ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަނުކުރައްވަނީ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ނޫންކަމަށާއި އެކަމުގެ މަގުސަދަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުުންނަށް ހިދުމަތްކުރުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތައް ފެންމަތިވުމާއިއެކު ”ސަންގު“ އިންވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި މިކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.
ރައީސް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިންދަނީ އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރައްވަމުންކަމަށާއި އެމަނިކުފާނު ގަސްތުކުރެއްވީ މިފަދަ މައްސަލައެއް ފެންމަތިވުމުން އެކަން އެންމެ ފުރިހަމައަށް ތަހުގީގުކުރެވޭނެ މަގުފަހިކޮށްދެއްވަންކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ފައްޓައިގެން ފުލުހުންގެ ޒިންމާ އަދާކުރަމުންދާކަމާއިމެދު އުފާކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އެއްވެސް ތަނެއްގައި އެއްވެސް މީހަކު ގާނޫނާއި ގަވައިދުތަކާއި ހިލާފު އެއްވެސް އަމަލެއް ހިންގަން އެދިވަޑައިނުގަންނަވާކަމަށެވެ. އަދި އެމަނިކުފާނު މީހުން މަގާމުތަކަށް އައްޔަނުކުރަނީ ވައްކަން ކުރުމަށް ނޫންކަމަށް ފާހަގަކުރެއްވިއެވެ. އަދި މީހުން އައްޔަނުކުރަނީ ކޮރަޕްޝަން ހިންގަން ނޫންކަމަށާއި ގަވައިދާއި ހިލާފު އަމަލުތަކެއް ހިންގަން ނޫންކަމަށެވެ. ރައީސް ވިދާޅުވީ، މީހުން އައްޔަނުކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަށް ހުރަސްއެޅިގެންދާ ގޮތަށް ނުވަތަ އެނޫން ގޮތަކަށް އަމަލުކުރާކަމަށް ފެނިގެންދާނަމަ އެމީހަކު އެތަނުން ދުކުރާނެކަމަށެވެ. ނުވަތަ ހިނގަމުންދާ ނޭދެވޭ ކަމެއް ހުއްޓުވާނެކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ ކަމެއް ފާހަގަކުރެއްވިއްޖެ ހާލަތުގައި އަމަލުކުރާނީ އެމަގުންކަމަށާއި ސަރުކާރަކުން ކަންކަން ކުރަންޖެހޭނީ އެގޮތަށްކަމަށް ގަބޫލުކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުގައި މިގޮތުގެ މަތިން އަމަލުނުކޮށް އޮތްނަމަ އެކަމަށް ޖަވާބުދާރީވާނީ އެބަޔަކުކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް މިންވަރަކަށް ޖާގައެއް ނޯންނާނެކަމަށެވެ. ރައީސް ވިދާޅުވީ، އެއީ މިނިސްޓްރީއެއް އަދި ކުންފުންޏެއް ނުވަތަ މުއައްސަސާއެއްނަމަވެސް އެއްވެސް ހާލަތެއްގައި އެފަދަ އަމަލުތަކަކަށް ޖާގައެއް ލިބިގެން ނުދާނެކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާއެއްގައި އެފަދަކަމެއް ހިނގަމުންދާނަމަ އެސީސީ އަދި އެހެނިހެން ކަމާއި ބެހޭ މުއައްސަސާތަކުން އެކަމެއް ބެލުމަށް އެދިވަޑައިގަންނަވާކަމަށާއި ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތްކަމަށާއި އަމަލުކުރާނީވެސް އެގޮތުގެމަތިންކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނެކަމަށާއި އެއީ ކޮންމެ މީހެއްކަމަށްވީނަމަވެސް ގަވައިދުތަކާއި ގާނޫނުތަކާއި ހިލާފަށް ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ކުރުމަށް ޖާގައެއް ނުދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތާނގައިވެސް ކަންކަން ހިނގާނީ އެގޮތުގެމަތިންކަމަށެވެ.

