ސަރުކާރުން އިޢުލާނުކޮށްފައިވާ ”ބިންވެރިޔާ“ އަދި “ގެދޮރުވެރިޔާ“ ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަމުރު ކުރައްވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނީ، އެ މައްސަލައިގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އޭގެ އިތުރުން، މި ކަމަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ މިކަމަކީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
އެހެންކަމުން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްގެ ފޯމު ބަލައިގަތުމާއި، ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ތަޙުޤީޤެއް ހިންގުމަށްފަހު، މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަމުރު ކުރައްވާފައެވެ.
އޭގެ އިތުރުން، މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު 1 ފަހަރު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަމުރުކުރައްވާފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި ފުރުސަތުގައި ފެލެޓަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅި އެވެ. އަދި ދެވަނަ ބުރުގެ ލިސްޓާއި އެކު މައްސަލަތައް ދިމާވީ، އޭރު ސަރުކާރުން ޓްރާންސިޝަންގައި އެ މަސައްކަތް ކުރިޔަށް ގެންދަން އުޅުމުންނެވެ. ދާއިމީ ލިސްޓު އާންމު ކުރިއިރު، މާލޭގައި ދިރިނޫޅޭ ގިނަ ބަޔަަކަށް ފްލެޓު ލިބިފައިވުމާއި ޕޮއިންޓު ދިނުމުގެ އުސޫލު އެނގެން ނެތުމުން ޝަކުވާ ބޮޑުވެ އޭގެ ޖެހިގެން އައި ދުވަހު ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖުވެސް ކުރިއެވެ.
ސަރުކާރާއި ހަވާލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް އިރުޝާދު ދީފައިވަނިކޮށް އެގްރިމެންޓުތައް ވެސް ހެދިއެވެ. އަދި އޭސީސީއިން ވެސް ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެންގިއެވެ.

