ޓްރާންސްޕޯޓު ދާއިރާގެ ޑާޓާ މެނޭޖުމެންޓު ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އެންވައިރަމެންޓު މިނިސްޓްރީން ރިޓާރިވޯކްސް ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ރިޓާރިވޯކްސް ކުންފުންނާއިއެކު އެއްބަސްވުމެއް ގާއިމުކުރެވިފައިވަނީ ގްރީން ހައުސް ގޭސް އިންވެންޓަރީސްގެ ތައްޔާރީ މަސައްކަތްތަކަށް ޓްރާންސްޕޯޓް ދާއިރާގެ ޑާޓާ މެނޭޖުމެންޓު ނިޒާމުގެ ހަރުދަނާކުރުމުގެ ގޮތުން ކޮންސަލްޓަންސީ ހޯދުމަށްކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެންވައިރަމެންޓު މިނިސްޓްރީގައިކަމަށްވާއިރު ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމިނެންޓް ސެކެޓްރީ އަޖުވަދު މުސްތަފާއެވެ. ރިޓާރިވޯކްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފްއެވެ.
މިއީ ކެޕޭސިޓީ ބިލްޑިންގް ފޯ އިމްޕްރޫވްޑް ޓްރާންސްޕެރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑެޕްޓޭޑޝަން އެކްޝަން އިން ދަ މޯލްޑިވްސް މަޝްރޫޢުގެ ދަށުން ހިންގާ މަސައްކަތްތަކެއްކަމަށެވެ. މި މަޝްރޫޢުއަކީ ގްލޯވަލް އެންވައިރަމެންޓު ފެސިލިޓީއިން ފަންޑުކޮށްފައިވާ މަސައްކަތްތަކެއްކަމަށްވާއިރު އދގެ އެންވައިރަމެންޓު ޕްރޮގްރާމްގެ ދަށުންވެސް އެހީ ލިބިފައިވެއެވެ.
މި ކޮންސަލްޓަންސީ ހޯދުމުގެ އަމާޒަކީ ދިވެހިރާއްޖޭގައި ޓްރާންސްޕޯޓު ދާއިރާގެ ތެރެއިން ގްރީން ހައުސް ގޭސް އާއި ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ބެލެހެއްޓޭ ރައްކައުތެރި އަދި ހަރުދަނާ ނިޒާމެއް ގާއިމުކުރުންކަމަށްވާއިރު، ރޯޑްވާދިނެސް ނިޒާމެއްވެސް ތައާރްކުރެވިގެންދާނެކަމަށާއި އެއީ އުޅަނދުތައް ދަތުރުކުރާ މިންވަރުގެ މައުލޫމާތު އެއްކުރުމަށްޓަކައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކެއްކަމަށެވެ.

