ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކޮށްފިއެވެ.
ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން 2024 އޮކްޓޫބަރު 27 ގައި ކޮށްފައިވާ އިޢުލާނު ކުރިއެވެ. ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި އެ އިއުލާނުގެ ދަށުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ ”ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“އިން ވަނީ އިންޓަރވިއު ކޮށްފައެވެ.
އިންޓަރވިއު ކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ފަރާތްތައް ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2024 ޑިސެންބަރު 18 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ފަނޑިޔާރުކަމަށް އައްޔަނުކުރި ފަރާތްތައް:
ކ.މާފުށި މެޖިސްޓްރޭޓް ކޯޓު
ކ.މާފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ކ.މާފުށި، ޝާހީ، އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤު އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ފަސްޓް ކްލާސް ޙާސިލްކުރައްވައި، އެވިޑް ކޮލެޖްއިން މާސްޓަރ އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
2021 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވިއިރު އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤު ހުންނެވީ ކ.މާފުށި މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ.
ލ.މާވަށު މެޖިސްޓްރޭޓް ކޯޓް
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަން ކުރުމަށް ނިންމާފައިވަނީ ލ.ގަން، މަތިމަރަދޫ، ފަޒާ، އަލްއުސްތާޛު އަޙްމަދު ޝާފީއެވެ. އަލްއުސްތާޛު އަޙްމަދު ޝާފީވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) އަދި މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ލީގަލް އޮފިސަރގެ މަޤާމް އަދާކުރައްވަމުން ގެންދަވާ އަލްއުސްތާޛު އަޙްމަދު ޝާފީ ވަނީ ޝަރުޢީ ދާއިރާގައި 5 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ.
ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓް
ހއ.ބާރަށް، ރޭސަމް، އަލްއުސްތާޛު ޢަބްދުﷲ ޖައިލަމް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައެވެ. ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމް އަދާ ކުރައްވަމުންދާއިރު ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ. އަލްއުސްތާޛު ޢަބްދުﷲ ޖައިލަމް ޢައްޔަންކުރެވިފައިވަނީ ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށެވެ.
ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓް
ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބ.ކެންދޫ، ސައްކެޔޮގެ، އަލްއުސްތާޛު ޖިނާން ޢަބްދުﷲ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ޙާސިލްކުރަށްވައިފައިވާ ބޭފުޅެކެވެ.
ޝަރުޢީ ދާއިރާގައި 6 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު، އަލްއުސްތާޛު ޖިނާން ޢަބްދުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ މަޤާމުގައެވެ.
ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓު
ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ފ.ދަރަނބޫދޫ، ރޯޝަނީގެ، އަލްއުސްތާޛު ޢަލީ އިސްމާޢީލް ޢައްޔަނުކުރެވުނު އިރު ހުންނެވީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީ ކަމުގެ މަޤާމުގައެވެ.
ޝަރުޢީ ދާއިރާގައި 4 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާލިބިފައިވާއިރު، އަލްއުސްތާޛު ޢަލީ އިސްމާޢީލް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މާސްޓަރ އޮފް ލޯސް (ކޮމްޕަރޭޓިވް ޖުރިސްޕްރޫޑެންސް) އާއި މަސްޓަރ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ޙާސިލްކުރައްވާފައެވެ.
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
ލ.މާވަށް، އެންދެރިމާގެ، އަލްއުސްތާޛު އިސްމާޢީލް މާހިރު ވަނީ ވިލާ ކޮލެޖްއިން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯ ޙާސިލްކުރައްވާފައެވެ. ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވުނު އަލްއުސްތާޛު އިސްމާޢީލް މާހިރުއަކީ 2013 އިން 2023 އަށް ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓް
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރުމަށް ނިންމާފައިވަނީ ގދ.ގައްދޫ، ޔެލޯސީ، އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދެވެ. އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރސް އޮފް ލޯސް އިން އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ޙާސިލްކުރައްވާފައެވެ.
ޝަރުޢީ ދާއިރާގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު، އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ކޮންޓެންޓް އޮފިސަރގެ މަޤާމުގައެވެ.

