ހިލޭ ކީރިތި ޤުރުއާން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ވުޒާރާއިންކުރި ޢިއުލާނަށް އިޖާބަދީ 29 ފަރާތަކުން ކުރިމަތިލައިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާގެ ސޯސަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމާއި، ކީރިތި ޤުރުއާން އުނގައިނައިދޭނެ ހިލޭ ކްލާސްތައް އިތުރުކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ޙާއްސަ އިސްކަމެއް ދެއްވައިފައިވާ ކަމަށެވެެ. އެގޮތުން ފާއިތުވެދިޔަ 52 ހަފްތާގެ ތެެރޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.
އެގޮތުން، ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް ފުޅާކުރުމުގެ އަމަލީ މަސައްކަތްފަށައި، ހިލޭ ޤުރުއާން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ވުޒާރާއިން ކުރި އިއުލާނަށް 29 ފަރާތަކުން ކުރިމަތިލައިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްތައް ރަސްމީކޮށް ފައްޓާފައިވަނީ 9 އޮކްޓޯންބަރ 2024 ގައެވެ. ރާއްޖޭގެ 14 އަތޮޅެއްގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކްލާސްތައް ފަށައިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި ކްލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބިފައިވާ ކަމަށާއި އެގޮތުން މިސްކިތްތަކުގައި ތުއްތު ކުދިން ޤުރުއާނުގެ އިލްމު އުނގެނެން ތިބޭ މަންޒަރު ވެފައިވަނީ ވަރަށް ހިތްގައިމު މަންޒަރެއް ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ސަރަހައްދު ތަަކަށް ހިލޭ ޤުރުއާން ކްލާސްތައް ފެށުމަށް އެ ވުޒާރާއިން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

