ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުން ބަދަލު ދީފައިވާ ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީ އަންގަވައިފި

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް: ޕީޖީ އޮފީހުން ވަނީ ދައުވާތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަންގަވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައިވާ ކަންކަމަށް ޕީޖީ އޮފީހުން ރިޢާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ޕީޖީ އޮފީހުން ވަނީ ދަންނަވާފައެވެ.

އަދި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށާއި، ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އެ ކޮމިޝަންގައި އަންގަވާފައިވެއެވެ.

ނިމިދިޔަ ސަރުކާރުން 36 ރަށާއި، 2 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.

ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާއި ގުޅޭ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމްް މުޙައްމަދު ސާލިހުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަލީ ޝިޔާމްގެ މައްސަލަ ތަހުގީގުކޮށްދޭން އެދި ހުށަހެޅުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެެ.

ސަރުކާރު ނިމުނު ފަހުން ފެންމަތިވި މައްސަލަތަކުގެ ތެރޭގައި 2023 ވަނަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުން އެކި ފަރާތްތަކަށް ދިނުމަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ 263 އިންސައްތަ އިތުރަށް އެ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ހަރަދުކުރުން ހިމެނެ އެވެ.

ގެއްލުމުގެ ބަދަލުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ރައީސް ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީ މިހާރު ވަނީ އުވާލާފަ އެވެ. އެ ނިންމުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައި ވަނީ ގާނޫނީ ބާރެއް ލިބިގެން ނޫންކަމަށާއި އެ މަރުހަލާތައް ކުރިޔަށް ގެންގޮސްފައި ވަނީ އުސޫލުތަކާއި ހިލާފަށްކަން ފާހަގަކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: