ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގައި ޓިކްޓޮކް ބޭންކުރަން ނިންމި ނިންމުން ކޯޓުން ދަމަހައްޓައިފި!

ޓިކްޓޮކް ބޭންއާއި ދެކޮޅަށް ހިންގާ މުޒާހަރާއެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގައި ޓިކްޓޮކް ބޭންކުރުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނު ދެމެހެއްޓުމަށް ފެޑަރަލް އެޕީލްސް ކޯޓުގެ ޕެނަލްއަކުން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެމެރިކާގެ ކޮންގްރެސްއިން ވަނީ އެ ޤައުމުގައި ޓިކްޓޮކް މަނާކުރުމަށް ނިންމާފައެވެ. މި ނިންމުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ތަންފީޛުކުރެވިގެންދާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް އަޑުއެހުމަށްފަހު، އެމެރިކާގެ ފެޑެރަލް އެޕީލްސް ކޯޓުން ވަނީ މި ނިންމުން ދެމެހެއްޓުމަށް އިއްތިފާޤުވެފައެވެ. މިއީ އެ ޤައުމުގައި އެންމެ މަޤުބޫލު އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕްލިކޭޝަނަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ބެލެވެއެވެ.

ކޯޓުން ވަނީ މި ޤާނޫނު ބާޠިލުކުރުމަށް އެދި ޓިކްޓޮކުން ހުށަހެޅި މައްސަލައަށް އިޖާބަދިނުމަށް އިންކާރުކޮށްފައެވެ. މި ޤާނޫނުގެ ދަށުން ޓިކްޓޮކަށް ޗައިނާއާ އޮންނަ ގުޅުން ކަނޑާލަން ޖެހޭނެއެވެ. އެހެން ނޫން ހާލަތެއްގައި، ކުރިއަށް އޮތް އަހަރުގެ ޖަނަވަރީ މަހުގެ މެދުތެރޭގައި އެމެރިކާގައި ޓިކްޓޮކް މަނާކުރެވޭނެ ކަމަށް އަންގާފައިވެއެވެ. ޓިކްޓޮކުން ވަނީ މިއީ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުގައި ފާހަގަކޮށްފައެވެ.

ކޯޓުން ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުން މަސައްކަތްކޮށްފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބަސްބުނުމުގެ ޙައްޤުތައް ޙިމާޔަތްކުރުމަށެވެ. އެގޮތުން، އެމެރިކާ ސަރުކާރުން އަޅާފައިވާ ފިޔަވަޅަކީ ބޭރުގެ ނުފޫޒުން އެ ޤައުމުގެ ރައްޔިތުން ރައްކާތެރިކޮށް، އެފަރާތްތަކަށް އެމެރިކާއާއި ރައްޔިތުންގެ މަޢުލޫމާތުތައް އެއްކުރުން ހުއްޓުވުމަށާއި ހަނިކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ޓިކްޓޮކާއި ބައިޓްޑާންސްގެ އިތުރުން އެހެން ފަރާތްތަކުން ކަމަށްވާއިރު، މި މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގެންދާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ. އެހެންނަމަވެސް، އަދި އެކަން ކުރާނީ ކޮން ދުވަހެއްގައިކަން ސާފުވެފައެއް ނުވެއެވެ.

ޓިކްޓޮކްގެ ތަރުޖަމާނު މައިކަލް ހިއުސް ބުނެފައިވާ ގޮތުގައި، އެމެރިކާގެ ސުޕްރީމް ކޯޓަކީ އެ ޤައުމުގެ ރައްޔިތުންގެ މިނިވަންކަން ޙިމާޔަތްކޮށްދިނުމުގެ ތާރީޚެއް އޮތް މުއައްސަސާއެކެވެ. އެހެންކަމުން، މި މައްސަލައިގައިވެސް އެ އުސޫލުގެ މަތިން ޢަމަލުކުރާނެ ކަމަށް އޭނާ އުންމީދުކުރާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އިތުރަށް އޭނާ ބަޔާންކޮށްފައިވާ ގޮތުގައި، ޓިކްޓޮކް މަނާކުރުމަށް ނިންމާފައިވަނީ ޙަޤީޤަތާ ނުބައްދަލު އަދި ނުރަނގަޅު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ އަޑު ކެނޑިގެންދިއުމުގެ ފުރުޞަތު އޮތް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މިކަން ނުހުއްޓުވައިފިނަމަ، އެމެރިކާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 170 މިލިއަނެއްހާ އެމެރިކާގެ ރައްޔިތުންގެ އަޑު ގެއްލިގެންދާނެ ކަމަށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގެ ކުރިމަގާ މެދު ޓިކްޓޮކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެމެރިކާ ސަރުކާރުން ވަނީ މި ފިޔަވަޅަކީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދިފާޢުކޮށްފައެވެ. މި މައްސަލައިގައި ދެފަރާތުން ވެސް އެމީހުންގެ ވަކާލާތު ކުރިއަށް ގެންދާނެ ކަމަށް ބެލެވޭއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައިގެ ތަފްޞީލުތައް އިތުރަށް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: