އިކޮނޮމިކް ރިފޯމް އޮފީހުގެ ކަމިޝަނަރ އޮފް ރިފޯމްގެ މަގާމަށް އަސްމާ ޝަފީއު އައްޔަނުކޮށްފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާގޮތުން ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި މާލީ ވުޒާރާއިންވަނީ އިކޮނޮމިކް ރިފޯމް އޮފީހެއް ގާއިމުކޮށްފައެވެ. އަދި އެ އޮފީހުގެ ކޮމިޝަނަރ އޮފް ރިފޯމްގެ މަގާމަށް އަސްމާ ޝަފީއު ހޮވިފައިވާކަން ހާމަކޮށްފައިވެއެވެ.
އެ ވުޒާރާއިން ބުނެފައިވާގޮތުން އަސްމާ އަދާކުރައްވާ މަގާމުގެ މަސްއޫލިއްޔަތަކީ އިގްތިސާދީ އިސްލާހުތައް ގެނައުމުގައި އިނިޝިއޭޓިވްތައް ރާވައި ހިންގުން އަދި އެސްއޯއީތަކުގެ އިސްލާހީ މަސައްކަތްތަކާއި މާލީ އިސްލާހުތަކުގެ މަސައްކަތްތަކެވެ. މި މަގާމަށް ބޭނުންވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން ހުރި އުންމީދީ ތަސައްވުރެއް ގެންގުޅޭ ފަރާތެއްކަމަށް ބުނެފައިވާއިރު މިއީ ރާއްޖޭގެ އިގްތިސާދީ މަސްރަހު ވަރުގަދަކުރުމަށްޓަކައި ކޮންމެހެން މުހިންމުކަމެއްގެ ގޮތުގައި އެ ވުޒާރާގެ އިއުލާނުގައިވެއެވެ.
ކޮމިޝަނަރ އޮފް ރިފޯމް އަސްމާ ރިޕޯޓުކުރާނީ، މިނިސްޓަރ އޮފް ފައިނޭންސްގެ އެޑްވައިޒަރަށާއި، މިނިސްޓަރަށެވެ. އަދި ސަރުކާރުގެ އެހެން އިދާރާތަކުގެ އިތުރުން ހިއްސާވާ ކުންފުނިތަކާއި ބައިނަލްއަގުވާމީ ޕާޓުނަރުންނާއި ގުޅިގެންވެސް މަސައްކަތްތައް ކުރާނެއެވެ.

