އެމްޑީޕީއިން މަސައްކަތްކުރަމުންދަނީ އިގްތިސާދު މަރާލުމަށްފަހު ރައްޔިތުން ބަނޑަށް ޖައްސައިގެންވިޔަސް ވެރިކަން ހޯދުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވީ، މީގެ ކުރިން ތިން ފަހަރެއްގެ މަތިން ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ބަގާވާތެއް ރޭވިކަން ހާމަކުރައްވާފައިވާނެކަމަށެވެ. ނިހާދު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާއި އެކު މި އަހަރު ރާއްޖެއަަށް ދެ މިލިއަން ފަތުރުވެރިން އަންނާނެކަމަށާއި، އެ މަސައްކަތަށް ހުރަސް އަޅަން އެމްޑީޕީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންދާކަމަށެވެ.
ނިހާދު ވިދާޅުވީ މިއީ 8 ރުފިޔާއަށް ޕެނަޑޯލް ގުޅައެއް ވިއްކައިގެން ދައުލަތުގެ މާލިއްޔާތުން ވައްކަން ކުރަމުންދިޔަ މީހަކު އިސްވެ ހިންގަމުންދާ ހަރަކާތްތަކެއްކަމަށެވެ. އަދި މިކަމުގައި ބައިވެރިވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑާލުމަށްޓަކައި މީގެ ކުރިންވެސް މަސައްކަތްކޮށްފައިވާ އެމްޑީޕީކަމަށާއި އެ މަސައްކަތްތައް ކުރަމުންދަނީ އެޕާޓީގެ ލީޑަރޝިޕުގެ ”ބްރޯ“ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ ރާއްޖޭގައި ބައިނަލްއަގުވާމީ ބްރޭންޑުތަކުން ހިންގަމުންދާ ރިސޯޓުތަކަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ހަރަކާތެއްގެ ވާހަކަ ކަމަށެވެ. ނިހާދު ވިދާޅުވީ، ލޭބާރ ޔުނިއަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިގެން އޭގެ ދަށުން އިތުރު އެފަދަ ޖަމިއްޔާތަކެއް އުފައްދައިގެން ރާވާފައި ވަނީ މާލެ ކައިރީގައި އެއްފަޅެއްގެ ތެރޭގައި ތިން ރިސޯޓު ހިންގަމުންދާ ރިސޯޓަކަށް އެރުމަށް ކަމަށެވެ.
ނިހާދު ވިދާޅުވީ، އެ ރިސޯޓު ފުލްކޮށް އޮތުމުން އެފަދަ ބައްދަލުވުމެއް ބާއްވަން ޖާގަ ދެވެންނެތް ވާހަކަ އަންގާފައިވާކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ބޭއްވުމަށްޓަކައި ރަށަށް އަރާނެ ވާހަކަ ލިޔުމުން އަންގައި އިންޒާރު ދީފައިވާކަމަށާއި އަޑުގަދަ ކުރާ ސާމާނު ހިފައިގެން ދޯނިފަހަރުގައި އެރަށަށް ދާނެ ވާހަކަ އަންގާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރު ނިމުނު ފަހުން އަރިސް މީހުންނަށް ގިނަ އަދަދެއް ރަށްތަކާއި ފަޅުތައް ބަހާލިކަމަށާއި އެހެންކަމުން އެ މީހުންގެ މައްސަލަތައް ބަލަން ތައްޔާރުވެފައިވުމުން އެމްޑީޕީއިން މަސައްކަތްކުރަމުންދަނީ ގައުމު ހަލަބޮލިކޮށްލައި ރިސޯޓުތައް ހުއްޓުވާލުމަށްކަމަށެވެ.
އޭނާ ވިދާޅުވީ، އެ ޕާޓީއިން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށްކަމަށެވެ. ނިހާދު ވިދާޅުވީ، ރާއްޖެ މާކެޓުކުރަމުންދަނީ ތިން އެއްސްގެ މައްޗަށްކަމަށެވެ. އެއީ ސަން ސޭންޑް އެންޑް ސީކަމަށް ފާހަގަކުރެއްވިއިރު، އޭގެ ބޭރުންވެސް ވަރަށް ގިނަ އެސްތަކެއް ހިމެނޭކަމަށާއި އޭގެ ތެރޭގައި ސޭފްޓީއާއި ސްޓެބިލިޓީ އަދި ސެކިއުރިޓީވެސް ހިމެނޭކަން ހިއްސާކުރެއްވިއެވެ. އަދި އެކަންކަމަކީ ދިވެހިންގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓު ވިއްކުމަށްޓަކައި ގެންގުޅޭ ބައެއް ކަންކަން ކަމަށެވެ. އެހެންނަމަވެސް އިގްތިސާދު މަރާލުމަށްފަހު ރައްޔިތުން ބަނޑަށް ޖައްސައިގެންވިޔަސް ވެރިކަން ލިބޭތޯ މަސައްކަތްކުރަމުންދާކަމަށެވެ.

