ކަނޑުމަތިން ބެހިގެން އައި ބެލެވޭ ސޯމާލިޔާ މީހުން ރާއްޖެއަށް އެތެރެވިގޮޮތް ތަހުގީގު ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ކަނޑުމަތިން ބެހިގެން ދިޔަކަމަށް ބެލެވޭ ސޯމާލިޔާ ބަޔަކު ހޯމަ ދުވަހުގެ ވަގުތެއްގައި ފުވައްމުލަކަށް ގެނެސްފައިވާއިރު، އެމީހުން އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަކަން އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
އެކަމާ ގުުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިހާރު އެމީޙުން ދިވެހި ފުލުހުންގެ ޚިދުމަތާ ވަނީ ޙަވާލުކޮށްފައެވެ. އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ސޯމާލިއާގެ 3 ފިރިހެނަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ.
އެމީހުންގެ ރާއްޖޭގެ ސަރަޙައްދަށް އައި ގޮތް ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މަސައްކަތް ކުރެވެމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހުންނާ ގުޅޭގޮތުން ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

