ދިވެހިރާއްޖޭގެ ޑިމޮކުރެސީގެ މަންމައާއި ބައްޕައަކީ އެމްޑީޕީ ކަމަށްބުނެ އެމްޑީޕީން މިއަދު ކުރައްވަމުން އެ ގެންދަވަނީ ޑިމޮކްރެސީއާއި ޙިލާފު ކަމެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
މެމްބަރ ވަނީ އެމްޑީޕީގެ ޗެއާރ ޕާސަން ފައްޔާޒު އިސްމާއީލް ދެއްކެވި ވާޙަކައަށް އަލިއަޅުވައިލައްވައިފައެވެ. “ ރައްޔިތުންނަށް ދެރަ ދިނީމައި، މުހައްމަދު އަމީނަށް ހަނދަންޖެހޭ ގޮތް ހަނދަން ޖެހޭ މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ދައްކައިފައިވާ ހަޤީޤަތެއް“ މިހެން ފައްޔާޒު ވިދާޅުވުމުން މެމްބަރ ސުވާލުކުރެއްވީ މިއަދު ހުންނެވި ރައީސުލްޖުމްހުރިއްޔާ ރައްޔިތުންނަށް ދެއްވައިފައިވަނީ ކޮންދެރައެއްތޯއެވެ.
މެމްބަރ ވިދާޅުވީ، ރައީސް މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ކަމަށާއި އަދި ވޭތުވެދިޔަ ސަރުކާރުން ޤައުމު ވައްޓާލި އަދަވަޅުން ޤައުމު ސަލާމަތް ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވައި ކަމަށް މެމްބަރ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް އަނިޔާކޮށް ދުންޕާންކޮށް އަދި ޤައުމު ފަސާދަކޮށް ވިއްކާލި މީހުން ނުކުމެ މިއަދު އެފަދަ ވާހަކަތައް ދައްކުމުން ދާތީ ހައިރާންވާން ކަމަށް މެމްބަރ ވިދާޅުވިއެވެ. އަދި އެބޭފުޅުން އަމިއްލަ ނަފްސަށް އެ ވާހަކަތައް ރައްދު ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވަނީ ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ފުރަތަމަ ރައީސްކަން ކުރެއްވި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީނަށް އިހްތިރާމް ކުރުމެއްނެތި ބަސް ބުނުމުން އެކަން ކުއްވެރިކުރާ ކަމަށް މެމްބަރ ވިދާޅުވިއެެވެ.
“ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަދަން ޖެހޭ ގޮތަކީ ކިޔާފަ މި ބުނަނީ އަނިޔާވެރިވި ރައްޔިތުންނަށް ދެރަ ދިން މީހެއް ގޮތުގައި “ މެމްބަރ ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތްތަކުން ބުނަމުން އައީ ރައްޔިތުންނަށް ދެރަ ދިނީމައި، މުހައްމަދު އަމީނަށް ހަނދަންޖެހޭ ގޮތް ހަނދަން ޖެހޭ ކަމަށް އަދި މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ދައްކައިފައިވާ ހަޤީޤަތެއް ކަމަށެވެ. ނަމަވެސް ތާރީހުން އެދައްކަނީ އެ މަންޒަރެއް ނޫން ކަމަށާއި ދިވެހިރާއްޖޭގެ ތާރީހުން ދައްކަނީ ރައްޔިތުން ބޭނުން ނުވުމުން ވޯޓުއާއެކު އެފަރާތްތައް ވެރިކަމުން އަޖުލުކުރުން ކަމަށް މެމްބަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޑިމޮކުރެސީގެ މަންމައާއި ބައްޕައަކީ އެމްޑީޕީ ކަމަށްބުނެ އެމްޑީޕީން މިއަދު ކުރައްވަމުން އެ ގެންދަވަނީ ޑިމޮކްރެސީއާއި ޙިލާފު ކަމެއް ކަމަށާއި އެއީ އިސްލާމްދީނާއިވެސް ޙިލާފު ކަމެއް ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ.

