ރައީސްއަށް ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެ އެޗްޑީސީގެ ކުރީގެ ޗެއަރމަން އަހުމަދު ޒުހޫރު ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.
އެޗްޑީސީގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންްދާކަމުގެ ތުހުމަތުތައް ފެންމަތިވުމުން ސަންގުއިންވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި މިކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ، ކުރީގެ ޗެއަރމަންގެ ފަރާތުން ސިޓީއެއް ލިބިވަޑައިގެންފައިނުވާކަމަށެވެ. އަދި އެ ސިޓީ ލިބިވަޑައިގެންނެވިނަމަ ޔަގީނުންވެސް އެއަށް އަމަލުކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކޮރަޕްޝަން އަދި ގަވައިދާއި ހިލާފަށް ހިންގަމުންދާ އަމަލުތަކެއް ހުއްޓުވުމުގައި އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެކަމަށެވެ. އަދި މިއަދާއި ހިސާބަށްވެސް އެކި ތަންތަނުގައި އެކި މީހުން އެގޮތަށް ކޮށްފައިވާ ކަންކަމުގެ މައުލޫމާތު ލިބުމުންނާއި އަޑުތައް އިވުމުން އެކަމަށް ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފައިކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދައާއި ނުގަވައިދުން ހިންގާ ކަންކަމުން ދުރުހެލިވެފައިވާ ސަރުކާރެއްގެ ގޮތުގައި ހިނގުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވީވެސް އެގޮތުގެ މަތިން ގައުމުގެ ކަންކަން ބައްޓަންކުރެއްވުމަށްކަމަށް ހިއްސާކުރެއްވިއެވެ.
އެހެންކަމުން ސިޓީއެއް ލިބި އެކަމަށް އަމަލުނުކުރައްވާކަމަށް ބުނެ ދެކެވެމުންދާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަދި ދައުރުކުރަމުންދާ ސިޓީ ލިބިވަޑައިގެންފައިނުވާކަން ކަށަވަރުކޮށްދެއްވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނަށް މިފަދަ ކަމެއްގެ މައުލޫމާތު ލިބިވަޑައިގެންނެވި ހިސާބުން ކޮންމެ ކަމެއްގައިވެސް ފިޔަވަޅު އަޅުއްވާފައިވާނެކަމަށެވެ. އަދި މިހާރު ހިނގައިގެން އުޅޭ މައްސަލައިގައިވެސް އެނގިވަޑައިގެންނެވި ހިސާބުން ފުލުހުންގެ މުއައްސަސާގައި އެކަން ތަހުގީގުކުރުމަށް އެދިވަޑައިގެންފައިވާނެކަމަށެވެ.

