ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ހުރި ފުލުހުންގެ އެކަޑަމީ މަރާމާތުކުރުމަށް އިންޑިއާއިން 8.5 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި

ދާޙިލީ ސަލަމާތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ ފުލުހުންގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓުގެ މަރާމާތުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން 8.5 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. ޢިސްމާޢިލް ޝަފީޢުއެވެ. އަދި މި ރަސްމިއްޔާތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ސަރްދާރު ވައްލަބާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަމިތު ގަރްގް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުން މި ބޮޑު އަދަދުގެ އެހީއެއް ދިނުމަށް ނިންމާފައިވުމުން އެނގިގެންދަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޚާއްޞަ ގުޅުމެވެ.

މީގެ އިތުރުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހޯމް ސެކްޓަރއަށް ޚާއްޞަ މިޝަންތަކެއް ހަވާލުކުރައްވާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ މަސްތުވާތަކެތީގެ ވަބާއިން ދިވެހިރާއްޖެ އެއްކޮށް ސަލާމަތްކުރުމާއި، ގޭންގު ހަރަކާތްތައް ހުއްޓުވުން ހިމެނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ކުށުގެ މާޙައުލުގައި އުޅޭ ޒުވާނުން އެ މާޙައުލުން ސަލާމަތްކޮށް، ރައްކާތެރި މާޙައުލަކަށް ގެނެސް، އެ ކުދިންނަކީ ދިވެހިރާއްޖެއަށް ފައިދާހުރި ޒުވާނުންތަކަކަށް ހެދުމަކީ ހޯމް މިނިސްޓްރީގެ ޒިންމާގެ ތެރެއިން ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ.

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމް މިނިސްޓްރީގެ ތެރޭގައި ހިމެނޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމަކީ މިއަދު ތަމްރީނު ކޯހުގެ ދަސްވެނިވާ ދަރިވަރުން ވަރުގަދަ އަޒުމަކާއެކު ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނިންމާލަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ މާޙައުލު އޮތް ގޮތުން ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގަމުންދާ ކަމަށާއި، އެފަދަ ކަންކަމަށް ”ނޫނެކޭ“ ބުނަން ކެރެންޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ދަސްވެނިވެފައިވާއިރު، މި ކޯހުގެ ދަރިވަރުންނަށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މަޢުލޫމާތު ދެވިފައިވާ ކަމަށް ބެލެވެއެވެ.

އިންޑިއާ ސަރުކާރުން ދޭން ނިންމި 8.5 މިލިއަން ޑޮލަރުގެ އެހީއަކީ އައްޑޫގައި ހުރި ފުލުހުންގެ އެކަޑަމީގެ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، ފުލުހުންގެ ތަމްރީނުތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. މި އެހީގެ ސަބަބުން ދިވެހި ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނުތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މި އެހީއަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ. އަދި މި އެހީގެ ސަބަބުން ދެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ތަޖުރިބާ ބަދަލުކުރުމުގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: