ޑިސެންބަރު 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަލިފާނުގެ ޙާދިސާއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް އެދިފައެވެ.
މި ތަހުގީގުގައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯއްދަވާނެ ކަމަށާއި، އަދި ރައްޔިތުންނަށް މިކަންކަމުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން، ޙާދިސާގެ މަންޒަރު އެންމެ ފުރަތަމަ ދުއް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި އެވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން، އިތުރު މީހުންގެ ފަރާތުންވެސް މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

