ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅާއި، މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އއ. އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވި އެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ސްކޫލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލައްވާފައެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލުތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މުއިއްޒު މި އަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅާއި އެކު މިހާތަނަށް އެމަނިކުފާނު ވަނީ ޖުމްލަ 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި ރަށްތަކަށް ވަޑައިގެން ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭ ގިނަ މައުލޫމާތުތައް ހާމަކުރައްވާފައި ވެއެވެ.

