ބަނގުރޫޓުވުމަކީ ކޮންމެ ކުރިއަރަމުން އަންނަ ގައުމަކަށްވެސް ދެކެވޭނެ އެންމެ ބިރުވެރި ހުވަފެނެވެ. މި އަހަރަކީ ދިވެހިރާއްޖެއަށް މި ބިރުވެރި ހާލަތު އެންމެ ސާފުކޮށް ކުލަވެގެންދިޔަ އަހަރެވެ. އޮޅުވާލުމުގެ ފުރުސަތު އޮތްކަމަަށްވުމުން، އެ ހާލަތު މެދުވެރިވުމުގެ ފަހަތުގައި އޮތީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ނޫންކަން ފާހަގަކުރުން މުހިންމެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުނީ ދިވެހި ތަހުތާއި ހަވާލުވާން އެންމެ ނުބައި ދަނޑިވަޅުގައެެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވީ ދިވެހި މާލިއްޔާތު ކަހައި ހުސްކޮށް ފޫދުއްވާލާފައިވާކަމަށް ބުނަމުންދާ އަޑުތައް އިންތިހާއަށް ގަދަވެފައިވަނިކޮށެވެ. އިންތިގާލީ މަރުހަލާ ފެށި ކަމުގެ ހަގީގަތާއި ހިސާބަށް ވާސިލުވުމަށް ކުރި މަސައްކަތްތަކުން، ބުނަމުންދިޔަ ވަރަށްވުރެވެސް ހާލަތު ގޯސްކަމަށް ފެނިގެންދިޔައެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަސް ރާއްޖޭގައި އެންމެ މަސައްކަތްތެރި، ހިންގުންތެރިކަމަށް ފެނިގެންދިޔަ ކުުންފުނިތައް ތިބީ ދަރަނިން ސަލާމަތްނުވެވޭ ހާލަތުގައެވެ.
ކުންފުނިތައް ހިންގުމަށްޓަކައި ލިބޭ އާމްދަނީގެ އިތުރުން ތަންތަނުން ބޮޑެތި އަދަދުތަކުން ލޯނުތައް ނަގައިގެން ހަރަދުކުރަމުންދިއުމުގެ ސަބަބުން ދިވެހިން ތިބީ ދަރަނީގެ ބުރައިގެ ސަބަބުން ބޯހިއްލާނުވެލޭ ހާލަތުގައެވެ. ލޯނުތައް ނުދެއްކި، ދިވެހިންނަށް އެހީވާން ދިއްކޮއްލާނެ އަތްތަކެއް ނެތްކަމުގެ ކަންބޮޑުވުންތައް އޮތްއިރު، ފުރަތަމަ ފަހަރަށް ސުކޫކެއް ނުދެއްކި ޑީފޯލްޓުވެދާނެކަމުގެ ބިރުވެސް އުފެދިގެންދިޔައެވެ.
ނަމަވެސް އެހިސާބަށް ގޯސްވެގެންނުދަނީސް، ސަރުކާރުންވަނީ މުހިންމު ރޭވުންތަކެއް ރާވައި ދިވެހިރާއްޖެ އެ އަނދަވަޅުން ނެގުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. ބައެއް ފިޔަވަޅުތަކަކީ އެންމެ ރުހޭނެ ފިޔަވަޅުތަކެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ.
އަހަރު ފެށިގެންދިޔައިރު އެންމެ ގާތް ގައުމުތަކާއިމެދު ފިތުނަ އުފެއްދުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ހިންގި ކެމްޕެއިންތަކާއިއެކު، ރާއްޖެއަށް އެ ގައުމުތަކުގެ އެހީތެރިކަން ލިބިދާނެކަމާއިމެދު ވަރަށް ބޮޑަށްވެސް ޝައްކު އުފެދުނެވެ. ނަމަވެސް ރައީސް މުއިއްޒުވަނީ ހިތްތިރިކަމާއިއެކު އަމަލުކޮށް ދިވެހިރާއްޖޭގެ ހާރިޖީ ބައިވެރިންނާއި ދެމެދު އޮތް ގުޅުން ކެނޑިގެން ނުދާކަން ކަށަވަރުކޮށްފައެވެ. ދަރަނީގެ ހާލަތުން އަރައިގަތުމަށްޓަކައި މިއީ ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ.
ރާއްޖެއިންވަނީ އިންޑިއާއިންނާއި ޗައިނާ އަދި އެހެނިހެން ގައުމުތަކުންވެސް ލޯނު ނަގާފައިކަމަށްވިއިރު، އެ ލޯނުތައް ދައްކަން ޖެހުނީ މި ދައުރުގައެވެ. ނަމަވެސް ދެއްކޭނެ ހިތްވަރު ދިވެހި މާލިއްޔާތުގައި ނެތެވެ. ސޮވަރިން ޑިވެލޮޕްމެންޓު ފަންޑުގައިވެސް އެކަށީގެންވާ މިންވަރަށް ބާރުވެރިކަމެއް ނެތެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އަވަށްޓެރި ގައުމުތަކާއިއެކު މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، ނުކޮށްދޭނެކަމަށް ދެކެމުން އައި އިންޑިއާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުމަށް ކަނޑައެޅިފައިވާ ތާރީހު ފަސްކޮށްދީ މުއްދަތު އިތުރުކޮށްދިނެވެ.
ރާއްޖޭގެ އެތެރެއިން ދެކެވެމުންދިޔަ ވާޙަކަތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އިންވެސްޓުމެންޓުތައް ނުލިބިގޮސްދާނެކަމުގެ ކަންބޮޑުވުން އޮތެވެ. ސަރުކާރަށް ޖެހުނީ ރާއްޖެއަށް އިތުބާރު އުފެއްދުމަށާއި ދެމެހެއްޓުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ބުރަ މަސައްކަތްތައް ކުރަންށެވެ. މިގޮތުން ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިދާރީ މަސައްކަތްތައް ހަރުދަނާކޮށް ދެފުށް ފެންނަ ގޮތެއްގެ މަތިން ބައްޓަންކުރުމަކީ ފާހަގަކުރެވޭ އެއް މަސައްކަތެވެ.
ރައީސް މުއިއްޒުގެ ސަރުކާރުންވަނީ ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ މާލީ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި ގެންގުޅެމުން އައިސްފައިވާ އުސޫލުތައް އިސްލާހުކޮށްފައެވެ. އެގޮތުން ކުރިން މަޝްރޫޢުތައް ހިންގުމަށްޓަކައި ބޭނުންކުރާ ބެންކު އެކައުންޓުތަކުގެ ޕޭމަންޓުތައް ހަދަމުން އައިސްފައިވަނީ ޕަބްލިކް އެކައުންޓިންގް ސިސްޓަމުގެ ބޭރުންކަމަށްވާއިރު މިކަން އިސްލާހުކޮށް ސަރުކާރުންވަނީ އެ އެކައުންޓުތައް ޕަބްލިކް އެކައުންޓިން ނިޒާމުގެ ތެރޭގައި ހިމަނާފައެވެ. މިކަމުގެ ސަބަބުން ޑޯނާރ ފަންޑެޑް މަސައްކަތްތަކުގެ ހާމަކަން ބޮޑުވެ،. އިތުބާރު ހިފުމަށް ފަސޭހަވަގެންދާނެއެވެ. އަދި ގަވައިދުތަކަށް އަމަލުކުރާ މިންވަރު އިތުރުވެ މަޝްރޫޢުތައް ހިނގަމުންދާ ގޮތް ގާތުން ބެލެހެއްޓުމަށް މަގުފަހިވެގެންދެއެވެ.
ދައުލަތަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ ތެރޭގައި އިހުމާލުތައްވާކަމުގެ އަޑު ދިވެހިންނަށް އިވިފައިވާނެއެވެ. ނޭވާހޮޅިން ކުރި ވައްކަމަކީ މިކަމުގެ މިސާލެކެވެ. ސަރުކާރުންވަނީ ފުރަތަަމަ އަހަރުގެ ތެރޭގައި މިފަދަ ދޮރުތައް ބަންދުކުރުމުގެ ގޮތުން މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ ޕްރޮކިއަރމެންޓް ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ހައްލުކުރުން ހިމެނެއެވެ. އެގޮތުން ބީލަން ޕޯޓަލް މެދުވެރިކޮށް އޮފީސްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ޕްލޭންތައް އާންމުކުރުމާއި، ޒަމާނީ ޕްރޮކިއަރމެންޓު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް ފާހަގަކުރެވެއެވެ.
މީގެ ކުރިން ކުދި ކުދި ޕްރޮކިއަރމެންޓުތައް ކުރުން އުސޫލެއް ނެތި ކުރިއަށް ގެންދާކަމަށް ފެނިގެންދާއިރު، މި ސަރުކާރުންވަނީ 35000 ރުފިޔާއަށްވުރެ ދަށުން އަގުކުރެވޭ ޕްރޮކިއަރމެންޓުތަކަށް ހާއްސަ ލިޔެކިއުމެއް ތައާރަފްކޮށްފައެވެ.
މާލީ ހާލަތު ކުރިއެރުވުމުގެ ގޮތުން ހާރިޖީ މަސައްކަތްތަކުގެ ތެރެއިން ކާމިޔާބީތައް ހާސިލުކުރެވިފައިވެއެވެ،. ސައުދީ އިންވަނީ ރާއްޖެއަށް މި އަހަރުގެ ތެރޭގައި 3 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޗައިނާގެ ސަރުކާރުންވަނީ ޖުމުލަ 20 މިލިއަން ޑޮލަރުގެ ކޭޝް އެސިސްޓެންސް ދީފައިކަމަށްވާއިރު އިގްތިސާދީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓިގެން ނުދާކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުން ރާއްޖެއަށް 70 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއްގެ އިތުރު އެހީ ދީފައިވެއެެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިންގެ ތެރެއިން ސިޔާސީ ކުލަވަރެއް ޖެހިފައިނުވާ އެންމެ ގާތް އެއް ގައުމަކީ ޖަޕާނެވެ. އެހެނިހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގައިވެސް އެ ގައުމުން ދިވެހިރާއްޖެއަށް އެކި ސިފަ ސިފައިގައި އެހީތެރިކަން ދީ، ގާތުން މަސައްކަތްތަކެއް ކޮށްފައިވެއެވެ. މާލީ ދާއިރާއިން ފާހަގަކުރެވޭ މިފަދަ ކަންކަމަަށް ބަލާއިރު ހަތަރު ދާއިރާއެއް ކުރިއެރުވުމުގެ ގޮތުން އެހީދީފައިވުމަކީ މުހިންމު މަސައްކަތްތަކެކެވެ.
ޖަޕާނުން ދީފައިވާ އެހީތަކުގެ ތެރޭގައި މޫސުމީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި 600 މިލިއަން ޖަޕަނީޒް ޔެން އާއި ޕެޓްރޯލް އުޅަނދުތަކަށް އެހީވުމަށް 56 މިލިއަން މިލިއަން ޔެން، ކަނޑުމަތީގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް 260 މިލިއަން ޔެން، އަދި ބްރޯޑްކާސްޓިންގ ދާއިރާގެ މަޝްރޫޢަކަށް 326 މިލިއަން ޔެންގެ އެހީ ދީފައިވާކަން ފާހަގަކުރުން މުހިންމެވެ.
މި އަހަރަކީ ބަނގުރޫޓުވެދާނެކަމުގެ ބިރު އެންމެ ބޮޑުވި އެއް އަހަރުކަން ރިޕޯޓު ފަށަމުންވެސް ފާހަގަކުރީމެވެ. އެންމެ ބޮޑު ސަބަަބަކީ ލޮލެއް ބޮލެއް ބެލުމެއް ނެތި ގިނަ އަދަދެއްގެ ލޯނުތައް ނަގާފައިވުމާއި އެ ފައިސާ އެކަށީގެން ނުވާ ގޮތެއްގެ މަތިން ބޭނުންކޮށް ހުސްކުރުމެވެ. މިއަދު ރައްޔިތުންގެ މަޖިލީހުންދަނީ އެ މައްސަލަތައް ޖިނާއީ ކުށްތަކުގެ ގޮތުގައި ބެލުމަށް ކަމާއި ބެހޭ އިދާރާ ތަކާއި ގުޅިގެން މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ.
އަނެއް ސަބަބަކީ ރައީސް ޑރ މުއިއްޒު، ދަރަނިތަކެއް ނަގަން ބޭނުންވެވަޑައިނުގެންނެވުމެވެ. މާލީ ހާލަތު ރަނގަޅުކަމަށް ދެއްކުމުގެ ގޮތުން ދަރަނިތަކެއް ނަގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި އޮޅުވާލެވެން އެމަނިކުފާނަށް އޮތެވެ. އާހިރުގައި މަޖިލީހުގެ އަގުލަބިއްޔަތު އޮތީ ޕީއެންސީގައިކަމަށްވުމުން އެކަމަށް ހުރަސްތަކެއްވެސް ނެތެވެ.، ނަމަވެސް އެގޮތުގެ މަތިން އަމަލެއް ނުކުރެއެވެ. ރާއްޖޭގެ ރިކަރެންޓު ހަރަދުތައް ހިފަހައްޓަމުން އައީ، ލިބުނު އާމްދަނީއަކުންނެވެ.
ޒަމާނުއްސުރެވެސް ހަރަދުބޮޑު ގައުމެއްގެ ގޮތުގައި ރާއްޖެ ހިންގަމުން އައިސްފައިވުމުން އެ ނިންމުމުގެ ނަތީޖާއަކަަށް ވެގެންދިޔައީ ދިވެހި މާލިއްޔާތުގައި ރިޒާވު ފައިސާތަކެއް އެވަރަށް ނެތުމެވެ. އަދި އެ މަންޒަރު ފެނުނު ބައިނަލްއަގުވާމީ ރޭޓިންގ އެޖެންސީތައް ފަދަ މުއައްސަސާތަކުން ރާއްޖޭގެ ރޭޓިންގް ދަށްކުރުމުވެ. ބަނގުރޫޓުވަމުންދާކަމުގެ އަޑު އެންމެ ގަދަވެގެންދިޔައީ މިކަމާއި ގުޅިގެންނެވެ. ނަމަވެސް މިހާރު އެ ހާލަތުން އަރައިގަނެވިއްޖެއެވެ. އެންމެ ފަހުން ނެރުނު ރޭޓިން ދަށެއް ނުވެއެވެ. މަތި ނުވިނަމަވެސް އެއްވަރެއްގައި ހިފެހެއްޓިއްޖެއެވެ. މިއަދު ދިވެހިރާއްޖެ ބަނގުރޫޓުވެދާނެކަމަށް ބުނާ އަޑު އެޖެންސީތަކާއި އިދިކޮޅު ޕާޓީގެ ފަރާތަކުންވެސް ނީވެއެވެ. މިކަމަކީ ފާހަގަކުރުން މުހިންމު ކާމިޔާބެކެވެ. ކުރިން އޮތް ހާލުން ނަމަ އަލަށް ވިހާ ކުއްޖާއަށްވެސް ލޯނުދެއްކުމާއިގެން އުޅެންޖެހިދާނެކަމުގެ ބިރު އޮތެވެ. އެއީ އެއްވެސް ހާލަތެއްގައި ދިވެހިން ބޭނުންވާނެ ކުރިމަގެއް ނޫންކަން ކަށަވަރެވެ.
މި ކާމިޔާބާއި ހިސާބަށް ވާސިލުވެވުނީ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އިސްވެރިންނާއި ކަމުގެ މާހިރުންނަކީ ތަނުގެ ރިސެޕްޝަނިސްޓުކަމަށް ބުނުމުގެ ބަދަލުގައި ރާއްޖޭގެ މާލިއްޔާތުން ފައިސާތަކެއްގައި ނުޖެހިތިބި ބަޔަކު މީހުން ދިން އިހުލާސްތެރި އިރުޝާދުތައް އަަޑު އަހައި ގަބޫލުކޮށް އެކަންކަމާއި އެއްގޮތަށް އަމަލުވެސް ކޮށްގެނެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި ގައުމުގެ ބާރުވެރިކަން މުށުތެރެއަށް ލައިގެންތިބި ފައިސާވެރިންގެ ނުރުހުމާއި ކުރިމަތިލައިގެންނެވެ.
މިގޮތުން ގެނެވިފައިވާ އިސްލާހުތަކުގެ ތެރޭގައި ގާތްގަނޑަށް އެއް މަސައްކަތްތަކެއް ކުރަމުންދިޔަ ވަކި ވަކި ކުންފުނިތައް އެއްކޮށްލުން ފަދަ ކަންކަން ހިމެނެއެވެ. އެގޮތުން ރީޖަނަލް އެއަރޕޯޓްސް ކުންފުނި އެމްއޭސީއެލްއާ އެއްކޮށްލުމާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން އެޗްޑީސީގެ ސަބްސިޑިއަރީއަކަށް ހެދުން ފާހަގަކުރެވެއެވެ.
ދަތިތަކެއް ހައްލުކުރެވޭނީ އެ ކަންކަން އުފެދިގެން އައި ސަބަބުތައް އެނގިގެނެވެ. އެއް އަހަރުގެ ތެރޭގައި ގިނަ ކާމިޔާބުތަކެއް ހާސިލުކޮށްފައިވާކަން އިސްވެ ބަޔާންކުރި ކަންކަމުން ފެނިގެންދާއިރު ކޮށްފައިވާ ބުރަ މަސައްކަތްތައް އިންސާފުވެރިކަމާއިއެކު ބަޔާންކުރެވޭނީ އަދި އެތައެް އިތުރު ކަމެއްވެސް ހިމަނައިގެންނެވެ. މަލީގޮތުން ދިވެހިރާއްޖެ އޮތީ ގުޑުވާނުލެވޭ ފަދަ ހާލަތެއްގައިކަން މިއަދު އިދިކޮޅުގައިތިބި ކުރީގެ ވެރިން ދައްކާ ވާހަކަތަކުންވެސް އެނގެއެވެ.
2024 ވަނަ އަހަރުގެ އިންޓަރނަލް އޮޑިޓް ޕްލޭން އެކުލަވާލައި، އިންޓަރނަލް އޮޑިޓް ކޮމިޓީ މެދުވެރިކޮށް ފާސްކޮށްގެން ދިވެހިރާއްޖޭގެ މާލީ ދާއިރާގައި ދެފުށްފެންނަ ޖަވާބުދާރީވަނިވި މާހައުލެއް ގާއިމުކުރުމުގެ ގޮތުން އެޅިގެންދިޔަ ފިޔަވަޅުތަކަކީ މިފަދަ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ނަގައިގެން އިސްރާފުތަކެއް ކުރެވެމުންދިޔަކަން ފާހަގަކުރެވުނެވެ. އެހެންކަމުން އެފަދަ ތަންތަނުގެ ކުލީގެ އޮޑިޓެއް ހަދައި ސަރުކާރުންދަނީ ކުލީގެ މިންވަރުތައް ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމުގެގޮތުން މަސައްކަތްތައް ކުރަމުންނެވެ. މަޖިލީހުގެ މެމްބަރުން މި މައްސަލަ ތަފްސީލުކޮށްދެވިއިރު ހަގީގަތުގައި ކުރެވެމުންދާ އިސްރާފުތައް އިންތިހާއަށް ބޮޑުކަން އަދި އެއީ ބޮޑެތި ގެއްލުންތަކެއްކަން ޔަގީންވެގެންދިޔައެވެ.
މަޝްރޫޢުތައް ހިންގަނީ ކޮންމެ މުއައްސަސާއަކުންވިޔަސް އެކަމުގެ މާލީ މުއާމަލާތްތައެް ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ. އެހެންކަމުން ނިމިދިޔަ ދައުރުގައި ގިނަ މަޝްރޫޢުތަކެއް ފަށާފައިވާއިރު މަސައްކަތްތައް ކުރިއަށް ނުގޮސްހުރިކަމަށްވުމުން ސަރުކާރުންވަނީ ލަސްވަމުންދާ މައްސަލައިގައި ފިޔަވޯޅު އަޅާފައެވެ. މިހާރު މިފަދަ ގޮތަކަށް ނުހިނގާ ހުރި ބައެއް މަޝްރޫޢުތައް އައު ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވި މަސައްކަތްތައް ކުރެވެމުންދާކަން އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މައުލޫމާތުތަކުން އެނގެއެވެ.
ވަކި ބަޔަކު ރުއްސުމަށްޓަކައި ނުވަތަ އެބައެއްގެ ރުޅިވެރިކަން އަމާޒުވިޔަ ނުދިނުމަށްޓަކައި ޒަމާނުއްސުރެ އެކި ސަރުކާރުތަކުން ދިވެހި އާންމު ރައްޔިތުންގެ އަގުލަބިއްޔަތަށް ލިއްބައިދެވިދާނެ ފައިދާތައް ހޯދައިދިނުމަށްޓަކައި އަވަސްވެ ނުގަނެ އޮތްކަން މިއަދު ކުރަމުންދާ ބައެއް މަސައްކަތްތަކުން އެނގެއެވެ. އެގޮތުން ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ހިންގާ އެއް ދާއިރާއަކީ ފަތުރުވެރިކަންކަމަށްވާއިރު އެ ދާއިރާގެ ކާމިޔާބުތަކުގެ އިހުސާސް ރައްޔިތުންނަށް ނުކުރެވެއެވެ.
މިއަދުވެސް ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ މަންޒިލުކަމަށްވާއިރު ރާއްޖޭގެ ރައްޔިތުން އުޅޭނީ އެފޮނިމީރުކަން ލިބިގެންކަމަށް ދުރުން މަންޒަރު ބަލާ ކޮންމެ މީހަކުގެވެސް ހިތަށް އަރާނެއެވެ. ނަމަވެސް ހަގީގަތް ތަފާތެވެ. ގިނަ އަދަދެއްގެ ބޭރު ފައިސާ ގައުމަށް ވަންނަ އިރު ދިވެހިންނަށްވަނީ ޑޮލަރުގެ ތާށިކަން ކުރިމަތިވެފައެވެ. ވޯލްޑްސް ލީޑިންގް ޓުއަރިސްޓް ޑެސްޓިނޭޝަންގެ ލަގަބުލިބި މިލިއަނުން ފަތުރުވެރިން އައުން ފާހަގަކުރަމުންދާއިރު ރާއްޖެ ބަނގުރޫޓުވެ ދިވެހިން އަނގަޔާ އަތާ ދިމާނުވެ އުޅޭކަމުގެ އަޑުއިވިގެންދިއުމަކީ ހެއްވާ މަޖާކަމެކެވެ.
ސަރުކާރުންވަނީ ހަމަނުޖެހުމަށް ނިމުމެއް ގެނައުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ އިންތިޒާމުތަކެއް ހަމަޖައްސަން ފިޔަވަޅު އަޅާފައެވެ. ދައުލަތުން ކުރާ ހަރަދާއި އެއްހަމަ ރިޓާން އޮފް އިންވެސްޓްމެންޓް ކަށަވަރުކުރުމުގެ ގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ އިތުރުކުރުމާއި ގްރީން ޓެކްސް އަދި އެއަރޕޯޓު ފީތައް އިތުރުކުރުން ހިމެނެއެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑޮލަރުގެ ބްލެކް މާކެޓު ބިމާ ހަަމަކޮށްލުމަށް އެޅިގެންދިޔަ ފިޔަވަޅު ފާހަގަކޮށްލަންޖެހެއެވެ. ޑޮލަރުގެ ދަތިކަން އިތުރުވެ ދިވެހިންނަށް ބޮޑެތި އަގުތައް ދީގެން ޑޮލަރު ގަންނަންޖެހުމުން ސަރުކާރުންވަނީ ބޭރު ފައިސާގެ ގާނޫނެއް ތައާރަފްކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް ވަކި އަދަދެއް އެ މަސައްކަތްތައް ކުރާ ފަރާތްތަކުން ދިވެހި މާލީ ނިޒާމުގެ ތެރެއަށް މާރުކުރަން މަޖުބޫރުވެގެންދާނެ ސިޔާސަތެއް ކަނޑައަޅާފައެވެ. މިއާއިއެކު ބްލެކް މާކެޓުގައި ބަންދު ބޯޑެއް އެޅި ދިވެހި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ޑޮލޮަރު ލިބޭނެ އިންތިޒާމު ކުރެވިގެންގޮސްފިއެވެ.
ސަރުކާރުން ދެކޭގޮތުން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރިން ގަންނަން ލިބޭ އަދަދަށްވުރެ އިތުރަށް ބޭރަށް ފުރާވަޑައިގަންނަވާ ދިވެހިންނަށް ޑޮލަރު ލިބުމުގެ އިންތިޒާމުކޮށްދޭން ފަހިވެގެންދާނެއެވެ. މިކަން ކުރީ އަގުލަބިއްޔަތުގެ މަންފާއަށެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ މުލުގައިވާ މައްސަލައަކީ ދަރަނި ނެގުންކަމަށްވުމުން ސަރުކާރުންވަނީ ޒިންމާދާރުކަމެއް ނެތި އެފަދަ އަމަލުތައް ނުހިންގުމަށް އަޒުމު ކަނޑައަޅާފައެވެ. އެގޮތުން ބޭރުގެ ދަރަނިތައް ދެއްކުމުގެ ގޮތުން ދިގު މުއްދަތުގެ ޕްލޭންތައް އެކުލަވާލާފައިވާއިރު އެކަންކަން ކުރެވިފައިވަނީ ރާއްޖެއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިވެދޭ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ މަޝްވަރާގެ މަތިންނެވެ.

