ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތައް ކަށަވަރު ކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙު ތަސްދީޤުކުރައްވައިފި!

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ.

މިއީ، 02 ޑިސެންބަރު 2024 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 56 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ. ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއަށް ގެނެސްފައިވާ އިޞްލާޙުގެ މަގުސަދަކީ، ކޮޕީރައިޓުގެ ޙިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެނޫން ވެސް ޙައްޤުތަކާގުޅޭ ކަންކަން އިތުރަށް ތަފްޞީލުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ޙާލަތްތައް ކަނޑައެޅުމަށެވެ.

ކޮޕީރައިޓްގެ ޙައްޤުތަކަށް ޙިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، ކޮޕީރައިޓާގުޅޭ ޙައްޤުތައް ކަށަވަރުކުރުމުގައާއި އެނޫން ވެސް ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށް ޓަކައި، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި އަޑުގެ ރިކޯޑިންގތަކާއި، ބްރޯޑްކާސްޓްތައް ޙިމާޔަތްކުރެވޭނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން އުފެއްދުމެއް ޙިމާޔަތްކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަޤްޞަދަށް ބަލައިގެންނޫންކަމަށް ވެއެވެ.

މި ޤާނޫނުގެ ދަށުން އުފެއްދުމެއް ޙިމާޔަތްކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެ ކަމަށް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި އިޞްލާޙުގެ ދަށުން ޙިމާޔަތްކޮށްފައިވާ އެއްވެސް ޙައްޤަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ޙައްޤަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެ ޙައްޤު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކަމާބެހޭ ކޯޓެއްގައި ދަޢުވާކުރުމުގެ ޙައްޤު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިގެންވާކަމަށް މި ޤާނޫނުގައި ވަނީ  ބަޔާންކޮށްފައިވެއެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: