އައްޑޫސިޓީން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ސީމެކްސް ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ފަޅުވެރިއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ އެ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ނޭޕާލް ރައްޔިތެއްކަމަށްވާ ރާޖް ކުމާރު ކަމަށެވެ. އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫސިޓީއާއި މުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން ފުވައްމުލަކު ސިޓީއާ 8 މޭލަށް ކައިރިވެފައި ވަނިކޮށްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ބޯޓު އައްޑޫސިޓީން 11:30 ހާއިރު ފުރިއިރު އޭނާ ބޯޓުގައި ހުއްޓެވެ. އަދި ރޭ 01:15 ހާއިރު ކެޕްޓަންއާ ވާހަކަވެސް ދައްކާފައިވެއެވެ.
އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އަދި އޭނާ ގެއްލިފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

