ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކޮށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޕާޓީގެ ވެރިން ދައްކަމުންދާ ވާހަކަތަކަށް ރައީސް މުހައްމަދު އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް ރައްދު ދެއްވައިފިއެވެ.
އިއްޔެ އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ”ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް“ ކަމަށެވެ. މި ބަސްފުޅަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ސަރުކާރުގައި އިނގިރޭސިވިލާތުގައި ހުންނެވި ރާއްޖޭގެ ސަފީރު ފަރަހަނާޒް ވިދާޅުވެފައިވަނީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކު ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ފަރަހަނާޒް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން“ ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑްތޯ ސުވާލު އުފައްދަވާފައިވެއެވެ.
ފަރަހަނާޒް އިތުރަށް ވިދާޅުވެފައިވަނީ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން ކަމަށެވެ. މި ބަހުސް އުފެދިފައިވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހުގައި ހަރުކަށި ބަސްތައް ބޭނުންކުރަމުންދާ ދަނޑިވަޅެއްގައެވެ.


One Response
ރީނދޫހުންޖެހުނީމަ ކިޔޭއެއްޗެއް އެކުދިންނައްނޭނގެނީ އެއީ އެކުދިންގެޙާލު