ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ ގޮތަށް ވެރިކަންކުރުމުގެ ނިޒާމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކަންގަތި އެވޯޑް ދިނުމަށްރޭ އެލްޖީއޭގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކައުންސިލްތައް ރޭންކުކޮށް، ކުރިއެރުންތައް ހޯދި ފަރާތްތަކަށް ކަންގަތި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ނިޒާމު ކަމަށާއި، ވެރިކަންކުރާ ރަށުން ލިބޭ ނަފާގެ އެހީއާއެކު މުނިސިޕަލް ޚިދުމަތް ދިނުމަށް މަގުފަހިވާ ނިޒާމު ކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަކީ، ލާމަރުކަޒީ އުޞޫލުން، ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ ޤާނޫނީ ބާރު ލިބިދޭ ނިޒާމުކަމަށް ވިދާޅުވިއެވެ.
އާދެ! 2008 ވަނަ އަހަރު ތަންފީޒު ކުރަން ފެށުނު ފެހި ޤާނޫނުއަސާސީގެ ހިޔަލުގައި މިއަދު ރާއްޖޭގައި މި ވަނީ ރައްޔިތުން ބައިވެރިވާ، ރައްޔިތުންގެ ބާރު ހިނގާ، ޖުމްހޫރީ އަދި މަލްޓިޕާޓީ ޑިމޮކްރަސީގެ ސިފަތަކާއި، ހަމަތައް ޤަރާރުވެފައިވާ، ޔުނިޓަރީ ދައުލަތެއް ރާއްޖޭގައި ޤާއިމުވެފައި. ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުން ކަށަވަރުކުރާ ލާމަރުކަޒީ ނިޒާމުގެތެރެއިން.
ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ޝަރަފުވެރިކޮށްދެއްވި ކަންގަތި އެވޯޑްދިނުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކަންގަތި އެވޯޑްތައް ޙާޞިލު ކުރެއްވި ހުރިހައި ކައުންސިލްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ތަހުނިޔާއާއި މުބާރިކުބާދު އަރިސްކުރެއްވިއެވެ.
އަދި ރައީސް މުޢިއްޒުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީން ހެދި ދިރާސާއިން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ދިވެހިން ބަލައިގަނެފައިވާކަން ކަށަވަރުވެފައި ވިޔަސް، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

