ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން މަސައްކަތްކުރަނިކޮށް މި އަހަރުގެ ތެރޭގައި ހިފެހެއްޓިފައިވާކަމަށާއި މަނީލޯންޑަރިންގަށް ތުހުމަތުކުރެވޭކަމަށް ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕަރއިންޓެންޑެންޓް އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ކަސްޓަމްސްގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ، އެ މުއައްސަސާއިންވަނީ މި އަހަރުގެ ތެރޭގައި މަނީލޯންޑަރިންގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުންވެސް ގިނަ މަސައްކަތްތަކެއްކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ބޭރު ފައިސާ އެތެރެކުރާއިއުރު އަދި ބޭރުކުރާއިރުގައިވެސް 10،000 ޑޮލަރަށްވުރެ އިތުރުވާނަމަ އެކަން ކަސްޓަމްސްއަށް ރިޕޯޓުކުރަންޖެހޭކަމަށެވެ. އެހެންކަމުން ރިޕޯޓުނުކޮށް ބޭރުކުރަން އުޅުމުން ނުވަތަ އެތެރެކުރަން އުޅުމުން ކަސްޓަމްސްއަށް ފާހަގަވެގެން ހުއްޓުވާފައިވާ 9 ވަރަކަށް މައްސަލަ ރިކޯޑުކުރެވިފައިވާކަމަށެވެ.
ނިޔާޒް ވިދާޅުވީ، މި 9 މައްސަލައިގައިވެސް މަސައްކަތްކޮށްފައިވަނީ ރާއްޖެއިން ފައިސާ ބޭރުކުރުމަށްކަމަށާއި މިފަދަ މައްސަލަތަކުގައި ޖޫރިމަނާކުރުމަށް ގަވައިދުގައި ބަޔާންކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ކަސްޓަމްސްއިންވަނީ ޖޫރިމަނާކޮށްފައިކަމަށާއި ހިފެހެއްޓިފައިވާ އަދަދު 320،000 ޑޮލަރާއި ގާތްކުރާކަމަށެވެ. ނިޔާޒް ވިދާޅުވީ، މި ކޭސްތަކުގައި މަނީލޯންޑަރިންގެ ކުށުގެ ތުހުމަތުކުރެވޭކަމަށާއި އެހެންކަމުން ފުލުހުންނާއި ގުޅިގެން ތަހުގީގުތައް ކުރެވެމުންދާކަމަށެވެ.
ގާނޫނު ތަންފީޒުކުރުމަށް ކުރަމުންދާ އިތުރު މަސައްކަތްތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ސަފާރީ އުޅަނދުތަކަށް ރަލުގެ ބާވަތްތައް ގެންގުޅުމަށް ހާއްސަ ހުއްދައެއް ދޭކަމަށާއި، އެތަކެތި ހުންނަނީ ކަސްޓަމްސްގެ ބޮންޑެޑް ވެއަރހައުސްތަކުގައި ބަހައްޓާފައިކަމަށެވެ. އޭނާ ވިދާޅުވީ، ކަސްޓަމްސްއިން ސަފާރީތަކަށް އެތަކެތި ދޫކުރާއިރު އުޅަނދުތަކާއި ހިސާބަށް ގެންދިއުމަށް ބޭނުންކުރާ ދޯނިތަކުގައިވެސް ހާއްސަ ޓްރެކިންގް ޑިވައިސްއެއްވެސް ހަރުކުރެވިފައި ހުންނާނެކަމަށެވެ. އަދި އެކަމާއި ގުޅިގެން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން 6 އުޅަނދެއްގެ އެޖެންޓުން ޖޫރިމަނާކުރެވިފައިވާނެކަމަށެވެ. އެގޮތުން ޖޫރިމަނާކޮށްފައިވަނީ އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފުވެފައިވާކަމަށް ފާހަގަކުރެވިގެންކަމަށެވެ.

