ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމު، އެމެރިކާ އޮތީ އިމިގްރަންޓު ނުވަތަ ބިދޭސީންގެ ސަބަބުން އުފެދިފައިވާ ކާރިސާއެއްގެ ތެރޭގައެވެ. ލިޔެކިއުން ފުރިހަމަ ނުވާ އެތައް ބަޔަކު އަދި ލިޔެކިއުން ފުރިހަމަ ކުރުމަށްފަހު ހިޖުރަކޮށް މަސައްކަތުގެ މާހައުލު ކުރިއެރުވުމުގެ ބަދަލުގައި ގޯސްތަކެއް ހެދުމާއި ނޭދެވޭ އަމަލުތަކުގައި ޝާމިލުވެ އުޅޭ ބިދޭސީންގެ ސަބަބުން އެ ގައުމު އޮތީ އިންތިހާއަށް ނުރައްކާތެރި ހާލަތެއްގައެވެ. ކޮންމެ ދުވަހަކު ސޯޝަލްމީޑިއާގައި އާންމުވަމުންދާ މަންޒަރުތަކާއި މިކަމާއި ގުޅިގެން ނޫސްތަކަށް އަރާ ހަބަރުތަކުން އެކަން ސާފުވެއެވެ.
އެ ގައުމުތަކުގައި ފެނިގެންދާ ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ހަމަލާ ދިނުމާއި، މަސައްކަތުގެ މާހައުލުގައި ގަޑުބަޑުތައް ހެދުމުގެ އިތުރުން ވަގު ވިޔަފާރިތަކާއި ގާނޫނާއި ހިލާފު އަމަލުތައް ހިންގުމުގެ އިތުރުން އެހެނިހެން އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ. ޖަރުމަނުވިލާތާއި އޮސްޓްރޭލިއާ އަދި ތުރުކީ އާއި ކެނެޑާގައިވެސް މި މައްސަލަ އެބަ އޮތެވެ. ބައެއް ބިދޭސީން ދިރިއުޅެމުންދަނީ ޒިންމާއެއް ވާން ނުޖެހޭނެކަން ދަނެގެނެވެ. ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުން ދަތިކަން ރަނގަޅަށް ދަނެގެނެވެ. މި މައްސަލަ ރާއްޖޭގައިވެސް އެބަ އޮތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވޭ މިފަދަ މައްސަލަތަކުން ރާއްޖެ އިސްތިސްނާއެއް ނުވާނެއެވެ. އެ ހާލަތު މެދުވެރިކޮށްފި ނަމަ ރާއްޖޭގައިވެސް މި މައްސަލަތައް ފެންނާނެއެވެ. މިހާރުވެސް ބައެއް ކަންކަން ފެނެއެވެ. އެހެންނަމަވެސް އަދި ފެންނަމުންދަނީ ކޯރެއްގެ ކޯވަރެކެވެ.
އަދުގެ ހާލަތު އޮތް ހިސާބަށް ބަލާއިރު، އެކި ޒާތުގެ މައްސަލަތަކުގައި ބިދޭސީންގެ ޝާމިލުވުން އޮތްކަން ސާފުކޮށް ފެނިގެންދެއެވެ. ރައްޔިތުންނާއި ވަރަށް ގާތުން އެތަކެއް ގޯސްތަކެއް ހަދައިފިއެވެ. ރާއްޖެއަށް އަންނަ ކޮންމެ މީހަކަށްވެސް ދިވެހިންގެ ސާފުތާހިރު ދިރިއުޅުން ރަނގަޅަށް އެނގޭނެއެވެ. އިސްލާމީ ގައުމެއްކަމަށްވުމުން މިއީ ދިވެހިން އެންމެ އަހައްމިއްޔަތުކަން ދޭނެ އެއް ކަންތަކެވެ. އެހެންކަމުން މިފަހުން ބުޅާ މަހުން ކެއުން އުފައްދައި ވިއްކިކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާއިއެކު ގައުމު ސިހިގެންދިޔައެވެ. އެ މައްސަލަ ހިނދުނީ އެކަމުގެ ފަހަތުގައި ހަގީގަތްތަކެއް ވާކަމަށް ބެލެވޭ ހެކިތަކެއް ނެތްކަމަށް ބުނުމާއިއެކުއެވެ. ބުޅަލުން ނުކެއްކިޔަސް ޔަގީނުންވެސް ކެއުން ބުއިން އުފެއްދުމުގެ މަސައްކަތްތައް ކުރަމުން އައީ ދިވެހިންގެ އިތުބާރުގެ ނާޖާއިޒް ފައިދާތަކެއް ނަގައިގެން އަނގަޔަށް އެތަކެތި ލާން ހެޔޮ ނުވާނެ ވަރުގެ ތަނެއްގައިކަން އަދި އެތަކެތި އުފެއްދުމަށް ބޭނުންކުރީވެސް އެކަމަށް އެކަށީގެން ނުވާ ތަކެތިކަން އެނގެއެވެ. ހިންގީ މުޑުދާރު އަމަލެކެވެ.
ދިވެހިންގެ ދިރިއުޅުން އެނގިހުރެ ރާއްޖެއަށް އައިސް އާމްދަނީއެއް ހޯދުމަށް ދިން ފުރުސަތުގައި އެޖެހީ ކޮޅުފައިންނެވެ. އެއީ މާފެއް ނެތް ކަމެކެވެ. އެމެރިކާ ފަދަ ތަންތަނުގައި މިފަދަ މައްސަލަތައް ބޮއްސުންލައިގެން ދިޔައީ ސިޔާސީ ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި އަމާޒުވެދާނެ ފާޑުކިޔުންތަކަށް މާ ބޮޑަށް އަހައްމިޔަތުކަން ދިނުމުންނެވެ. ނަމަވެސް ދިވެހިންގެ މެދުގައި ނަސްލީ ތަފާތުކުރުމެއް ނެތެވެ. ދިވެހިން އެ ފާޑުކިޔުންތަކަށް ބަލާކަށް ނުޖެހެއެވެ. ބަލަންވީ ކަމަކީ މި ގައުމުގެ އަމާންކަމާއި ރައްކައުތެރިކަން އަދި ރައްޔިތުންގެ ދުޅަހެޔޮކަމެވެ. ގާނޫނީ އިމުގެ ތެރޭގައި އުޅެން ނޭނގޭ ބަޔަކު ގެނެސް މި ގައުމުގައި ބައިތިއްބަން ޖާގައެއް ނެތެވެ. މިއީ ހަގީގަތުގައިވެސް ޖާގައިގެ ދަތިކަން އޮތް، ވަޒީފާގެ ފުރުސަތުތައް މަދު ގައުމެކެވެ.
މިފަހަކަށް އައިސް ބިދޭސީންގެ ތެރޭގައި ވަރަށް ގިނައިން މާރާމާރީތައް ހިންގައެވެ. ދިވެހިންގެ ގަޔަށް ބޮލަށް އެރި އެތައް ފަހަރެއްވެސް ގޮސްފިއެވެ. މި ތަހުޒީބު ޒަމާނުގައި ލިޔެކިއުމުން ނިންމަންޖެހޭ މައްސަލަތަކުގައި އޮށްގާ އަތަށް ހެޔޮވަރުކުރި ފަހަރުތައްވެސް އައިސްފިއެވެ. ދިވެހިންނަކީ މާ ރަނގަޅު ބައެއްކަމަށް ބުނަނީކީ ނޫނެވެ. ނަމަވެސް މި ގައުމުގެ އިޖްތިމާއީ ހާލަތު އޮތް ހިސާބުގައިވެސް ދަމަހައްޓަންޖެހެއެވެ. ބޭރުގެ ނުފޫޒެއްގެ ސަބަބުން ނުވަތަ ބަޔަކު ދެކިދާނެ ގޮތުގެ ސަބަބުން ވިއްސިވިހާލިވާން ދޫކޮށްލެވޭކަށް ނެތެވެ. ނޫނީ ދެން ކުރިމަތިވެގެންދާ އުނދަގޫތަކާއި ކުރިމަތިލާންޖެހޭނީ އަހަރަމެންގެ ދަރިންނަށެވެ. އެވެރިންނަށް ފާގަތި އަމާން މާހައުލެއް ގާއިމުކޮށްދޭން އެދޭ ނަމަ މިހާރު މި މައްސަލަ ހައްލުކުރަންޖެއެވެ.
ބިދޭސީންގެ ތެރޭގައި ރާއްޖޭގެ އުސޫލުތަކަށް އިހުތިރާމެއް ނެތި އުޅޭ ބަޔަކު އެބަ އުޅެއެވެ. އަގުލަބިއްޔަތަކީ ހެޔޮ ނިޔަތުގައި މިތަނުގައި ދަތިއުނދަގޫތަކެއްގެ ތެރޭގައި އިހުލާސްތެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ވެދާނެއެވެ. އެހެންކަމުން ސީދާ ކަނޑައެޅިގެން ގާނޫނުތަކާއި ހިލާފަށް އުޅޭ މީހުން ބޭރުކޮށްލުމަކީ ދަތިކަމަކަށް ނުވާނެއެވެ. މި މައްސަލަ ގޯސްވެފައިވާ ހިސާބު ފެނިގެންދިޔައީ ދާދި ފަހުން އާޓިފިޝަލް ބީޗުގައި މަސްތުވެގެންތިބި ބިދޭސީންތަކެއްގެ ދެމެދު ހިންގި މާރާމާރީއެއްގައި ދިވެއްސަކަށް ހަމަލާ ދިނުމުނެވެ. އެކަން ހިނގީ އޮޅިގެން ނޫންކަން އާންމުވެފައިވާ ވީޑިއޯއަކުން ފެނެއެވެ. ހަމަލާ ދިނީ ގަސްތުގައެވެ. ތުއްތުކުއްޖަކަށްވެސް އަނިޔާތަކެއް ދިނެވެ. ތުއްތުކުއްޖަކަށް ނުބެލި މީހަކު ހަރު އުމުރުގެ މީހަކަށް ހަދާލާނެ ގޮތް ހިތަށް އެރުމުން ބިރުވެރިކަމެއް އާލާވެއެވެ. އެ ދުވަހު އެ ފެނިގެންދިޔައީ ކުރިމަގުގައި ކަން ގޯސްވެގެންގޮސްދާނެ ހިސާބު އަންގައިދޭ ފުރިހަމަ އިންޒާރެކެވެ.
ކަމުގެ ހަގީގަތަށް ބަލާއިރު މައްސަލަ ގޯސްވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާކަން ފެނިގެންދެއެވެ. އެކި ފަހަރުގެ މަތިން ބިދޭސީންގެ އެތައް ބަޔަކު ބަނގުރަލާއި ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކުރެވިފައިވެއެވެ. އެކި ފަހަރު މަތިން މަސްތުވާތަކެތި ގެންގުޅެގެންވެސް ހައްޔަރުކުރެވިފައިވެއެވެ. ރާއްޖޭގެ ރައްޔިތުންނާއި ގާތުން ހިދުމަތް ދޭ ތަންތަނަށް މީހުން ގެންނައިރު އެ މީހަކީ ކާކުތޯވެސް ބަލާނުލައެވެ. އެކަން ޔަގީނެވެ. ގެނެސް ވަޒީފާއެއް ދީ މުސާރަގަނޑެއް ދީފައި ބައިތިއްބަނީއެވެ. ދެން އުޅެނީ ކޮންގޮތަކަށްތޯ ބަލާލަނީވެސް މަދު ކުންފުންޏަކުންނެވެ. އިންޓަރވިއު ޕްރޮސެސްއެއް ހިންގަނީ ދިވެހިންނާއި ޖެހުމުނެވެ. ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް މީހުން ގެނެވުމުގެ ސަބަބުން މަސައްކަތުގައި ޝާމިލުވުމުގެ ބަދަލުގައި ބައެއް މީހުން ކުންފުންޏަށް ފިލައިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ވިހިއްލޭ ކަމަކީވެސް ފެންނަން އޮތް ހަގީގަތެކެވެ. ފިލައިގެން އުޅޭ އެތައް ބަޔަކު މި އަހަރުގެ ތެރޭގައި އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮސް ދީޕޯޓުކޮށްލާފައިވެއެވެ. ރާއްޖެއަށް ލޭބަރުންގެ ގޮތުގައި ގެނެޔަސް އެމީހެއްގެ ހަގީގަތް ބެލުމަށްފަހު ނޫނީ ނުގެނައުމަކީ ކޮންމެހެންވެސް މުހިންމު ކަމަކަށް ވެއްޖެއެވެ. ދުނިޔެމަތީ ތަފާތު އެކި ވިސްނުންތަކާއި ފިކުރުގެ މީހުން ތިބިކަން ގަބޫލުކޮށް އެކަމަށް ހުށިޔާރުވާންޖެހެއެވެ.
މިއަދު ބިދޭސީންގެ ފަރާތުން ފެނިގެންދާ މަންޒަރުތަކުން، މިތަނަށް އައުމަށް ބައެއް މީހުން ޝައުގުވެރިވަނީ ރެގިއުލޭޓުނުކުރެވި އޮތް ދިރިއުޅުމެއްގެ ބޭނުމުގައިކަމަށް ފެނިގެންދެއެވެ. ދެތިން ކުންފުންޏަކުން ހަމައަށް ވަގުތައް މުސާރަ ނުދިނަސް ޖުމުލަ ގޮތެއްގައި އެއީ ދިވެހިންގެ ހަގީގަތެއް ނޫނެވެ. ލޮލެއް ބޮލެއް ބެލުމެއް ނެތި ރާއްޖެއަށް މީހުން އެތެރެކުރުމުގެ ތެރޭގައި ބޮޑެތި ކުށްތަކުގެ ދައުވާއަށް ފިލައިގެން އައިސްފައިވާ މީހުންވެސް ރާއްޖެއަށް އެތެރެކުރެވިފައިވާކަން ފެނިގެންދެއެވެ. މިހެން ދެންނެވެނީ ވަރަށް ރަހުމު ކުޑަކޮށް ދިވެހިން މަރާފައިވުމުގެ ދައުވާ އުފުލިފައިވާ ބިދޭސީންގެ މައްސަލަތަކުގައި ޝަރީއަތްކުރެވެމުންދިއުމާއިއެކުއެވެ. ކުދި ކުދި މާލީ މުއާމަލާތްތަކުގައި އުފެދޭ ކޯޅުމެއްގައި ރަހުމުކުޑަ ގޮތަކަށް މީހަކު މަރާނީ ކުށުގެ ވެށީގައި ވަރަށް ބޮޑަށްވެސް އަރާ ފޯދިފައި ހުރި މީހެކެވެ. އެކަން ކުރުމަށްފަހު ފިލަން މަސައްކަތްކުރާނީ އެކަމުގެ ތަޖުރިބާ ހުރި މީހެކެވެ. ފުރާނައެއް ނަގާލުމަކީ އާންމު ވިސްނުމުގައި ހުރި މީހަކަށް ބޮޑު ޝޮކެއް ލިބިގެންދާނެކެމެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި ބައެއް ބިދޭސީން ހަރަކާތްތެރިވާ ގޮތުންވެސް އެއީ ރާއްޖެއަށް އައުމުގެ ކުރިންވެސް އާދައިގެ މަތިން އުޅެމުން އައި ގޮތްކަމަށް ބުނުމަށް ޖާގަ ލިބެއެވެ.
މި މައްސަލަ އޮތް ހިސާބު ނަންބަރުތަކުންވެސް ބަލާލަމާތޯ؟ ރާއްޖޭގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާންމުކޮށްފައިވާ ރިޕޯޓަކުން ދައްކާގޮތުން 568،362 މީހުންގެ އާބާދީއެއް އޮތް ރާއްޖޭގައި 32 އިންސައްތަ ނުވަތަ 182،666 މީހުންނަކީ ބިދޭސީންނެވެ. 2014 އަދި 2021 ވަނަ އަހަރުގެ ދެމެދު އަހަރެއްގެ މައްޗަށް ދިވެހިންގެ އަދަދުތައް އިތުރުވަމުން އައިސްފައިވަނީ 1.6 އިންސައްތައިންކަމަށްވާއިރު ބިދޭސީންގެ އަދަދުތައް 7.8 އިންސައްތައިން އިތުރުވަމުން އައިސްފައިވެއެވެ. މިއީ މައްސަލައެކެވެ. ބަޔަކު ނުރުހުނަސް ނުރައްކަލެވެ. ވަސީލަތްތައް މަދު ރާއްޖޭގައި އެތަކެއް ދިވެހިންނެއް ވަޒީފާގަނޑެއްވެސް ނުލިބިގެން ތެޅޭއިރު އެކަށީގެންވާ މުސާރަތަކެއް ދިނުމުގެ ބަދަލުގައި އަގު ހެޔޮ ލޭބަރުން ހޯދުމަށްޓަކައި ހިންގަމުންދާ މި ޖަރީމާގެ ސަބަބުން ދިވެހި އިގްތިސާދުގެ ކޮލިޓީ ދުވަހަކުން ދުވަހަކަށް ދަނީ ދަަށަށެވެ. ރިސޯޓުތަކަށް ބެލިޔަސް ފެންނަނީ މި މަންޒަރެވެ. މި ހާލަތު ނެތްނަމަ ގާނޫނީ ގޮތުން ދިވެހިންގެ ވަކި އަދަދެއް ރިސޯޓުތަކުގައި ތިބެންޖެހޭނެކަމަށް ކަނޑައަޅައި މަޖުބޫރުކުރާކަށް ނުޖެހޭނެއެވެ. އެކަން ކުރަންޖެހުނީ މި ހާލަތު އޮތުމުންނެވެ. ނަމަވެސް ހައްލެއް އައިސްފައިނުވެއެވެ. އެކަމަށް ތަބާވީ މަދު ބައެކެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަގުލަބިއްޔަތަކީ މަސައްކަތުގެ ބޭނުމަށް ހިޖުރަކޮށްފައިވާ މީހުންނެވެ. މީގެ މާނައަކީ މި ވެރިންގެ ތެރޭގައި ގިނައީ ގައިބާރު ހުރި އުމުރުގެ މީހުންކަމެވެ. އެހެންކަމުން ރާއްޖޭގައި 182،666 ވަރުގަދަ ބިދޭސީ ފަހުލަވާނުން އެބަ ތިއްބެވެ. ނަމަވެސް ދިވެހިންގެ އާބާދީގެ 32 އިންސައްތައަކީ ކުޑަކުދިންނެވެ. އެހެންކަމުން މުސްކުޅިންނާއި ކުޑަކުދިން ކަނޑާލުމުން މަސައްކަތްތަކުގައި އަހުލުވެރިވުމަށް އެންމެ އެދެވޭ އުމުރުގެ ދިވެހިންގެ އަދަދުތައް ބިދޭސީންގެ އަދަދުތަކާއި އަޅާބަލާއިރު މަދެވެ. މިއީ ނުރައްކަލެކެވެ. ތާރީހަށް ބަލާލާއިރު އެކަން ސާފެވެ. މީގެ އަހަރުތަކެއް ކުރިން އެންމެ ކުންފުންޏަކުން ބިދޭސީން ނުކުމެ ކޮށްލި ހަޅުތާލެއް ކޮންޓްރޯލްކޮށްލަން ކަމާއި ބެހޭ މުއައްސަސާތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. 182،666 މީހުން މަގުތައް މައްޗަށް ނުކުމެއްޖެ ހާލަތެއްގައި ކަންވެގެންދާނެގޮތާއިމެދު ވިސްނާލިންތޯ؟ އެފަދަ ހާލަތެއް ކޮންޓްރޯލް ކުރެވިދާނެކަމަށް ގަބޫލުކުރެވޭތޯ؟
އަދި ރާއްޖޭގައި މިފަދަ ހާލަތެއްގައި ނަސީބުހުރިގޮތުން މެދުވެރި ނުވެއެވެ. މެދުވެރިވުމަށް އުންމީދެއްވެސް ނުކުރަމެވެ. ނަމަވެސް ދުނިޔެމަތިން ފެންނަމުންދާ ކަންކަމަށް ބަލާލުމުން މިފަދަ ހާލަތެއްގެ ފުރުސަތު އޮތްކަން ވަރަށްވެސް ޔަގީނެވެ. ނަމަވެސް އެ ގައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިފަދަ ހާލަތަކުން އަރައިގަތުމަށް ތައްޔާރަށް އޮތް ގައުމެއް ނޫނެވެ. އެެހެންކަމުން މިފަދަ ހުޅެއް ރޯވުމުގެ ކުރިން ނިއްވާލުން ބުއްދިވެރިކަމަށް ފެނެއެވެ. ނޫނީ ފެނިގެންދާނީ އަތުން ކައްސާލާ މަންޒަރެވެ.

