ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފައިސާގެ ބިލު މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް!

ޗާންދަނީ މަގު ސަރަހައްދުގައި ހުރި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފިހާރައެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް އެކުލަވާލި ގަވައިދު ގާނޫނަކަށް ހެދުމަށް ހުށަހެޅި ބިލު ބަލައިގަނެ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

މިދިޔަ އޮކްޓޯބަރު މަހު އަމަލު ކުރަން ފެށި އައު ގަވައިދާއި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އާންމުންގެ ހިޔާލަށް ހުޅުވާލި ގާނޫނީ އޮނިގަނޑަށް ލިބުނު ހުށަހެޅުންތަކަށް ބަލައި ޑޮލަރު މާރު ކުރުމަށް ދެ އިހުތިޔާރެއް ދީފައިވެއެވެ.

ބިލުގައި ދީފައިވާ އިހުުތިޔާރަށް ބަލާއިރު، ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި ”ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް“ ތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް ޕްރޮސީޑްސްގެ) %20 މާރުކުރުމުގެ އިޚްތިޔާރު ވަނީ ދީފައެވެ.

ހަމައެއާއެކު، ”ކެޓެގަރީ ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް“ ތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް ޕްރޮސީޑްސްގެ) 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ދީފައިވެއެވެ.

ބޭރު ފައިސާއައި ބެހޭ ގާނޫނުގެ ނަމުގައި ޑްރާފްޓުކޮށްފައިވާ މި ބިލުގެ ބޭނުމަކީ ބޭންކު އެކައުންޓުން ކުރެވޭ މުއާމަލާތްތައް ހިމެނޭ ގޮތުން ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތަކާއި ބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމެވެ. އަދި ބޭރު ފައިސާ ގެންގުޅުމާއި، ގަނެވިއްކުން ހުއްދަ ކުރުމާއި ބެހޭ އުސޫލުތައް ސިޔާސަތުތައް ބިލު ގަނޫނަކަށްވުމުން ކަނޑައެޅިގެން ދާނެ އެވެ.

މީގެ ސަބަބުން ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި ފޮރިން އެކްސްޗޭންޖު ރޭޓު ކަނޑައެޅުމާއި، ހިންގުމާއި ބެހޭ އުސޫލުތައް ކަނޑައަޅައި ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅިގެން ދާނެއެވެ. އަދި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް ދިވެހި ރުފިޔާއަށް މާރުކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

އެންމެ ބޮޑު އެއް ބަދަލެއްކަމަށް ގެންނަނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ރުފިޔާއަށް ނިސްބަތްކޮށް ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓު ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް ދިނުމެވެ. އެހެން ނަމަވެސް ބޭރު ފައިސާއެއްގެ ރޭޓު އޮތޯރިޓީން ކަނޑައަޅައިފި ނަމަ އެކަން އާންމުކޮށް ޝާއިއު ކުރަން ޖެހޭނެ އެވެ. އަދި އެ ފައިސާއެއްގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތައް ވެސް ގަވައިދުން އާންމުކުރަމުން ދިއުން އެމްއެމްއޭގެ މައްޗަށް ލާޒިމްވާނެއެވެ.

މީގެ ކުރިން އާންމު ކުރި ގަވައިދާއި އެއްގޮތަށް، ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން ހިމެނެ އެވެ. އެގޮތުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އެކުގައި އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރެޖިސްޓްރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާކޮށް ނުވަތަ ޖަމާކުރަންވާނެ އެވެ. މިއާއި އެކު ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 20 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން ވެސް ހަމަ މި އުސޫލުން އަމަލު ކުރަން ޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: