ގައިވައިދާ ހިލާފަށް އުޅަނދު ދުއްވުމުގައި އެންމެ ބޮޑަށް ފާހަގަވާ އެއްކަމަކީ ލައިސެންސް ނެތި ދުއްވުން ކަމަށް ފުލުހުން ބުނެފިއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ޓްރެފިކާއި ގުޅުންހުރި އެންމެ ބޮޑު އެއް މައްސަލައަކީ ގަވާއިދާއި ހިލާފަށް ފާކު ކުރުމުގެ މައްސަލަ ކަމަށެވެ. މީގެއިތުރުން މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވުމާއި ގުޅިގެން ލައިސަންސް ނެތި ދުއްވުމާއި ރޯޑްވާދިނަސް އަހަރީ ފީ ނުވަތަ އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމާއި މިފަދަ ކަންކަން ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ކަމަށެވެ.
2019 ވަނަ އަހަރުގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހަކާއި ގުޅިގެން އެ އިސްލާހަށް އަމަލު ކުރަން ފެށުމާއިއެކު ލައިސަންސް ނެތިވެސް ދުއްވާ ދުއްވުމަށް ވަރަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެހެންނަމަވެސް އޭގެކުރިން ކޮންމެ މީހަކުވެސް ހަމަ ލައިސެންސް ނެތި ސައިކަލު ނަގައިގެން ދުއްވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭރު ފުލުހުން ހަމައެކަނި ކުރަނީ ޖޫރިމަނާ ކަމަށާއި އޭގެއިތުރަށް ކުރެވޭ އިތުރު ކަމެއް ނޯންނަ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން އިތުރު އަދަބުތަކެއް އައި ކަމަށް ވަނީ ބުނެފައެވެ.
އިތުރު ކުރެވުނު އަދަބު ތަކަކީ ލައިސެންސްއެއް ނެތި ދުއްވައިފި ނަމަ އެ ސައިކަލެއް 15 ދުވަހުގެ މުއްދަތަށް ފުލުހުން ބެލުމުގެ ދަށަށް ގެނެވުން ކަމަށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ސައިކަލުގެ ވެރިފަރާތުން ލައިސެންސް ނެތް މީހާއަށް ސައިކަލު ދިނުން މަދުކުރެވުން ކަމަށް ފުުލުހުން ވަނީ ބުނެފައެވެ.
”ކުރިން އަޅުގަނޑުމެންނަށް ފެންނާނެ ގަރާޖަށް ސައިކަލު ގެންދިޔައިމަ ގަރާޖުގައި ތިބޭމީހުންވެސް ސައިކަލު ގެންދާތަން، ނުވަތަ ޓެސްޓަށް ދުއްވާތަން. މި ގަވާއިދާއި ގުޅިގެން ގަރާޖުތަކުންވެސް އެ ސައިކަލު ޓެސްޓަށް ދުއްވާކަމުގައި ވީނަމަވެސް އެ ދުއްވާ މީހާ އަތުގައި އޮވޭ ލައިސަންސް“
ފުލުހުން ބުނެފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގަވާއިދުގައި ބުނަނީ ދުއްވަން އިންނަ މީހާއާއި މެދު ފިޔަވަޅު އެޅުމަށް ކަމަށެވެ. އޭގެ އިތުރަށް ކަންކަން ބަލާ ކަމުގައި ވާނަމަ ތަހުގީގެއް ކުރަން ޖެހޭ ކަމަށާއި ގަރާޖަށް ގެނެގޮސްފައިވާ ސައިކަލެއް ދުއްވީ ގަރާޖުގެ މީހާކަމެއް މަގުމަތީގައި ހުންނަ ފުލުހުންގެ އޮފިސަރަށް ނޭނގޭނެ ކަމަށެވެ.
ފުލުހުންގެ ފަރާތުން ބުނެފައިވަނީ އެފަދައިން އެ މީހެއްގެ ސައިކަލު އެހެން މީހަކު ދުއްވާ ކަމުގައި ވާނަމަ އެއީ އުޅަނދުގެ ވެރިމީހާގެ އިހުމާލެއް ކަމަށެވެ.

