މަރުގެ ޙުކުމް އިއްވާފައިވާ އިވާއޯ ހަކަމަޓާގެ ކޭސް ވެގެން ގޮސްފައިމިވަނީ މުޅި ޖަޕާނުގު ޤާނޫނީ ތާރީޚުގައިވެސް މުހިއްމު ކޭސްއަކަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އިވާއޯއަކީ މައުސޫމު މީހެއްކަން ސާބިތުވެގެން ގޮސްފައިވާއިރު، އޭނާއަށް އެކަން އަދިވެސް ޤަބޫލުކުރަން ދައްޗެވެ.
އިވާއޯގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވަނީ 1968 ވަނަ އަހަރު އޭރު ހިނގި ޙާދިސާއަކާ ގުޅިގެންނެވެ. އެގޮތުން 56 އަހަރު ކުރިން ހިނގި މި ޙާދިސާގައި އޭނާގެ މައްޗަށް ދައުވާ ކުރެވުނީ އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ތަނުގެ ވެރިމީހާއާއި، ދަރިން އަދި ވެރިމީހާގެ އަންހެނުންނަށް ވަޅިން ޙަމަލާދީ މަރާލުމަށްފަހު، އެ ގެ އަންދާލައި އަދި އެތަނުން ފައިސާތަކެއް ވަގަށް ނަގައިގެން ދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
އެމީހުން މަރާލުމަށްފަހު އެގެއިން ދެލައްކަ ޔެން ވަގަށް ގެންދިޔަކަމަށް އިވާއޯގެ މައްޗަށް ތުހުމަތު ކުރެވިފައިވެއެވެ.
އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރުވެސް އެ ތުހުމަތުތަކަށް އިންކާރު ކުރިއެވެ. ނަމަވެސް ފަހުން އޭނާ ތުހުމަތުތަކަށް އިއުތިރާފުވެ ވާހަކަ ދައްކާފައިވަނީ ޖަލުގައި ލިބެމުންދިޔަ އަނިޔާތަކަށް ކެތް ނުކުރެވިގެންކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ތަހުގީގަށް ސުވާލު ކުރުމުގެ ނަމުގައި ކޮންމެ ދުވަހަކުވެސް 12 ގަޑިއިރު އޭނާއަށް އަނިޔާކުރާކަމަށްވެއެވެ.
އޭނާ ހައްޔަރު ކުރެވުނުތާ 2 އަހަރުފަހުން އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވިގެންދިޔައެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޖަޕާނުގައި މަރުގެ ޙުކުމް އިއްވާފައިވާ މީހުންނަށް އެމީހުންގެ ޙުކުމް ތަންފީޒު ކުރުމުގެ ވަގުތު ޖެހުނުކަން އަންގަނީ ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައެވެ. އެހެންކަމުން ކޮންމެ ދުވަހެއްވެސް ވޭތު ކުރަންޖެހެނީ މާދަމާވެސް މަރުގެ ޙުކުމް ތަންފީޒު ކުރަން ޖެހިދާނެކަމުގެ ބިރުވެރިކަމުގައިކަމަށްވުމާއެކު، ނަފްސާނީ ގޮތުން އިވާއޯވެސް ވަނީ ނުހަނު ބަލިކަށިވެފައެވެ.
މި މައްސަލައިގައި އިވާއޯއާ ދެކޮޅަށް އޭރު ލިބުނު މައިގަނޑު ހެއްކަކީ އޭނާ ވަޒީފާއަދާކުރަމުން ދިޔަ ތަނުގެ ޓޭންކެއްގެ ތެރެއިން ފެނުނު ލެއިން ތަތްތެޅިފައިވާ އަންނައުނެވެ. ނަމަވެސް އިވާއޯގެ ޤާނޫނީ ޓީމުން އޭރުވެސް ބުނަމުން ގޮސްފައިވަނީ އެ އަންނައުނުން ފެނުނު ޑީއެންއޭ އިވާއޯގެ ޑީއެންއޭއާ ދިމާނުވާ ކަމަށާއި، އެއީ އޭނާ މި މައްސަލައިގައި ބައްދާލުމަށް ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.
އޭނާ ހައްޔަރު ކުރެވުނު ދުވަހުން ފެށިގެން އޭނާގެ ދައްތަ ގެންދިޔައީ އޭނާގެ މައުސޫމުކަން ސާބިތުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރި މަސައްކަތުން 2014 ވަނަ އަހަރު އަލުން މި މައްސަލައިގެ ޝަރީއަތް ފަށައިގެން މައްސަލަ އަލުން ބެލުމަށް ނިންމިގެން ދިޔައީއެވެ. އަދި މައްސަލައިގެ ގޮތެއް ނިމެންދެން އޭނާ ގެއަށް ބަދަލު ކުރެވުނެވެ.

އެގޮތުގެ މަތިން ބެލި ބެލުމަށްފަހު މިހާރު އޭނާގެ މައުސޫމުކަން ވަނީ ސާބިތުވެފައެވެ. އެގޮތުން އިވާއޯގެ އުމުރުން 91 އަހަރުގެ ދައްތަ އޭނާގެ މައުސޫމުކަން ސާބިތުވި ވާހަކަ ބުނުމުންވެސް އިވާއޯ ހުރީ އެކަން ޤަބޫލު ނުކުރެވިފައެވެ. ވަކިން ޚާއްސަކޮށް ނަފްސާނީގޮތުން އޭނާ ބަލިކަށިވެފައިވުމާއެކުވެސް މެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި މައްސަލައިގައި އިވާއޯއާ ދެކޮޅަށް ހެކި އުފައްދާފައިވާކަން ވަނީ ސާބިތުވެފައެވެ. އަދި އެކަމުގެ ފަހަތުގައި އޭރު މައްސަލައިގެ ތަހުގީގު ކުރަމުންދިޔަ ފަރާތްތައް ހިމެނެއެވެ.
ޖަޕާނުގައި ކޯޓަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގެ ތެރެއިން 99 އިންސައްތަ މައްސަލަ ސާބިތުވެއެވެ. އެހެންކަމުން ޖަޕާނުގެ ޤާނޫނީ ނިޒާމުގައި ކުށް ސާބިތުނުވަނީސް އެމީހަކީ މައުސޫމު މީހެއްކަމަށް ބެލުމުގެ ޤާއިދާއަށް އަމަލުކުރާ މިންވަރު ކުޑަކަމަށް ފެންނަކަމަށް ތަޖުރިބާކާރުން ދެކެއެވެ. އަދި އެކަމުގެ ސަބަބުން ކުށެއް ނެތް މައުސޫމު އެތައް ބަޔަކަށް ކުށް ސާބިތުކޮށް، އަދަބު ދިނުމުގެ ސަޤާފަތެއް އުފެދިފައިވާކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ.

