ޤާނޫނުލްއުޤޫބާތަށް 6 ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއެކު، ސައިބަރ ކްރައިމްއަކީ ޤާނޫނުން ކުށެއްކަމުގައި ކަނޑައަޅައި، ސައިބަރް ކްރައިމްގެ ގޮތުގައި ބެލެވޭނެ ކުށްތަކެއް ޤާނޫނުލް އުޤޫބާތުގައި މިހާރު މިވަނީ ހިމެނިފައެވެ. އެގޮތުން ބަލާއިރު، 9 ކަމެއް ސައިބަރ ކްރައިމް ކުށްތަކުގެ ގޮތުގައި ޤާނޫނުލްއުޤޫބާތަށް އިތުރުކޮށްފައިވެއެވެ.
މި ބިލުގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުވެސް ރައީސް ތަސްދީޤު ކުރައްވާފައިވާއިރު، ސައިބަރ ކުށްތައް ތަހުގީގު ކުރުމުގެ އިޖުރާއަތު އިތުރަށް ތަފްސީލު ކޮށްދީފައިވެއެވެ.
މިހާރު ޤާނޫނުލްއުޤޫބާތުގައި ހިމެނިފައިވާ ކުށްތަކަށް ބަލާއިރު، އޭގެ ތެރޭގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން ހިމެނެއެވެ. މިއީ އާންމު ދިރިއުޅުމުގައި މާ ބޮޑު ވިސްނުމެއް ނެތި ކުރެވިދާނެ ފަދަ ކަމެކެވެ. އަދި މިއީ މިއަދާ ހަމައަށް ޤާނޫނުލްއުޤޫބާތުގެ ދަށުން ވަކި އަދަބެއް ކަނޑައެޅިފައި އޮންނަ ކަމެއް ނޫނެވެ.
އެހެން ނަމަވެސް މިފަދަ ކަންކަމުގެ ނަތީޖާ ނުކުންނަ ގޮތަކުން ތިމާ ޖިނާއީ މައްސަލައެއްގެ ތެރޭގައި ބެދުމުގެ ފުރުސަތު މިހާރު އޮންނާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މީހެއްގެ ހުއްދަނެތި، ޚާއްސަކޮށް ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި މީހެއްގެ ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވެއްޖެނަމަ، ޤާނޫނުލްއުޤޫބާތުގެ ދަށުން ކުށްވެރިވާނެއެވެ.
މި ކުށްތަކުގެ ތެރޭގައި ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުމާއި، ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުންވެސް ހިމެނެއެވެ.
އޭގެ އިތުރުން، ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުންވެސް ސައިބަރ ކުށްތަކުގެ ގޮތުގައި ބެލެވޭނެއެވެ.
ހަމައެއާއެކު، ސައިބަރ ވަޔަލަންސްގެ އަމަލުތަކާއި، ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތަކާއި، ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތަކުގެ އިތުރުން، ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައްވެސް ކުށެއްގެ ގޮތުގައި މިވަނީ ހިމެނިގެން ގޮސްފައެވެ.
ހަގީގަތުގައި މިއީ ނުހަނު ބޭނުންތެރި ބަދަލުތަކެކެވެ. ސަބަބަކީ އޮންލައިން ސްކޭމްތަކާއި، މީހުން ބްލެކްމެއިލް ކުރުމާއި، އެތައް މިލިއަނުން ބޮޑެތި ހިޔާނަތްތައްވުމުގެ އިތުރުން، މަކަރާ ޙީލަތުން ކުރާ އަމަލުތަކުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އޭގެ އަސަރު ކުރަމުންދާއިރު، މިފަދަ ޤާނޫނުތަކެއް ހަގީގަތުގައިވެސް ނުހަނު މުހިއްމެވެ.
މިހާރަކަށް އައިސް ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު، މިލިއަނުން މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދިޔަސް ގިނަ ފަހަރު އެ ފައިސާ ހޯދޭނެ ގޮތެއް ނޯވެއެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމުގައި އަނިޔާ ލިބުނު މީހާ ދައުލަތުގެ އިދާރާތަކުގެ މެދުގައި ދުވަންޖެހޭ މިންވަރުވެސް ވަކި ކުޑައެއް ނޫނެވެ. އެހެންކަމުން ސްކޭމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ހޯދައިފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދައިފައިވާ ފައިސާ ކަމުގައި ބެލެވޭ ހާލަތްތަކުގައި އެ ފަރާތްތަކުގެ އެކައުންޓުތަކުގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފަހައްޓައި، އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުން ހިމެނޭގޮތަށް ޤާނޫނަށް ބަދަލު ގެނެސްފައިވުމަކީ އުއްމީދީ ވާހަކައެކެވެ.
މިހާރު މި ގެނެސްފައިވާ ބަދަލުތަކާއެކު، މިފަދަ ކުށްތައް ތަހުގީގު ކުރުމުގައި ތަހުގީގީ އިދާރާތަކަށްވެސް ޚާއްސަ، ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ޓެކްނޯލޮޖީ މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްތަކާއި، އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ ކުށްތައް ތަހުގީގު ކުރުމަށް ބޭނުންވާ މިންވަރަށް މީހުންގެ ޒާތީ މުއާމަލާތުތައް ”އިންސްޕެކްޓް“ ކުރުމުގެ ބާރު ފުލުހުންނަށް ދިނުން ހިމެނެއެވެ. މާނައަކީ މި ކުށްތައް ތަހުގީގު ކުރުމަށް މީހުންގެ ޒާތީ ކަންކަމަށް ”ފާރަލުމުގެ“ ބާރު ލިބިގެންދާނެއެވެ.
ކަން އެހެން އޮތުމުން މި ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުންގެ ޚިދުމަތަށް އޮތް ބާރުތަކާއެކު ޒިންމާވެސް ނުހަނު ބޮޑެވެ. ސަބަބަކީ މިފަދަ ބާރެއްގެ ނާޖާއިޒު ބޭނުން ހިފައި މީހުންގެ ޒާތީ މައުލޫމާތުތައް ނުޙައްޤު މަންފާތަކަށް ބޭނުން ކުރުމުގެ ފުރުސަތުވެސް އޮތުމުންނެވެ. އެހެންކަމުން މިކަންކަމަކީ ވަރަށް ގާތުން ބަލައި، ކަނޑައެޅިފައިވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރ ކުރެވެން ޖެހޭ، އަދި ޖަވާބުދާރީ ވެވޭ ބީދައިން އިންތިޒާމުވެފައި ހުންނަން ޖެހޭނެ ކަންކަމެވެ.

