އެމެރިކާއިން ސޫދާންއަށް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާކަން އެ ގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިއުލާނުކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ސެކެޓްރީ އޮފް ސްޓޭޓް ބްލިންކެން އިއުލާނުކުރެއްވީ ސޫދާންއަށް 200 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ފޯރުކޮށްދިނުމަށްކަމަށާއި، ހަނގުރާމައިގެ ސަބަބުން އިންތިހާއަށް ހާލަތު ގޯސްވެފައިވާ އެ ގައުމަށް އެހީ ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން އިއުލާނުކުރެއްވީ އޭނާ މަގާމުގައި ހުންނަވައިގެން އދއަށް ކުރައްވާނެ ފަހު ޒިޔާރަތުގައިކަމަށް ބެލެވޭކަމަށެވެ.
ބައެއް ނޫސްތަކުން ބުނާގޮތުން މިވަގުތު އދގެ ތެރޭގައިވެސް ބޮޑެތި ބައިބައިވުންތައް އޮތްކަން ފާހަގަކުރެވޭކަމަށެވެ. އަދި ބްލިންކެންވަނީ އދގެ ސަލާމަތީ މަޖިލީހުގެ ދެ ބައްދަލުވުމެއްގައި އިސްވެ ހުންނަވާފައިކަމަށެވެ. އެހެންނަމަވެސް މި ދެ ބައްދަލުވުމުގައިވެސް ރަޝިއާ ޔޫކްރެއިން ހަނގުރާމަ އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ވާހަކަތައް ނުދައްކަަވާކަމަށާއި މި ދެ މައްސަލައިގައިވެސް އެ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތައް ހުރިކަމަށެވެ.
އޭނާ މި ބައްދަލުވުންތައް އަމާޒުކުރެއްވީ ސޫދާންގެ މައްސަލައާއި އާޓިފިޝަލް އިންޓެލިޖެންސްގެ މައްސަލައަށް ކަމަށް ބުނާއިރު، އެއީ އެއްބައިވަންތައް މާހައުލެއް ގާއިމުކުރުމުގެ ނިޔަތުގައި އަމަލުކުރެއްވި ގޮތެއްކަމަށް ބައެއް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ނޫސްތަކުން ބުނާގޮތުން ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގައިވަނީ އިންސާނީ ކާރިސާއެއް އުފެދިފައެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ އަހައްމިއްޔަތު ނުދެވޭކަމަށް ހައްލެއް ހޯދުމުގެ ނިޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާކަމަށެވެ.
ބްލިންކެން އިއުލާނުކުރައްވާފައިވާ 200 މިލިއަން ޑޮލަރުގެ އެހީގެ ބޭނުންކުރާނީ ކާބޯތަކެތި ފޯރުކޮށްދިނުމަށާއި، ހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށްވާއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން މަޖިލީހާއި ގުޅިގެން އިތުރު 30 މިލިއަން ޑޮލަރުގެ އެހީ ދިނުމަށްވެސް މަސައްކަތްކުރާނެކަން ހާމަކުރެއްވިއެވެ. އެ ފައިސާގެ ބޭނުން ހިފިގެންދާނީ އާންމު ރައްޔިތުންގެ އަޑު ކެނޑިގެން ނުދާކަން ޔަގީންކުރުމުގެ އިތުރުން ޑިމޮކްރެސީ ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.
މި ބައްދަލުވުމުގައި ބްލިންކެން ޔޫކްރެއިންގެ ވާހަކަތައް ނުދެއްކެވީ ރަޝިއާ އަދި ޗައިނާއިން އެ އަމަލުތައް ކުށްވެރިކޮށް ކުރިއަށް ގެންދާ ހުރިހާ މަސައްކަތްތަކަކަށް ހުރަސް އަޅަމުން ގެންދިއުމާއިއެކު އެކަމަކީ ވަގުތު ބޭކާރުވެގެންދާނެ އަމަލެއްގެ ގޮތުގައި އެމެރިކާގެ ޑިޕްލޮމެޓުންނަށް ގަބޫލުކުރެވޭތީކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އަދި މެދުއިރުމަތީގެ ވާހަކަތައް ދައްކާފައިނުވަނީ އެމެރިކާއިން އެހެން ގައުމުތަކުން އިސްރާއީލު ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ކޮށްފައިވާ ހުރިހާ މަސައްކަތްތަކެއް މިހާތަނަށް ވީޓޯކޮށްފައިވުމުންނެވެ.

