ޑޮލަރު މާރުކުރުމުގެެ އިހުތިޔާރުތަކެއް ހިމަނައިގެން، ބޭރު ފައިސާއާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.
މި ބިލަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލެކެވެ. ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބޭރު ފައިސާގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތުގައި އޮތޯރިޓީ އަށް ލިބިފައިވާ ހިޔާލުތަކާއި، މި ބިލާއި ގުޅުން ހުރި ވުޒާރާތަކުން ދެއްވާފައިވާ ހިޔާލުތަކަށާއި، އޮތޯރިޓީގެ ބޯޑުގެ ލަފާގެމަތިން ގެނެވިފައިވާ މުހިއްމު ބަދަލުތައް ހިމަނާފައިވެއެވެ.
ބިލުގައި ދީފައިވާ އިހުުތިޔާރަށް ބަލާއިރު، ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި ”ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް“ ތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް ޕްރޮސީޑްސްގެ) %20 މާރުކުރުމުގެ އިޚްތިޔާރު ވަނީ ދީފައެވެ.
ހަމައެއާއެކު، ”ކެޓެގަރީ ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް“ ތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 25.00 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް ޕްރޮސީޑްސްގެ) %20 މާރުކުރުމުގެ އިޚްތިޔާރު ދީފައިވެއެވެ.
ބޭރު ފައިސާގެ ބިލުގައި ހިމެނޭ ކަންކަން:
- ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަކަށް ޖަމާކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައިހިމެނޭ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15,000,000.00 (ފަނަރަ މިލިއަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ހިމަނާފައިވުން.
- ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި ”ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް“ ތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް ޕްރޮސީޑްސްގެ) %20 މާރުކުރުމުގެ އިޚްތިޔާރު ދިނުން
- ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި ”ކެޓެގަރީ ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް“ ތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 25.00 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް ޕްރޮސީޑްސްގެ) %20 މާރުކުރުމުގެ އިޚްތިޔާރު ދިނުން
- މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު މުރާޖަޢާކުރުމުގެ 1 ވަނަ ނަންބަރަށް ބޭރު ފައިސާއިން އަދާ ކުރަންޖެހިފައިވާ ޓެކްސްގެ އިތުރުން ސަރުކާރަށް ބޭރު ފައިސާއިން އަދާކުރަންޖެހޭ އެހެނިހެން އިލްތިޒާމްތައް ހިމެނޭގޮތަށް އިސްލާހުކުރުން.
- ސެކިއުރިޓީޒް މާކެޓުގައި ހިންގާ މުއާމަލާތްތައް އިސްތިސްނާ ކުރުމަށް ހިމެނުން.
- 14 ވަނަ މާއްދާގެ (ރ) ”އަދި މީގެއިތުރުން، މީރާއިން މި ޤާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ބަލާ މައްސަލަތަކުގެ މަޢުލޫމާތު މާލީ އިދާރާތަކުން ހޯދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.“ މިފަދައިން ބަދަލު ކުރުން.
- ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ކޯޓު މަރުޙަލާއަށް ދިޔުމުގެ ކުރިން، އެމްއެމްއޭއިން ފެނިއްޖެ ޙާލަތެއްގައި ހަދާ ޤަވާއިދެއްގެ ދަށުން ޖޫރިމަނާ ދެއްކުމުގައި ލުއި ދިނުމާއި ގުޅޭގޮތުން މާއްދާ އެއް އިތުރުކުރުން
ބިލަށް ބަލާއިރު، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާ ދެއްވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި ކަންކަމަށް މި ބިލުގައި ބަދަލެއް ގެނެސްފައިނުުވާކަން ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ބަދަލުގައި ގުޅުންހުރި ދާއިރާތަކުން ހުށަހެޅުއްވި ހުށަހެޅުންތަކަށް ބިނާކޮށް އިހުތިޔާރެއް ދީފައިވެއެވެ.
އޭގެ އިތުރުން، އިތުރު ކުރެވުނު ކެޓަގަރީގެ ސަބަބުން ކުރިން އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އިގްތިޞާދަށް ފައިދާ ކުރާނެކަންވެސް ފާހަގަކޮށްފައިވެއެވެ.

