ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާއިން ފެށިގެން އެފްއެސްއެމްގެ 4 ސައިޓަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބައެއް ސައިޓުތަކުން އެސްޓީއޯ ރޭޓުގައި ތެޔު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ހޯމަ ދުވަހު ކ ގާފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އެސްޓީއޯ ރޭޓުގައި ތެޔޮ ހޯދުމުގައިވެސް ކުރިއަށް އޮތް ތަނުގައި ލުއިތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އަންގާރަ ދުވަހުން ފެށިގެން އެފްއެސްއެމްގެ 4 ސައިޓަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫސިޓީ ހުޅުމީދޫއެވެ.

އަދި ކޫއްޑޫއާއި، ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސްޓީއޯއިން މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، މަސްވެރިންގެ ދަފްތަރު އެކުލަވާލެވިގެން ދިއުމުން މަސްވެރިންނަށް އެކި ކަހަލަ ލުއިތައް ލިބި، އެކި ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރިވެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުރިހާ ދާއިރާއަކުންވެސް އެއްވެސް ފަރުވާކުޑަ ކުރުމެއް ނެތި، ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާ، ތައުލީމީ ދާއިރާ އަދި އެނޫންވެސް އެކި ދާއިރާތަކުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން މި ސަރުކާރުން ކޮށްދެއްވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގާފަރުގައިވެސް އެންމެ ބޭނުންފުޅުވި ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދެވިފައިނުުވަނީ 19 ވަނަ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގެ ސަބަބުން ކަމަށާއި، ނަމަވެސް މިހާރު މި ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާއެކު މަޝްރޫއުތަައް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ރައީސް ވަނީ ކ ގާފަރަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ ވައުދުފުޅުތައް މި ސަރުކާރުން ފުއްދަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެރަށު އައިސްޕްލާންޓުވެސް ދެގުނައަށް ބޮޑުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމަކީ އިޤްތިސާދުގެ އެންމެ މުހިއްމު އެއް ސިނާއަތުކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އަދި މި ސަރުކާރާ ޙަވާލުވިއިރު މަސްވެރިކަމުގެ ޙާލަތު އޮތީ ނުހަނު ނާޒުކުކޮށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިފްކޯ އޮތް ޙާލަތު ރަނގަޅުކޮށް، މިފްކޯ ރިފޯމް ކުރުމާއި، މި ސިނާއަތު ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަމާއި، ހުރި އެކި ގޮންޖެހުންތަކާއެކު ބައެއް ވައުދުތައް ފުއްދުން ލަސްވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: