެ. އަދި އެމެރިކާގައި މި ބަލި އިތުރަށް ފެތުރިގެންދިއުމުގެ ނުރައްކާތެރިކަން ނައްތާލުމަށްވެސް ފަހިވެގެންދާނެކަމަށެވެ.
އައު ފިޔަވަޅުތަކާއިއެކު ކަމާއި ބެހޭ ވުޒާރާތަކުގެ އެދުމަށް ރޯކިރުގެ ސާމްޕަލްތައް ދިނުމަށް ފާމުތަކާއި މިފަދަ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލާ ފަރާތްތަކުގެ އިތުރުން ޕްރޮސެސިންގް ފެސިލިޓީތަކަށްވެސް މަޖުބޫރުވެގެންދާނެއެވެ. އަދި ގެރި ގެންގުޅޭ ފަރާތްތަކަށް ބާޑްފުލޫއަށް ޓެސްޓުކުރަންޖެހޭނެއިރު ކޮންޓެކްޓް ޓްރޭސިންގްއަށްވެސް އެއްބާރުލުން ދޭންޖެހޭކަން ފާހަގަކުރެވެއެވެ. ޕޮސިޓިވް ނަތީޖާއެއް ލިބުމުން ލެބުތަކަށްވެސް އެ ނަތީޖާތައް ކަމާއި ބެހޭ އިދާރާއަށް ފޮނުވުން މަޖުބޫރުކުރެވިގެންދާއިރު މުޅި ގައުމުގެ އެކި ތަންތަނުގައި ތިބި ރޯކިރު އުފައްދާ ރައްކައުކުރަ ތަންތަން ޓެސްޓުކުރަން ފެށުމަށް ތައްޔާރުވެފައިވާކަން އެގްރިކަލްޗާ ޑިޕާޓުމެންޓުންވަނީ ހިއްސާކޮށްފައެވެ.

