”ރާއްޖެއަށް ލިބޭ ކާއެތިކޮޅު މުޙައްމަދު އަމީން މާ ބޮޑަށް އިސްރާފު ކުރައްވަނީކަމާއި، އަމީން ވެރިކަމުން ދުރުކޮށްގެން މެނުވީ އެ ޙާލަތުން އަރައި ނުގަނެވޭނެކަމަށް ވާހަކަ ދެކެވެން ފަށައިފިއެވެ. އަމީން ފަހުން ފަހުން އެ އުޅުއްވާ ގޮތަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ. ދުންފަތް މަނާކުރައްވައި މީހުންނަށް ބޮޑެތި އަދަބުތަކެއް ދެއްވަނީއެވެ. ހުވަދުއަތޮޅު އަތޮޅުވެރިޔާއަށް ވިހަ ލާފައިވާ ސައިތައްޓެއް ބޯންދީ މަރާލިކަމުގެ ކުށުގައި ބަޑިޖަހައި ޙަކީމް ދީދީ މަރާލައިފިއެވެ. ޝާހީ ރަންތަކަކާ ގުޅޭ ބޮޑު ވައްކަމަކަށް އިއުތިރާފުވި ގޮމާގޭ ސީދީގެ އަތް ބުރިކޮށްލައްވައިފިއެވެ. އެހެންވީމާ ބަދަލެއް ގެންނަން މިވަނީ ޖެހިވަޑައިގެންފައެވެ“
މިއީ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ދީދީއާމެދު އަރިހުގައި އުޅުއްވި ބޭފުޅުން ނުރުހުންވެ، ވެރިކަމާ ދެކޮޅަށް ފޫގަޅާލި ސަބަބުތަކާއި، އަމީން ދީދީގެ ނިމުން އައި ގޮތުގެ މައްޗަށް މުޙައްމަދު ޖަމީލް ލިޔުއްވި ފޮތުގައި ލިޔުއްވާފައިވާ ވާހަކަތަކެވެ.

ވެރިކަން ވައްޓާލުމުގެ މުޅި ޕްރޮޕަގެންޑާ ފެށިގެން އައީ އަމީން އާލާސްކަންފުޅާ ސިލޯނަށް ވަޑައިގެންނެވި ހިސާބުންކަމަށް ފޮތުގައި ލިޔުއްވާފައިވެއެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު އަމީން ދީދީގެ ”ޒަމާން ދުއްވާލުމުގެ“ ޕްލޭން އޮތީ އެކުލަވާލައި ނިމިފައެވެ.
”ތިޔަ ހުރިިހާވެސް މައްސަލައަކީ ބިޑިސުއްޓާއާއި އަތްކެނޑުން ނޫންތޯ“ މިއީ ސިލޯނުން އެނބުރި މާލެ ވަޑައިގެންނެވިއިރު އޮތް ސިޔާސީ ހަލަބޮލިކަމާމެދު ދޫނިދޫގައި ހުންނަވައި އަމީން ދީދީ ވިދާޅުވި ބަސްފުޅެވެ. އޭގެ ޖަވާބަކަށް އޭރު ސިފައިންގެެއާއި ދައުލަތުގެ ބާރުތައް ޙަވާލު ކުރައްވާފައި ހުންނެވި އިބްރާހިމް ދީދީ ވިދާޅުވިކަމަށްވަނީ،“ އަމީން ދީދީ މާލެ އަރާވަޑައިގަންނަވަން ރައްޔިތުން ބޭނުން ނުވޭ، ރައްޔިތުން އެދެނީ އަމީންގެ އަތުން ވެރިކަމުގެ ބާރުތައް ނަގައި، ސީދީބެއާ އަޅުގަނޑާ ދެމީހުންނާ ޙަވާލު ކުރަން“ މިހެންނެވެ.
ކޮންމެއަކަސް، އޭގެ ފަހުން ނުހަނު ސިއްރިއްޔާތުގައި އަމީން ދީދީ މާލެ ވަޑައިގެންނެވިިއެވެ. އެހިސާބުން އިބްރާހިމް ދީދީ ވިދާޅުވިކަމަށްވަނީ ”މުޙައްމަދު އަމީން މާލެ އަރައި އެބަހުރި، އެއީ އަހަރުމެން އެންމެންގެ ހަލާކު، ކަލޭމެން އަވަހަށް ގުޅަކުޅޭ ފަސްގަނޑަށްދޭ“ މިހެންނެވެ.
އޭރު އަމީން ދީދީ މާލެއިން ދިމާވި ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، އެނބުރި ވަޑައިގެންނެވީ ވެރިކަން ބޭނުންފުޅުވެގެނެއް ނޫން ކަމަށާއި، ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް ބަދަލު ކުރައްވައި، ޤައުމުގެ ވެރިއަކަށް އެހެން ބޭފުޅަކު އައްޔަނު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ކޮންމެ ވަޒީފާއެއްގައި ހުންނަވައިގެންވެސް ޤައުމާއި ރައްޔިތުުންނަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވާކަމަށް އަމީން ވިދާޅުވިއެވެ.
އެހެންނަމަވެސް އެތަނުގައި ތިބި މީހުންގެ ކިބައިންވެސް ފެނުނީ ރުޅިވެރިކަމެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަމީން ސިލޯނަށް ވަޑައިގެންނެވި ހިސާބުން އަމީންއާމެދު ރައްޔިތުންގެ ރުޅިވެރިކަން އުފެއްދުމަށް އެތައް މަސައްކަތްތަކެއް ހުރީ ކުރެވިފައެވެ.
އެންމެ ފަހުން އަމީން ދީދީ ”ހަވަރުގެ ޝިކާރައަކަށް“ ވެގެން ދިޔަ ގޮތްވެސް ފޮތުގައި ތަފްސީލީ ގޮތެއްގައި ލިޔުއްވާފައިވެއެވެ. އަމީން ދީދީއަށް އޭރު ކުރި އަނިިޔާގެ ތަފްސީލުތައްވެސް ބަޔާންކޮށްފައިވެއެވެ.
އެ މަންޒަރު ފޮތުގައި ސިފަ ކުރައްވާފައިވަނީ ”އެމީީހުން ފުންމަފުންމައިގެން އައިސް އަމީންގެ ގައިކޮޅުގައި ތަޅައިގަތެވެ. ބަނޑުހައިވެފައި ތިބި މިނިކާ ސިންގާތަކެއް ކާއެއްޗެއް ލިބިގެން އެއަށް ހުރިހާ ސިންގާތައް އަރައިގަނެގެން އުޅޭ ބީދައިން، މުޙައްމަދު އަމީންގެ ގައިކޮޅަށް އަރައިގަނެ، ބިންމައްޗަށް ވައްޓާލިއެވެ. ފައިންނާއި އަތުން އެމީހަކަށް ޖެހުނު ގޮތަކަށް ތަޅައިގަނެގެން އުޅުމުގެ ތެރޭގައި މީހަކު އޭނާގެ އަތުގައި އޮތް ފަލަ ދަނޑިބުރިއެއް އަތްދަމާލާފައި ހޫރާލުުމުން އެރީ މުޙައްމަދު އަމީންގެ އިސްތަށިފުޅަށެވެ. އެ އެތިފަހަރުން ލިބިވަޑައިގެންނެވި ވޭނުން ކުރުގެޅިއްޖެއެވެ. އިސްތަށިފުޅުގެ ފުއްކިބައިން ތަންގަނޑެއް ފަޅައިގެން ގޮސް، ލޭ އޮހޮރެން ފެށިއެވެ. މޫނުފުޅަށް އަންނަ އެތިފަހަރުތަކުން ސަލާމަތްވެވޭތޯ ބިޑިއަޅާފައިވާ ދެ އަތްޕުޅު ބޭއިޙްތިޔާރުގައި މޫނުފުޅާ ގާތް ކުރެވެއެވެ. ބުރަކަށިފުޅާއި މޭފުޅަށް އަރާ އެތިފަހަރުތަކުގައި ބޭ އިހްތިޔާރުގައި ކަރުތެރެއިން ނުކުންނަ އުހް އަޑުފުޅެއް ފިޔަވައެވެ. އަނގަޔާއި ނޭފަތުންވެސް ލޭ ފައިބައެވެ. ލިބިވަޑައިގަންނަވަމުން ދިޔަ އަނިޔާތަކުން ހަށިކޮޅުގެ ބާރު ދޫވެއްޖެއެވެ.“ މިހެންނެވެ.
ކޮންމެއަކަސް މިއީ އަމީން ދީދީއަށް ލިިބިވަޑައިގެންނެވި އަނިޔާތަކުގެ ހަމައެކަނި ފެށުމެވެ. ކުޑަ މިންވަރެކެވެ.
އަމީން ދީދީއަށް ކުރަމުންދިޔަ އަނިޔާގެ ތެރެއިން ހަތަރެސްފައިގައި ހިފައި މާލޭ ބޮޑު ސްޓޯރަށް ވެއްދި ވާހަކަވެސް ފާހަގަކޮށްލަން ޖެހެއެވެ. ސަބަބަކީ ބޮޑު ސްޓޯރަށް އަމީން ދީދީ ވެއްދިއިރު އެތަނުގައި ތިބި މީހުން ގޮވަމުން ދިޔައީ މިފަހަރު ރަނގަޅަށް ކިރާލަންވާނޭއެވެ. ބޮޑު ސްޓޯރަކީ ރާއްޖޭގެ މަސް ވޯރާ ވިޔަފާރިވެރިންގެ ކޮންޓްރޯލުން ނިމުމަކަށް ގެންނެވުމަށް، މަސް ގަނެ ކިރުަމަށް އަމީން އުފެއްދެވި ތަނެކެވެ. ބޮޑު ސްޓޯރަށް މަސް ކިރަން މަޖުބޫރު ވުމަކީވެސް އޭރު އަމީންދިދީގެ ވެރިކަން ދެކެ މީހުން ރުޅި އައިސްފައި ތިބި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެކަމުންވެސް އެނގިގެންދާ ކަމަކީ އަމީން ދީދީ ހަވަރަށްދީ އަވަހާރަކޮށްލުމުގެ މުޅި ޙާދިސާ ގުޅިފައިވަނީ ބަޔަކު ވެރިކަން ދެކެ ހިތްހަމަނުޖެހިފައި ތިބި ތިބުމުގެ މައްޗަށް ކަމެވެ.
އަނިޔާތަކާއެކު ބަރަހަނާ ޙާލުގައި އަމީން އޮންނެވިއިރު، އެއްވެ ތިބި މީހުން ބުނަމުންދިިޔައީ ”ތިއޮތީ ވެރިކަން ކުރެވިފައެވެ“. އަދި އަމީންގެ ކިބައިން ބަދަލު ހިފާލެވިއްޖެކަމަށް ފަޚުރުވެރިކަމާއެކު އެމީހުން ބުނަމުންދިޔަކަމަށްވެއެވެ.
އެ ޙާލަތުގައި އަމީން ދީދީއަށް ވާހަކަފުޅުވެސް ނުދެެއްކޭ މިންވަރަށް ޙާލަތު ގޯސްވެގެންދިޔައެވެ. ހަމައެކަނި ވިދާޅުވެވުނީ “ ދެން ނުތަޅަން ވީނު، ތިބޭކަލުންނަށް މިހާރު ދެން ތެޅިއްޖެއެއްނު“ މިފަދައިންނެވެ.
މި ދަނޑިވަޅަކީ މިވަގުތު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ބޭފުޅާއަށް ”އަމީނަށް ހެދި ގޮތް ހަދަން“ ބަޔަކު ގޮވާލައި، އެ ގޮވާލުން ދިފާއު ކުރަމުންދާ ދަނޑިވަޅެކެވެ. އެހެންނަމަވެސް، އެއީ އެންމެ އިންސާފުވެރި ބުނުމެއް ނޫންކަމާއި، އަމީން ދީދީއާމެދު ކަންތައް ވެގެން ދިޔަ ގޮތަށް އެހެން މީހަކާމެދު ކަންތައް ވާން އެދުމަކީ ސިޔާސީ ގޮތުން އަމިއްލަ އެދުން ބޮޑު ގޮވާލުމަކަށް ނޫނީ ނުވާނެކަމަށްވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
އަމީން ދީދީގެ ވެރިކަމުގައި ގެންގުޅުއްވި ބައެއް ސިޔާސަތުތަކާމެދު ރައްޔިތުންގެ މެދުގައި ނުރުހުން އުފެދިފައިވާކަން ޝައްކެއްނެތް ގޮތުގައި ސާބިތުވެއެވެ. ނަމަވެސް، މިފަދަ ނުރުހުންތަކަށް ޙައްލު ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ އަނިޔާވެރިކަމާއި ރަޙުމްކުޑަ ޢަމަލުތަކެއް ނޫނެވެ. އެމަނިކުފާނު ސިލޯނަށް ވަޑައިގެންނެވި ފަހުން، ވެރިކަން ވައްޓާލުމުގެ ރޭވުންތައް ފެށުނު ކަމަށް ތާރީޚުން އެނގެއެވެ. މިއީ ޤާނޫނީ އަދި އިންސާނިއްޔަތުކަމުގެ ހަމަތަކާ ޚިލާފު ޢަމަލެކެވެ.
އަމީން ދީދީ މާލެ އެނބުރި ވަޑައިގަތުމުން ހިނގައިދިޔަ ކަންތައްތަކަކީ އިންސާނިއްޔަތުކަމުގެ އެއްވެސް މިންގަނޑަކުން ބަލައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ. އެމަނިކުފާނަށް އަނިޔާކޮށް، ހަވަރަށް ގެންގޮސް އަވަހާރަކޮށްލުމަކީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ކުރެވުނު ލާއިންސާނީ ޢަމަލެކެވެ. މިފަދަ ޢަމަލުތަކަކީ އިސްލާމްދީނުގައިވެސް އަދި އެއްވެސް ތަހުޒީބު މުޖުތަމަޢުއެއްގައިވެސް ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫނެވެ.
މިއަދު ވެރިކަމުގައި ހުންނެވި ބޭފުޅަކާމެދު މިފަދަ ގޮތަކަށް ޢަމަލުކުރަން ގޮވާލުމަކީ އެއްވެސް ޙާލެއްގައި އިންސާފުވެރި ކަމެއް ނޫނެވެ. މިފަދަ ގޮވާލުންތަކަކީ ޤައުމުގެ ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަމަށް ނުރައްކާވެދާނެ ކަމެކެވެ. އަދި މިފަދަ ގޮވާލުންތަކަކީ ޤާނޫނީ ގޮތުން ކުށެއްކަމުގައިވެސް ބެލެވިދާނެއެވެ.
ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރަންވާނީ ޞުލްޙަވެރި އަދި ޤާނޫނީ ގޮތްތަކުންނެވެ. ވެރިކަމުގައި ތިއްބަވާ ބޭފުޅުންނާމެދު ޚިޔާލު ތަފާތުވުމަކީ ޑިމޮކްރަސީގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް، މި ތަފާތުވުންތައް ފާޅުކުރަންވާނީ ޤާނޫނާއި ގަވާއިދުގެ ތެރެއިންނެވެ. އަނިޔާވެރިކަމާއި ރަޙުމްކުޑަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ޙައްލެއް ނޫނެވެ.
މުޙައްމަދު އަމީން ދީދީގެ ހިތާމަވެރި ނިމުމަކީ އަޅުގަނޑުމެންގެ ޤައުމުގެ ތާރީޚުގައި ތަކުރާރުވެގެން ނުވާނެ ކަމެކެވެ. މިއަދުގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން، އަޅުގަނޑުމެންނަށް ލިބިފައިވާ ޙައްޤުތަކާއި މިނިވަންކަން ބޭނުންކޮށްގެން، ސުލްޙަވެރި ގޮތުގައި ބަހުސްކޮށް، ޚިޔާލު ތަފާތުވުންތައް ޙައްލުކުރުމަކީ މުހިންމު ކަމެކެވެ.
ވެރިކަމުގައި ތިއްބަވާ ފަރާތްތަކާމެދު ފާޑުކިޔުމާއި، އިޞްލާޙީ ޚިޔާލު ހުށަހެޅުމަކީ ޑިމޮކްރަސީގެ މުހިންމު ބައެކެވެ. ނަމަވެސް، މިކަން ކުރަންވާނީ އަދަބާއި އިޙްތިރާމާއެކު، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަނިޔާވެރިކަމާއި ބިރުދެއްކުމަކީ އެއްވެސް މައްސަލައެއްގެ ޙައްލެއް ނޫނެވެ.


One Response
ކިތަންމެ ބޭނުން ވިޔަސް މިހާރަކު އެހެނެއް ނުހެދޭނެ. މީކީ އެޒަމާނެއްނޫން…