ގާފަރުގައި ކުރިއަށް ގެންދަން ވަޢުދުވެވަޑައިގެންފައި ހުރި ކަންކަން އަންނަ އަހަރު ހިނގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ގާފަރުގެ ތަރައްޤީގެ ކަންކަން ގެންދެވިފައި ނުވާ ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ގާފަރުގެ ތަރައްޤީއަށް އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގާފަރު ބަނދަރުގެ ދަތިކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ބަނދަރު ބޮޑުކުރަން ޖެހުމާއި، ބަނދަރުގެ މަރާމާތުތަކެއްވެސް ހުރުމާއެކު، ކައުންސިލާ މިނިސްޓްރީއާ ގުޅިގެން މެދު، އަދި ދުރު ރާސްތާއަށް އެކަށީގެންވާ ކަހަލަ ޑިޒައިނެއް ހެދުމަށް، ކައުންސިލް ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށާއި އެ ބަނދަރަކީ އެ ރަށުގެ ތަރައްޤީގެ ކަންކަމަށް ކުރިއަށް ހުރި އަހަރުތަކުގައި އެކަށީގެންވާ ގޮތަށް، މެދު އަދި ދުރު ރާސްތާއަށް ވިސްނައިގެން ބަނދަރުގެ ޑިޒައިން އެގޮތަށް ނިމުނީމާ، ޕީ.އެސް.އައި.ޕީ. މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިގެން ވަރަށް އަވަހަށް އެ މަޝްރޫޣު ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

