ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް ރައްޔިތުން ވަނީ ބިކަކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އަހަރު ނިމިގެން ދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނިކަމެއް، ލިބުނު ހިތްހަމަޖެހުމެއް ނުފެނުނުކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުން ދިވެހި ރައްޔިތުން މިއަދު ވައްޓާލާފައި ވަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށެވެ.
މި ސަރުކާރުން މިސްރާބު ހިފާފައިވަނީ އަޅުވެތިކަމުގެ ބަނދެލުމަށްކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ، މިދިޔަ އަހަރާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ 78 މިލިއަން އިތުރުވެފައި ވީނަމަވެސް ރައްޔިތުން ބިކަވެ, ނިކަމެތިވެފައިވާކަމަށެވެ.
ސަރުކާރުން އާސަންދައަށް ކުރި ޚަރަދު ވަނީ 101 މިލިއަން ރުފިޔާ މަދުކޮށްފައިކަމަށާއި، އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެ ކުރާ އާދޭހުގެ ހިތްދަތި އަޑުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް ސިޔާސީ މުސާރަ އާއި ގުޅުންހުރި ޚަރަދުތަކަށް 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފިކަމަށެވެ. އާންމު ރައްޔިތުންގެ ވޭނުގެ އަޑު އެހުމާއި ނުލައި، ސަރުކާރުން ކުރިއަށްދަނީ ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތަކާއިއެކުކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

