މަސްތުވާތަކެތި އުފައްދާ ފަރާތްތަކުގެ އައު އުކުޅުތަކާ އަޅާބަލާއިރު، ޤާނޫނު ހަދާ ފަރާތްތައް އަބަދުވެސް ފަހަތުގައި ތިބޭކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު ޒިޔާދު މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ތާއީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ މިހާރު އޮތް ނުރައްކާތެރި ހާލަތާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށާއި، މި ހާލަތާ އެކަށީގެންވާ ގޮތަށް ޤާނޫނަށް އަބަދުވެސް އިޞްލާޙު ގެންނަމުންދާ ކަމުގައި ޒިޔާދު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކަކީ މިވަގުތަށް ނުހަނު މުހިންމު އިޞްލާޙުތަކެއް ކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތައް ތަޙުޤީޤުކުރުމަށާއި ޙުކުމް ތަންފީޛުކުރުމަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.
“ މިހާރު މި ޤާނޫނުގައި މި ބުނާ ގޮތަށް ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ދޭ ލަފާ ޤަރާރަކުން ފާސްކުރީމައި އެ ލިސްޓަށް ހިމެނޭ ގޮތަށް އޮންނަ އޮތުންމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ގޮތް. ކޮންމެހެން މަޖިލިހަށް ފޮނުވައިގެން އެޔަށް ރުހޭ ތޯ ނުރުހޭ ތޯ ބެލުން މިހާލަތުގައި އެންމެ ރަނގަޅު ނޫންކަން“ މެމްބަރ ވިދާޅުވިއެވެ.
މެމްބަރ ވިދާޅުވީ، މަސްތުވާތަކެތި އުފައްދާ ފަރާތްތަކުން އަބަދުވެސް ތިބެނީ ޤާނޫނު ހަދާ ފަރާތްތަކަށް ވުރެން ކުރީގައި ކަމަށެވެ. މަސްތުވާތަކެއްޗަކީ ކުއްލިއަކާއި އެތެރެވެގެން އަންނަ އެއްޗެއް ނޫންކަމަށާއި އެއީ ބިލިއަން ޑޮލަރުގެ ވިޔަފާރި ކަމަށް މެމްބަރ ވިދާޅުވިއެވެ. ޤާނޫނުތައް ހަދާފައިހުރި ނަމަވެސް މުޖުތަމައު ދަނީ ހަލާކުވެގެން ކަމަށް މެމްބަރ ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ގެނެވިފައިވާ އިސްލާހުތަކަށް ތާއިދު ކުރެއްވި ނަމަވެސް އިތުރަށް ވިސްނާލަށް ބޭނުންވާ ކަމަކީ ރިމާންޑް ސެންޓަރ ތަކުގެ ބަދަލުގައި ޖަލުތަކުން ފަރުވާ ދެވޭ ގޮތަށް އޮންނަ އޮތުން ކަމަށް މެމްބަރ ވިދާޅުވިއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރި ގޮތުން ކަމަށް މެމްބަރ ވަނީ ފާހަގަކުރެއްވިއެވެ.
މެމްބަރ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޤާނޫނުން ލިބެނީ 10 ޕަސެންޓް ކަމަށާއި ބާކީ 90 ޕަސެންޓް ގުޅިފައިވަނީ ތަންފީޒީ އިދާރާތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކަމަށެވެ. އެހެން ކަމުން މަސްތުވާތަކެއްޗަށް ހުށަހެޅުމުގެ ދޮރުތައް ބަންދުކުރުމަށްީ ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރުމާއި ތަންފީޒީ އިދާރާތައް ހަރުދަނާކުރުން މުހިންމު ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ.

