ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރި ފުރަތަމަ ޕޭމަންޓު މިއަދު ޖަމާކޮށްފައިވާކަމަށް ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން ދާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި އެކު ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު މަސްވެރިން ކިރި މަހަށް ވާ 2 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މިއީ ހޯމަ ދުވަހު މަސްވެރިންގެ ބެކްލޮގް ކްލިއަރ ކުރުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރި ފުރަތަމަ ދުވަހެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، އަންގާރަ ދުވަހުން ފެށިގެން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކ. ގާފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދައްކަން ޖެހިފައި އޮތް 38 މިލިއަން ރުފިޔާ، ދައްކައި ހަލާސްކޮށްފައި ވަނީ އިއްޔެ އެވެ. އެގޮތުން، ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ 196 އޮޑިވެރިއަކަށް 32.4 މިލިއަން ރުފިޔާ، އަދި، އެމްއައިބީގައި އެކައުންޓް ހުޅުވާފައިވާ 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ރައީސް ހާމަކުރެއްވި އެވެ. މިއާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ނިމި ދެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާކުރަމުން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މިއާއި އެކު ކުރިއަށް އޮތް ތަނުގައި އެފަދަ ބެކްލޮގެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މަސްވެރިންނަށް ދެއްވާފަ އެވެ.
މީގެއިތުރުން ރައީސް ވަނީ މަސްވެރިންނަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމަށް ވެސް ޙައްލު ހޯއްދަވައި ދެއްވާފައިވާކަމަށް އިއުލާނު ކުރައްވާފަ އެވެ. އެގޮތުން، ޑިސެމްބަރ 10 ވަނަ ދުވަހުން ފެށިގެން، 4 ރަށެއްގައި ހުންނަ އެސްޓީއޯ ނުވަތަ އެފްއެސްއެމް ސައިޓްތަކުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. އެއީ ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ.ފެލިވަރު އަދި އައްޑޫ ހުޅުދޫ، މީދޫ އެވެ. އަދި ގއ. ކޫއްޑޫ، އަދި ޅ. ފެލިވަރު ސަރަޙައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުންވެސް މި ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް ކުރިއެރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ އިސްތިރާޖީ ވިސްނުމުގެ ތެރެއިންކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ވީހާވެސް ލާމަރުކަޒީ އުސޫލަކުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އައިސްޕްލާންޓްތައް ހިންގުމުގެ ކޮންޓްރޯލް، މަސްވެރިން އެދޭނަމަ ކައުންސިލްތަކާ ޙަވާލު ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ.
މީގެއިތުރުން މަސްވެރިން ބާނާ މަހުގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައި ވާ ކަމަށާއި، ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އެކަންކަން ކުރިއަށް ދާނެކަމަށް ހާމަކޮށް ވިދާޅުވީ، މަސް ބަންދުކުރުމުގެ މަސައްކަތް ވެސް މި ބީދައިން ހިނގާނެކަމަށެވެ.

