އަމިއްލަ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި އެހެން މީހުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލިއަޅުއްވައިލައްވައިފިއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، މި ދުވަސް ފާހަގަކުރާއިރު އެންމެންގެ ޙައްޤުތައް ގުޅިލާމެހިފައިވާކަން ހަނދާންކުރަން ޖެހޭކަމަށެވެ. އަދި މިއަދަކީ އަމިއްލަ ޙައްޤުތައް ކަށަވަރުކުރުމުގައި އެހެން މީހުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ މުހިންމުކަން ފާހަގަކުރެވޭ ދުވަހެއްކަމަށާއި، މި އަސާސްތައް ޤާއިމުވެގެން ދިޔައީ 75 އަހަރުކުރިން އ.ދ.ގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ސޮއިކުރެވުނު މުޢާހަދާގެ ސަބަބުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވެފައިވަނީ، ކަރާމާތްތެރިކަމާއި، ހަމަހަމަކަމާއި، ޢަދުލުވެރިކަމަކީ ޑިމޮކްރަސީގެ ބިންގާކަމުގައި ދެކޭ މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތުގައި ދިވެހިރާއްޖެ ދެމިހުންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި އަމާން އަދި އެންމެންގެ ބައިވެރިވުން އޮންނަ މުޖުތަމަޢެއް ބިނާކުރުމަށް އިސްކަންދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ، މިކަން ޙާޞިލުކުރާނީ ދިވެހިރާއްޖެއަށް ޚާއްޞަކޮށް އެކުލަވާލެވޭ ސިޔާސަތުތަކާއި ޤާނޫނުތައް ތަންފީޛުކޮށް، ހަމަހަމަކަމާއެކު ޞިއްޙީ ޚިދުމަތްތަކާއި ތަޢުލީމު އަދި ޢަދުލު އިންޞާފު ފޯރުކޮށްދިނުމުގެ ތެރެއިންކަމަށެވެ. އަދި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، އަދި ޖިންސުގެ ހަމަހަމަކަމަށް އަހައްމިއްޔަތުކަންދޭނެ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

