ޖަރުމަނުގެ މަގުމަތީ ބާޒާރެއްގައި ކްރިސްމަސް ފާހަގަ ކުރަމުން ދަނިކޮށް އެތަނުގެ ތެރެއަށް ކާރެއްގައި ވަންކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.
ކުއްލިގޮތަކަށް ބާރު ސްޕީޑުގައި އައި އެ ކާރުގައި ޖެހި 4 އަންހެނުންނާއި 9 އަހަރުގެ ކުޑަ ކުއްޖަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން 75 އަހަރުގެ އަންހެނަކުވެސް ހިމެނެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާގޮތުން އެ ސަރަޙައްދަކީ ކްރިސްމަސް ފާހަގަ ކުރުމަށް މަގުމަތީގައި އެކިކަހަލަ ސްޓޯލްތައް ހަދައިގެން އާންމުން އެއްވަމުންދިޔަ ސަރަޙައްދެކެވެ. އެގޮތުން ޙާދިސާ ހިނގި ވަގުތުވެސް އެތަނުގައި 200 ވަރަކަށް މީހުން ތިއްބެވެ.
މަންޒަރު ދުއް މީހުންނާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކުއްލި ގޮތަކަށް ކާރު އައިސް ބާޒާރު ތެރެއަށް ވަނީ ނުހަނު ބާރު ސްޕީޑުގައެވެ. އެގޮތުން ކާރުގެ ދަށުވެ އެތައް ބަޔަކަށް އަނިޔާވި މަންޒަރު މީހުންނަށް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ ތާލިބް އަލް އަބްދުލްމުޙްސިން ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ސައުދީގެ ރައްޔިތުކަން އޮންނަ މީހެކެވެ. އޭނާ ޖަރުމަނީއަށް އައީ 2006 ވަނަ އަހަރުއެވެ. އަދި އެއިރުން ފެށިގެން އޭނާ ވަނީ ޑޮކްޓަރެއްގެ ވަޒީފާ އަދާކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާ އެ ސަރަޙައްދަށް ވަދެގަތީ އިމަރޖެންސީ އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ދިމާލަކުންނެވެ.
އަދި މިވަގުތު ފުލުހުން ގެންދަނީ ޙާދިސާ ދުއް މީހުންނާއި، ހެކިބަސް ދޭނެ މީހުންގެ އިތުރުން، ޙާދިސާއާ ގުޅޭ އެކިކަހަލަ ހެކިތައް ހޯދަމުންނެވެ.
އޭނާ ކޯޓަށް ހާޒިރު ކުރުމުން ފަނޑިޔާރު ވަނީ ޝަރީއަތް ފެށެންދެންވެސް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މީހަކު މަރާލުމުގެ 5 ދައުވާއަކާއި، މީހަކު މަރާކަން އުޅުމުގެ އެތައް ދައުވާތަކެއްގެ އިތުރުން، މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ގިނަ ދައުވާތަކެއްވެސް ހިމެނެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ޙާދިސާ ހިނގުމާއެކު ސީނަށް ދިޔަ އޮފިސަރުންގެ ތެރޭގައި 100 ފުލުސް އޮފިސަރުންނާއި، ސިއްޙީ އޮފިޝަލުންނާއި، ފަޔަރ ފައިޓަރުންގެ އިތުރުން، ރެސްކިއު ސަރވިސްގައި މަސައްކަތް ކުރާ 50 މީހަކު ހިމެނެއެވެ.
ޖަރުމަނުގެ ޗާންސެލަރ އޮލަފް ޝޯލްޒްވެސް ވަނީ މި ޙާދިސާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

