ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ނިމިދިޔަ ސަރުކާރުން އެކުލަވާލި އުސޫލުގެ ދަށުން ސޮއިކޮށްފައިވާ 9 ސެޓްލްމަންޓް އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއްކަމަށް ބަންޑާރަނައިބުގެ އޮފީހުން ނިންމައިފިއެވެ.
އޭޖީ އޮފީހުން ނޫސްތަކަށް މައުލޫމާތު ދީފައިވާގޮތުން ނިމިދިޔަ ސަރުކާރުން 28 ނޮވެންބަރު 2022 ގައި އެކުލަވާލި، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް އަންގާފައިވާނެކަމަށެވެ.
އެ އޮފީހުން މައުލޫމާތު ދީފައިވާގޮތުން ނިމިދިޔަ ސަރުކާރުން އެކުލަވާލި އުސޫލަކީ ގާނޫނު ހައިސިއްޔަތާއި ބާރު ލިބިގެން ނުވާ އުސޫލެއްކަމަށް ފާހަގަކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ލަފާ ދެއްވާފައިވާނެކަމަށެވެ. އެހެންކަމުން އެމަނިކުފާނުވަނީ އެ އުސޫލާއި އެ އުސޫލުގެ ދަށުން އުފައްދާފައިވާ ”މައްސަލަ ޙައްލުކުރުމަށް ލަފާދޭ ކޮމިޓީ“ ގަރާރަކުން ބާތިލުކުރައްވާފައިކަމަށާއި އިސްވެ ފާހަގަކުރި އުސޫލުގެ ދަށުން ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ފޮނުވާފައިވާކަމަށް އޭޖީ އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ނިމިދިޔަ ސަރުކާރުން އެކުލަވާލި އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެނިވަޑައިގަންނަވާތީ، އެ އެއްބަސްވުންތައް ބާޠިލްކުރުމަށް ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި، މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް މާލިއްޔާތު ކޮމިޓީއިން ނިންމައި އޭޖީ އޮފީހަށް އަންގާފައިވާކަންވެސް އެ އޮފީހުގެ ބަޔާނުގައިވެއެވެ.
އެހެންކަމުން ހުށައެޅިފައިވާ މައްސަލަތައް ދިރާސާކުރިއިރު ސެޓްލްމެންޓުތައް ހަދާފައިވާ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ބަހެއް ނެތި ވަކި ފަރާތްތަކަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން، އެ އުސޫލުގެ ދަށުން، ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ 9 ސެޓްލްމަންޓް އެއްބަސްވުމަކީ، ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި، އެއީ ބާޠިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަކީ ޢަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް އަންގާފައިވާނެކަމަށް އޭޖީ އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ސެޓްލްމެންޓު އެއްބަސްވުންތައް ހަދާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކަކީ ލެޝާ ބީޗު ޕްރައިވެޓް ލިމިޓެޑް، ޔޫމެޓް ކޮންސްޓްރަކްޝަންް ޕްރައިވެޓް ލިމިޓެޑް، އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް، ދީބާޖާ އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް، އަހުސަން އެންޑް ފުޑް ބެވަރެޖް ޕްރައިވެޓް ލިމިޓެޑްއާއި ކްލިއަރ ސޭންޑްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އަދި ބުލޫ ލެގޫން އިންވެސްޓުމެންޓްސް ޕްރައިވެޓް ލިމިޓެޑްއެވެ. އަމިއްލަ ފަރާތެއްކަމަށްވާ ހެންވޭރު ގިރިތެރޭގެ އަބްދުﷲ އަލީ އާއި ދެމެދު ހަދާފައިވާ އެއްބަސްވުންވެސް ބާތިލުކުރެވިފައިވާ ލިސްޓުގައި އޭޖީއިން ހިމަނާފައިވެއެވެ.

