ބުޅާ މަހުން ކެއިންބުއިން އުފެއްދިކަމުގެ ތުހުމަތުކުރެވިގެންދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ. އެ މައްސަލަ ނިމުނީ ބުޅަލެއް ކަތިލައިގެން ކެއްކިކަމުގެ ހެއްކެ ނުފެންނަކަމަށް ބުނުމާއެކުއެވެ. ނަމަވެސް ފޮޓޯތަކަށް ބެލުމުންވެސް މޭނުބައިކުރާ ހާލަތުގައި ހުރި ތަނެއްގައި ކޯބޯތަކެތި އުފައްދާ އުޅުނުކަން ޔަގީންވެއެވެ. ލޭބަލްތަކަށް ބެލުމުން އެތަކެތި މާލެ ތެރޭގައި ވިއްކާ އުޅުނުކަން ޔަގީންވެއެވެ. ނުވިއްކާ ކަމަކަށްނުވާނެއެވެ. އިމިގްރޭޝަނުން ނުކުމެ ފޯރިމަރައި މުޅިތަން އެއްކޮޅުން އަނެއްކޮޅަށް ޖަހައިގެން މިފަދަ ބައެއް ތަންތަން ބަންދުވެސް ކުރެވުނެވެ. ނަމަވެސް ފެންނަ މަންޒަރުތަކުން ހައްލެއް ހޯދިފައިނުވާކަން ފެނެއެވެ. ބަޔަކު ޑީޕޯޓުކުރަން ޝައުގުވެރިކަމެއް ނެތަސް ދިވެހިންގެ ދުޅަހެޔޮކަން ދެމެހެއްޓިފައި އޮތުމަކީ މީސްކޮޅު މަދު މި ގައުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކެމެވެ.
ގިނަ އަދަދެއްގެ ތަންތަން ބަލާ ފާސްކުރިއެވެ. ނަމަވެސް މާލޭގައި ބިދޭސީ ހޮޓާތަކުގެ ގޮތުގައި ހިންގާ އެތައް މުޑުދާރު ތަނެއް ހުރެއެވެ. ދިވެއްސަކަށް މީގެން ތަނަކަށް ވަންނާކަށް ނުކެރެއެވެ. އާންމު މުޖުތަމައުގެ ވިސްނުމުން މިތަންތަން ކައްސާލާފައިވަނީ އެތަންތަނަކީ ދިވެހިންނާއި ބެހޭ ތަންތަން ނޫންކަމަށްވުމުންނެވެ. ސަބަބަކީ އިންތިހާއަށް މުޑުދާރުވުމެވެ. މިހެން ބުނުމުން މިއީ ނަސްލީ ތަފާތުކުރުންކަމަށް ދެކި އުތުރި އަރާ ބަޔަކުވެސް އުޅޭނެއެވެ. އެހެންނަމަވެސް އަނެއްކާވެސް މިފަދަ ތަނެއް ހިންގަނިކޮށް އަތުލައިގަނެވިފައިވުމުން މިއީ އޮޅިގެން ހިނގާ ކަންކަން ނޫންކަން ޔަގީނެވެ. އެންމެ ފަހުން މާލޭގައި ފެންމަތިވި މައްސަލަ ނޭނގޭ ބިދޭސީއަކުވެސް ނުހުންނާނެއެވެ. މިއީ ގަސްތުގައި ހިންގަމުންދާ ހަޑިހުތުރު ޖަރީމާއެކެވެ.
މުޑުދާރު ތަންތަނުގައި ކާބޯތަކެތި އުފައްދައިގެން ރީތި ލޭބަލްތައް ޖަހައިގެން އެބަ ވިއްކައެވެ. އެންމެ ފަހުން މި އަތުލައިގަތް ތަން ނޫން އެތައް ތަނެއްވެސް ހުންނާނެކަން ޔަގީނެވެ. މިފަދަ ތަންތަނުގައި ވަގުވަގަށް ކާބޯތަކެތި އުފައްދަމުންދަނީ އެފަދަ ހާލަތެއްގައި ހުރި ތަނެއް އަދި އެތަނުގައި އަމަލުކުރާ އުސޫލުތައް ރައްޔިތުންނަށް ފެންނަ ނަމަ އެތަކެތި ނުވިއްކޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ. ފާހަނައިގައި ރައްކައުކޮށްފައިތިބި ކާނާކަން އެނގިހުރެ އެތަކެތި އަނގަޔަށް ލާނެ ދިވެއްސަކު ނުހުންނާނެއެވެ. ބިންމަތީގައި އެންމެން ހިނގާ އުޅޭ ތަނެއްގައި މޮޑެފައިވާ ފުއްގަނޑެއްގައިވެސް ދިވެއްސަކު ނުޖެހޭނެއެވެ. މިއީ ކުރިއަށް ގެންދިއުމަށް އެއްވެސް ފުރުސަތެއް އަދި ޖާގައެއް ދެވިގެންވާނެ ޖަރީމާތަކެއް ނޫނެވެ.
ފުރަތަމަ ކަމަކަށް ދިވެހިންގެ ތެރެއިން އެތައް ބަޔަކު ކުދި ވިޔަފާރިތައް ހިންގުމަށް އެދޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު މި ގައުމުގައި އިތުރު ބަޔަކަށް އެޖާގަ ދޭންވީ ކޮން ސަބަބަކަށްތޯ ހިތަށް އަރައެވެ. ދިވެހިންގެ އަތުގައި ކުޑަ ވިޔަފާރިއެއް ހިންގާނެ މާލީ ބާރުވެރިކަން ނެތްނަމަ، ކަން ގޮސް އޮތް ހިސާބުން އެ ބާރުވެރިކަން ހާސިލުކުރެވޭނެ ގޮތްތަކެއް ފަހިކުރަންޖެހޭކަން ސާފެވެ. ދިވެހިންގެ ފައިސާ ދިވެހިންގެ ތެރޭގައި ދައުރުވުމަށްވުރެ ވަކި ރަނގަޅު ގޮތެއް މާލީ ގޮތުން އިންތިހާއަށް ދަތިކަމަށް ފެނިގެންދާ މި ގައުމަށް އެބަ އޮތްތޯއެވެ. ނޯންނާނެވެ. ކުދި ވިޔަފާރިތަކަކީ ކޮންމެ އިގްތިސާދެއްގައިވެސް މުހިންމު ދައުރެއް އަދާކުރާނެ ބަޔެކެވެ.
ބޭރުން އަންނަ ބަޔަކު ލިބޭ ފައިސާ ފޮނުވާނީ ކޮންތަނަކަށް ކަން އަމިއްލައަށް ވިސްނާލިޔަސް އިނގޭނެއެވެ. ދިވެހިންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށައެޅުމަށްފަހު، އެ ފައިސާތައް ވަގުވަގަށް ފޮނުވަނީ ބޭރަށެވެ. ރާއްޖެއިން ބޭރުވާ ފައިސާއަކީ ދިވެހި މާލީ ނިޒާމުން ގެއްލިގެންދާ އެއްޗެކެވެ. މީގެ ދުވަސްތަކެއް ކުރިން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިހާރުގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދުވަނީ މި މައްސަލަ ގޯސްވެފައިވާ މިންވަރު ތަފްސީލުކޮށްދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިން އަހަރެއްގެ މައްޗަށް 500 މިލިއަން ޑޮލަރު ބޭރުކުރާކަމަށެވެ. މި ދައްކަނީ އަދި ހެޔޮ ގޮތުގައި ހިސާބުތަކަށް ފެންނަހެން ބޭރުކުރާ ފައިސާގެ އަދަދުތަކުގެ ވާހަކައެވެ. ކަސްޓަމްސްއިން ހިފަހައްޓާ ފައިސާގެ އަދަދުތަކަށް ބެލުމުން ވަގުވިޔަފާރިކޮށްގެން ކަސްޓަމްސްއަށް ފޮރުވައިގެެން އެތައް ފައިސާއެއް ބޭރުކުރެވިފައިވާނެކަން ޔަގީނެވެ. މިއީވެސް ހުއްޓުމަކަށް ގެންނަންޖެހޭ މައްސަލައެކެވެ. ދިވެހިރާއްޖެއަށް އައިސް ބޭނުން ބަޔަކަށް ބޭނުންގަނޑެއް ގަނެވިދާނެކަމަށް ހީވެފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހެއެވެ.
ކާންހެޔޮ ނުވާކަމަށް ދިވެހިން ދެކޭ އެތައް އެއްޗެއް ބޭރު ގައުމުތަކުގައި އަނގަމީރުކޮށްލުމަށް ކައިބޮއެ އުޅޭކަން ދިވެހިންނަށް މިއަދު ނޭނގި ނުދާނެއެވެ. ބައެއް ގައުމުތަކުގައި ކުރަތްޕާއި އެހެނިހެން އެފަދަ ސޫފިން ކާނާ ތައްޔާރުކޮށްލައި ރަހަމީރުކޮށްލުމަށް ބޭނުންކުރާކަން އެނގޭނެއެވެ. ނޭނގޭ ބަޔަކު ތިބިނަމަ އިންޓަރނެޓް މެދުވެރިކޮށް މިކަން އަމިއްލައަށް ޔަގީންކޮށްލާށެވެ. ކާން ބޭނުން ކޮންމެ އެއްޗެއް ކެއުމަކީ އެބައެއްގެ ހައްގެކެވެ. ނަމަވެސް އެއީ ކެއުމަށް ހެޔޮތަކެތިކަން އެބަޔަކު ގަބޫލުކުރިޔަސް ދިވެހިން ގަބޫލުނުކުރާނެއެވެ. ބައެއް ގައުމުތަކުގައި ގެރީގެ ނަޖިސް ކެއުމުގައި ބޭނުންކުރާއިރު، އަނެއްބައި ގައުމުތަކުގައި ބައެއް ބާވަތްތަކުގެ ބޮނޑުގެ މަހުން ރިހަ ކައްކައެވެ. މިއީވެސް ފެންނަން އޮތް ހަގީގަތެކެވެ. ދިރިހުރި ތަކެއްޗާއި މުޅަތަކެތި ކާ މީހުން އުޅޭ ގައުމުތައްވެސް އެބަ ހުއްޓެވެ. އެއީ އެބައެއްގެ ދީނާއި ސަގާފަތާއި ގަބޫލުކުރުންތަކެވެ. އެއަށް ބަލަދެއްވެސް ނާންނާނެއެވެ. މި ގައުމަށް އަޔަސް ކޮންމެ ތަނަކު ތިއްބަސް އެހިޔާލު ހުންނާނީ އެގޮތަށެވެ. ހާއްސަކޮށް ދީނީ ވިސްނުންތަކުގައި އަދި ސަގާފީ ވިސްނުންތަކުގެ އިތުރުން އާންމު ދިރިއުޅުމުގައި މި ދެންނެވިފަދަ ތަކެތި ބޭނުންކުރާނަމަ، ރާއްޖެ އަޔަސް ލިބޭ ކޮންމެ ފުރުސަތެއްގައި ހަމަ އެ އުސޫލުން އަމަލުކުރާނެއެވެ. ތަފާތަކީ އެކަންކަން ކުރާނީ އާންމު މުޖުތަމައަށް ފޮރުވިގެންކަމަށްވުމެވެ. އެހެންކަމުން ދިވެހި މުޖުތަމައުގައި ކެއިންބުއިން ތައްޔާރުކުރުމުގައި އަދި ބިދޭސީން ހަރަކާތްތެރިވިޔަސް އެކަންކަމާއި ތަންތަނުގައި ދިވެހި ބެލެނިވެރިން ތިބެންޖެހޭކަން ޔަގީނެވެ. ނޫނީ ދެންވެސް އިވޭނީ ބުޅަލެއް ކަތިލައިގެން ރިހަކެއްކި ވާހަކައެވެ. އަދި ސާބިތު ނުހިފުނު ވާހަކައެވެ.
އަދިވެސް ބުނެލާނަމެވެ. ވަކި ބާވަތެއްގެ މަސް ކެއުން ދީނީގޮތުން ހަރާމްކަމަށް ދެކި، އެ ގައުމެއްގައި އެ ބާވަތެއްގެ މަސް ކައިފި ހާލަތެއްގައި ކެއި މީހަކު މަރާކަމަށްވާނަމަ، ނުވަތަ ބޮޑެތި ޖިސްމާނީ އަނިޔާތައް ދޭނަމަ އެގައުމަކުން މީހުން ރާއްޖެ ގެނެސް އެ މަހެއް ކައްކުވަން ހެޔޮނުވާނެއެވެ. މިއީ އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާއިން ބެލިޔަސް ކޮށްގެން ނުވާކަމެކެވެ. މިއަދު އިންޓަރނެޓަށް ވަދެލާ ކޮންމެ މީހަކަށްވެސް މިދެކެވެނީ ކޮން ގައުމެއްގައި މަނާކުރެވިފައިވާ ކޮންމެ މަހެއްގެ ވާހަކަކަން ސާފުވާނެއެވެ. ޑިޕްލޮމެސީއަށް ވިސްނައި ވަކި ގައުމެއްގެ ނަންޖަހާކަށް ނެތީމެބެ. ނަމަވެސް ބައެއް ގައުމުތަކުގައި ބައިގަނޑު ހަދައި ވަކި ބާވަތުގެ މަސް ވިއްކާ ކަމަށް ތުހުމަތުކޮށް އާންމު ރައްޔިތުންގެ ފިހާރަތަކާއި ގޮދޮރު ސުންނާފަތިކޮށް އެތަނެއްގެ ވެރިންނާއިމެދު އިންތިހާއަށް ލާއިންސާނީކޮށް އަމަލުކުރާ މަންޒަރު ސޯޝަލްމީޑިއާގެ އެކި ޕްލެޓުފޯމުތަކުން ފެންނާނެއެވެ.
އެހެންކަމުން އެފަދަ ބަޔަކަށް ދިވެހި މުޖުތަމައުގައި ދިވެހިންނަށް އަނިޔާތަކެއް ދިނުމުގެ ފުރުސަތު ހުޅުވާލެވިފައިނެތުމުން، ދޭނީ ކުދި އަނިޔާއެވެ. މިއަދު ފެންނަނީ އަދި ކަންގޯސްވެފައިވާ ވަރުގެ އިންޗިއެކެވެ. ބުޅަލުގެ މައްސަލައަށްފަހު މިއީ ނޭނގިވީކަމެއްކަމަށް ބުނަން ޖާގައެއް ނެތެވެ. ދިވެހިން ހުށިޔާރުވާންޖެހިއްޖެއެވެ. ބޭރުންކާލާ ގިނަ ފުރުސަތުތަކުގައި ބަނޑުގޯސްވުމާއި ބޭރަށް ހިންގުމަކީ މިއަދު ދިވެހިން ހަގީގަތެއްގެ ގޮތުގައި ގަބޫލުކޮށްގެންތިއްބަސް އެއީ އެކަން އޮންނަންޖެހޭ ގޮތެއް ނޫނެވެ. ދިވެހިން ބައިތިއްބައިގެން މުސާރައިގެ ގޮތުގައި ކުރަންޖެހޭ ހަރަދު ބޮޑުވުމުން، އެކަކުގެ މުސާރައިގެ ހަރަދުގައި ހަތަރުފަސް ބިދޭސީން ގެނެސް ބައިތިއްބައިގެން ހިންގާ ވިޔަފާރިތަކު ސަބަބުން ދިވެހިންގެ ސިއްހީ ހާލަތު މިދަނީ ގޯހުން ގޯހަށްކަން އާސަންދައިގެ ދަށުން ކުރާ ހަރަދުތަކަށް ބެލުމުންވެސް އެނގެއެވެ. ބަދިގެ ތަކުގައި ކެމެރާގަނޑެއްގެ މިންވަރުވެސް ހަރުކޮށް ނުލާކަމަށްވުމުން އެތަންތަނުގައި ގަންނަ ގަނޑެއް އެނގޭނީ އެގަނޑެއް ގަތް ބަޔަކަށެވެ.
މިހެން ގޮސް މި ގައުމުގެ ކޮލިޓީއަކީ ކަންމަތީ ހޮޓާތަކާއި ކެފޭތަކުގައި ހުންނަ ބިދޭސީ ކެއްކުމުގެ ގޮތުގައި ގައުމުން ބޭރުން ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހީވާން ފަށާފައިވާނެކަން ޔަގީނެވެ. ގައިމު ދިވެހިން ކައްކާ ގަރުދިޔަ އަދި ރިހާކުރަކީ މީގެ ކުރިން ދިވެހިން ފަހުރުވެރިވާ އުފެއްދުންތަކެކެވެ. މިއަދު ލިބޭ ތަކެއްޗަކީ ސިއްހަތަށް ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑު ތަކެއްޗެވެ. ރިސޯޓުން ނެއްޓިގެން އައިސް ރާއްޖޭގެ އާންމު ދިރިއުޅުން ބަލާލާ ތަޖުރިބާކޮށްލަން އަންނަ މީހާ އެއަށްފަހުދާންޖެހެނީ ބަނޑު ކައްކައިގަނެގެން ހަސްފަތާލަށެވެ. ބައެއް ގައުމުތަކަށް ދާ ފަތުރުވެރިން އެގައުމުތަކުގައި ކާބޯތަކެތި ވިއްކާ ހާލަތާއި ސިއްހީގޮތުން އެކަށީގެން ނުވާކަން އާންމުކުރާ ވީޑިއޯތަކުގައި ބަޔާންކުރެއެވެ. ކެއުމަށްފަހު ބޭސްފަރުވާ ހޯދަންޖެހުން އެކަށީގެންވާ ވާހަކަވެސް ދައްކައެވެ. އެއީ ދިވެހިން ފަދަ ކުޑަ އިގްތިސާދެއް އޮތް ގައުމެއްގެ މައި އެއް ނާރަށް ކެތްކުރެވޭނެ ވަރުގެ އަސަރުތަކަކަށް ނުވާނެކަން ޔަގީނެވެ. މިފަދަ މައްސަލަތައް ވަގުތުން ވަގުތަށް ހައްލުނުކޮށްފިނަމަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ހާލަތާއި ގުޅޭގޮތުންވެސް މިފަދަ ވީޑިއޯތައް އާންމުވެގެންދިއުމަކީ ނެތް ފުރުސަތެއްކަމަށް އެކަކަށްވެސް ނުބުނެވޭނެވެ.
ސޯޝަލްމީޑިއާގައި އިމިގްރޭޝަނުން އާންމުކުރާ ފޮޓޯތަކާއި ވީޑިއޯ ފެންނާނީ ހަމައެކަނި ދިވެހިންނަކަށް ނޫނެވެ. ރާއްޖޭގައި އެތައް ބޭރު ބަޔަކުވެސް ދިިރިއުޅޭއިރު އެމީހުންގެ ގާތްތިމާގެ މީހުންނާއި ރައްޓެހިން ޒިޔާރަތްކުރާއިރު އެފަދަ ތަންތަނުން ހިދުމަތް ނުހޯދުމަށް އިރުޝާދު ދޭނެކަން ޔަގީނެވެ. ނަމަވެސް މިތަކެތި ވިއްކަން ހުންނަނީ މަތިއޮމާންކޮށްފައި ހުންނަ ކަންމަތީ ކަޑަތަކާއި އާންމު ފިހާރަތަކުގައެވެ. މިއީ ނަސްލީ ތަފާތުކުރުންކަމަށް ދެކޭ ބަޔަކު ދެކެންވީއެވެ. އެހެންނަމަވެސް މިއީ ދިވެހި މުޖުތަމައުގެ ތެރޭގައި އޮތް މި މައްސަލަ ހައްލުކުރުމަށް ކޮންމެހެންވެސް ދައްކަން ޖެހޭ ވާހަކަތަކެކެވެ. ނުދައްކާ ރޭސިޒަމްގެ ޓެގުގެ ބިރަށް ދިވެހިންގެ ސިއްހަތު ނުރައްކަލަށް ހުށައެޅިގެންދާ މަންޒަރު ބަލަންތިބެން ހެޔޮ ނުވާނެއެވެ.

