އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު އަބްދުﷲ ވަކި ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމުމާ ގުޅިގެން ބަދަލު ހޯދުން އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް އެ ކޯޓުން ކަނޑައަޅައިފިއެވެ.
މުސްއަބު ވަޒީފާއިން ވަކިކުރި ލިއުމުގައި ސަބަބެއްކަމަށް ބަޔާންކޮށްފައި އޮތީ ދައުލަތުގެ ސިއްރު ލިއުމެއް އާންމު ކުރުން ކަމުގައިވީނަމަވެސް، އެ ލިއުމަކީ ދައުލަތުގެ ސިއްރު ލިއުމެއްކަމަށް ބަލަންޖެހޭ އެއްވެސް ހެއްކެއް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައި ނެތުމުން، އެ ޙާލަތުގައި އޭނާއާމެދު އެންމެ ހަރުކަށި ފިޔަވަޅު ކަމުގައިވާ ވަޒީފާއިން ވަކި ކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ރަނގަޅަށްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު، އޭނާ ޕީއެސްގެ މަޤާމުން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަން ޤާއިމު ނުކޮށްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެ ފަނޑިޔާރުން ވަނީ ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި މައްސަލައެއް ހުށަހެޅިދާނެކަމަށް ޙުކުމުގައި ބަޔާންކުރައްވާފައެވެ.
އެހެންކަމުން އޭނާގެ ފަރާތުން ބަދަލު ހޯދުން އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.
މި މައްސަލައިގައި ދައުވާ ހުށަހެޅުމުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ މައްސަލަ ބެލުމުގައި ސިވިލް ކޯޓުގެ އިޙްތިސާސާމެދު އިއުތިރާޒުކޮށް، ނުކުތާތަކެއް ހުށަހަޅާފައެވެ. އެގޮތުން ކޮމިޝަނުން ހުށަހެޅި ނުކުތާގައި ބުނެފައިވަނީ، މި ދައުވާއަކީ ދައުވާކުރާ ފަރާތަށް ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި ދައުވާއެއް ކަމަށާއި، އެހެންކަމުން މި ބާވަތުގެ މައްސަލަތައް ހުށަހަޅަން ޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ކަމަށެވެ.
ސަބަބަކީ އެކަށީގެންވާ ސަބަބެއްގެ ނެތި ވަޒީފާއިން ވަކި ކުރުމުން މުވައްޒަފަށް ލިބިދޭ ޤާނޫނީ ޙައްލު ލިބިގަތުމާ ގުޅޭ މައްސަލަތައް ހުށަހަޅަން ޖެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާތީއެވެ.
އެ ނުކުތާއަށް މުސްއަބުގެ ފަރާތުންނާއި ސިވިލް ސަރވިސް ކޮމިޝަނުންވެސް ވާހަކަ ދައްކާފައިވެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނިންމީ މިއީ ކޯޓުގެ އިޙްތިސާސްގައި ހިމެނޭ، އަދި ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ. އެގޮތުން ކޯޓުން އެގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މުސްއަބު ވަޒީފާއިން ވަކިކޮށްފައިވަނީ 10 ސެޕްޓެމްބަރު 2019 ގައި ކަމަށްވުމާއެކު، އޭރު އެކަން ހުށަހެޅުމުގެ ޙައްގު ލިބިދެވޭ ތަނަކީ ސިވިލް ކޯޓުކަމަށްވުން ހިމެނެއެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް 6 ވަނަ އިސްލާޙު ގެނެސްފައިވަނީ އޭގެ ފަހުންނެވެ. އަދި އެ އިސްލާޙުގައި ވަޒީފާއިން ވަކިކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އަލުން މައްސަލައެއް ހުށަހަޅަން ޖެހޭ ޙާލަތުގައި އެ މައްސަލަ ހުށަހަޅަން ޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަމަށް ނުވަތަ ސިވިލް ކޯޓަށް މައްސަލަ ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައި ނުވުންވެސް ކޯޓުގެ ނިންމުން ބިނާވި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
މައްސަލައިގެ ފަސްފަހަތް:
ވަޒީފާއިން ވަކިކުރިއިރު މުސްއަބާ ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ޤަވާއިދާ ޚިލާފަށް މުސާރަ ދިނުމާއި، ބައެއް ކޮންޓްރެކްޓް މުވައްޒަފުންނަށް އެއްބަސްވުމެއް ނުހަދައި މުސާރަ ދިނުމާއި، ނުފޫޒު ބޭނުން ކުރުމާއި، ޤަވާއިދާ ޚިލާފަށް ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލުމާއި އިތުރު ތުހުމަތުތައް ހިމެނެއެވެ.
އަދި ދައުލަތުގެ ރަސްމީ ސިއްރު ލިއުމެއް މީސްމީޑިއާގައި ހިއްސާކުރި މައްސަލައެއްވެސް އޭނާއާ ދެކޮޅަށް ހުށައެޅިފައިވެއެވެ. އެގޮތުން އޭނާ ޓްވިޓަރގައި އާންމުކޮށްފައިވާ ލިއުމަކީ އިސްލާމިކް މިނިސްޓްރީން އޭސީސީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމެކެވެ.
އެހެންނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށް ފޮނުވި ޗިޓުގައި އޭނާ ކުރި އަމަލެއްކަަމަށް ޙަވާލާދީފައިވާ ހަމައެކަނި އަމަލަކީ ދައުލަތުގެ ރަސްމީ ސިއްރު ލިއުމެއް އާންމު ކުރުމުގެ މައްސަލަ އެކަންޏެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ، އޭނާގެ މައްޗަށް މައިގަނޑު 3 ތުހުމަތެއް ކުރެވި ތަހުގީގުކޮށްފައިވާއިރު، ވަޒީފާއިން ވަކި ކުރި ޗިޓުގައި އޭގެ ތެރެއިން އެންމެ ކަމެއް ހިމަނާފައިވުމުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ދެން ހިމެނޭ ތުހުމަތުތައްވެސް އޭނާގެ މައްޗަށް ކުރެވޭތީކަމަށް ބެލެވެން ނެތްކަމަށެވެ.
އޭގެ އިތުރުން، އޭނާ ހާމަކުރި ލިއުމަކީ ދައުލަތުގެ ސިއްރު ލިއުމެއްކަމަށް ބަލަންޖެހޭ އެއްވެސް ހެއްކެއް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައި ނެތްކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

