އެމްޑީޕީއިން ނިކުންނަނީ ވެރިކަން ވައްޓާލަން ނޫންކަން އެ ޕާޓީގެ ލީޑާރޝިޕުން ސާފުކޮށް ބުނެފައި ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފުރާނައަށް ނުރައްކާވާފަދަ ވާހަކަތައް ދައްކަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕީއެންސީއިން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމާއިއެކު، މެމްބަރު ޝަމްހީދު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް މިފަހުން ކުރީގެ ރައީސް މުހައްމަދު އަމީން އަދި ރައީސް ޑރ މުއިއްޒުއާއި ގުޅުވައި ދައްކަވާފައިވާ ވާހަކަތައް އިތުރަށް ތަފްސީލުކޮށްދެއްވާފައެވެ.
ޝަމްހީދު ވިދާޅުވީ، އެ މައްސަލައަކީ ރާއްޖޭގައި ފިތުނަ އުފެއްދުމުގެ ގޮތުން ހުށައަޅާފައިވާ މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީއަކީ ވެރިކަން ވައްޓާލާނެ ޕާޓީއެއް ނޫންކަމަށް މީގެ ދުވަސްތަކެއް ކުރިން ފައްޔާޒް ވިދާޅުވެފައިވާކަން ރާއްޖޭގެ ނޫސްތަކުގެ ސުރުހީތަކުން ފެންނަން ހުރިކަމަށެވެ.
ޝަމްހީދު ވިދާޅުވީ އެ ޕާޓީން ސިޔާސީ ހަރަކާތެއް ރާވާފައި ވަނީ ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމުގެ މަގުސަދުގައިކަމަށާއި އެއީ ޕާޓީގެ ސްޓޭންޑުކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީ މަސައްކަތް ކުރަމުން ދަނީ ގާނޫނުއަސާސީގެ ދިފާއުގައިކަމަށާއި މަސައްކަތްކުރަމުން ދަނީ ވެރިން ޒިންމާދާރު ކުރުވުމަށްޓަކައިކަމަށެވެ.
އެހެންކަމުން މީހަކު ނުވަތަ ބަޔަކު ދައްކާ ވާހަކައަކުން ވަކި ތަންކޮޅެއް ނަގައިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިިގެން ގައުމުގައި ފިތުނަ އުފެއްދުމަކީ އެއްގޮތަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ޝަމްހީދު ވިދާޅުވީ، ފައްޔާޒް އަލިއެޅުއްވީ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު އަމީންގެ ވެރިކަން ނިމުނު ގޮތާއި މިހާރުގެ ސަރުކާރާއި ގުޅުވައި ދެއްކި ވާހަކައަކާއިމެދު ކުރި ސުވާލަކަށް ކަމަށެވެ. އެގޮތުން ޖަވާބެއްގެ ގޮތުގައި ފައްޔާޒްވަނީ ނަސޭހަތެއްގެ ގޮތުގައި ދެކެވުނު ވާހަކައެއްކަން ބަޔާންކުރައްވާފައިކަމަށާއި ފައްޔާޒް ދެއްކެވީ ތާރީހުގެ ތެރެއިން ރާއްޖޭގެ ވެރިކަންތައް ނިމިގެންދިޔަ ގޮތުގެ ވާހަކަ ކަމަށެވެ. ޝަމްހީދު ވިދާޅުވީ، ފައްޔާޒް ފާހަގަކުރެއްވީ ރައްޔިތުންނަށް ދެރަގޮތް ހެދުމުން އެ ފަރާތަކާއިމެދު ރައްޔިތުން އަމަލުކުރަނީ އޯގާތެރި އުސޫލަކުން ނޫންކަން ކަމަށެވެ.
މެމްބަރު ވަނީ އެމްޑީޕީ އަދި ޗެއަރޕާސަން ގެންގުޅުއްވާ ސްޓޭންޑު ތަކުރާރުކުރައްވާފައެވެ. އެގޮތުން އެ ޕާޓީއިން ނުކުންނަނީ ވެރިކަން ވައްޓާލުމަށް ނޫންކަމަށާއި ނުކުންނަނީ ގާނޫނުއަސާސީގެ ދިފާއުގައިކަމަށެވެ. ޝަމްހީދު ވިދާޅުވީ، އެ ޕާޓީއިން އަމަލުކުރަމުންދަނީ ރީތިގޮތުގައިކަމަށާއި އަމަލުތައް ހުރީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އިދިކޮޅު މައިޕާޓީކަމަށާއި ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުންކަމަށެވެ. މެމްބަރު ވިދާޅުވީ، ދައުލަތުން ފައިސާތަކެއް ދެނީވެސް އެކަން ކުރަންކަމަށާއި އެ ޕާޓީއިން ދެމިތިބީ އެ މަސައްކަތްތަކުގެ މަތީގައިކަމަށެވެ.

