އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އަދި މާވިން އެސްވައި ވަރގަސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިހާރު މި މައްސަލައިގައި ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.
ނިއުދިއްލީގައި ހުންނަ އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް ހެކިބަސް ދެއްވާފައިވަނީ މި މައްސަލައާ ގުޅޭ ސިރިންޖާއި ލޭގެ ސާމްޕަލްތަކެއްގެ އެނާލިލިސް ހެދި ޑޮކްޓަރެކެވެ. އެއީ ފެންނަ ފެނުމަށް ހުސް ސިރިންޖެއް ކަމަށް އޭނާ ކިޔާދިނެވެ. އެހެންކަމުން އިތުރު ތަހުލީލުތައް ހެދިއިރު، ލޭގެ ސާމްޕަލްއިން ”ސަކްސިނައިލްކޮލިން“ ފެނުނު ކަމަށާއި، ނަމަވެސް ސިރިންޖުން ”ސަކްސިނައިލްކޮލިން“ ފެނިފައިނުވާކަމަށް އޭނާ ކިޔާދިނެވެ.
ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ”ސަކްސިނައިލްކޮލިން“ އާއި، ”ޕޮޓޭސިއަމް ކްލޮރައިޑް“ ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތައި، ވާގި ނައްތާލުމަށް ބޭނުންކުރެވިދާނެ ފަދަ އަދި މީހަކު މަރާލެވިދާނެ ފަދަ އިންޖެކްޝަނެއްކަން ދައުލަތުން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.
އެއީ މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ލަމްޙާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

