ރާއްޖޭގައި މެޑިކަލް ޓޫރިޒަމް އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި އޭޑީކޭ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްޕީއާރުސީގައި ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ. އަދި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އައްފާލްއެވެ.
މި އެއްބަސްވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއަކީ ލަގްޒަރީ ހިދުމަތް ލިބިގެންދާ ތަނެއް ކަމަށެވެ. އަދި މެޑިކަލް ޓުއަރިޒަމް ހިމެނުމަށްޓަކައި ފަތުރުވެރިކަމުގެ ހުށަހެޅުންތައް ސިންދަފާތުކޮށް، ދުނިޔޭގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ހަރުދަނާކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، އޭޑީކޭ ހޮސްޕިޓަލާ އެކު މި ގުޅިގެންދިޔަ ގުޅުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީ ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކުރާނެއެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މެޑިކަލް ޓުއަރިޒަމްގެ ޙިއްޞާ އިތުރުވެ،، ބައިނަލްއަޤްވާމީ ފަތުރުވެރިންނަށް ޚާއްޞަ ޞިއްޙީ ވަސީލަތްތައް ލިބިގެންދާނެކަމުގެ އުއްމީދުކުރެވޭކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ.

