ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށް، މައްސަލައާއި ގުޅުން ހުރި ގިނަ ބައެއްގެ ބޭންކު އެކައުންޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނާއި ގުޅޭގޮތުން އާންމު ކުރި ބަޔާނުގައި ފުލުހުން ބުނެފައި ވަނީ މިހާތަނަށް 4،048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް 1،1147 މީހުން ހުއްޓުވައި ސުވާލުކޮށްފައިވާނެކަމަށެވެ. އަދި އެ އެންމެން ވެސް ބަލައި ފާސްކުރުމަށް ފަހު 58 މީހަކު ހައްޔަރުކޮށްފައިވާނެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ 75 މައްސަލައެއް ތަހުގީގުކޮށް 65 މައްސަލައެއް ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާނެކަމަށެވެ.
މައްސަލައިގެ އޮޕަރޭޝަނުގައި މިހާތަނަށް ކުރެވުނު މަސައްކަތުންނާއި ހިންގުނު ތަހުގީގުތަކުން ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހުން ދެނެގަނެވިފައިވާކަން ފުލުހުން ފާހަގަކުރި އެވެ. އަދި ބުނެފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އެ މީހުންނަށް އެހީވާ މީހުން ދެނެގަނެވިފައިވާކަމަށެވެ.
އެގޮތުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ރަށުގައި ނެޓްވޯކް ހަދައިގެން މަސްތުވާތަކެތި ވިއްކައި، މަނީ ލޯންޑަރ ކުރާކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް/ ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު (34 އ.) އާއި ޏ. ފުވައްމުލައް/ ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29 އ.) އެވެ. ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހޯމަ ދުވަހު އެވެ.
ތަހުގީގަށް އެއްކުރެވުނު ބައެއް މައުލޫމާތުތައް ހިއްސާކޮށް ފުލުހުން ބުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓު މެދުވެރިކޮށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި އާޒިމްގެ ބޭންކު އެކައުންޓު މެދުވެރިކޮށް 7 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށެވެ.
މައްސަލައިގައި 21 މީހަކާއި 2 ކުންފުންޏެއްގެ އެކައުންޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި އެ މީހުންގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ ތުހުމަތު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

