ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ފަހުރެވެ. މިކަމާއި ދެބަހެއް ނުވެވޭނެއެވެ. ކޮންމެ އަހަރެއްގެ މައްޗަށް މި ގައުމުގެ ހިތްގައިމު ރީތި މަންޒަރުތަކާއި ދިވެހިންގެ ސާދާ ދިރިއުޅުން ތަޖުރިބާކޮށްލުމަށާއި ބަލާލުމަށް އެތައް ބަޔަކު ދުރު މަންޒިލުތަކުން ދަތުރު ފަށައެވެ. ރާއްޖެއަށް އާދެވެނީ އެތައް ގަޑީރެއް ހޭދަކޮށް އެތައް ފައިސާއެއްވެސް ހަރަދުކޮށްގެން ނަމަވެސް ދިވެހި ފަސްގަނޑުގައި ފައިޖެހުމާއިއެކު އަންނަ ކޮންމެ ފަތުރުވެރިއެއްގެ މޫނު މަތިންވެސް ފެނިގެންދަނީ ހިނިތުންވުމެވެ.
މި ގައުމަށް އާދެވުންވަނީ އެ ބަޔަކަށްވެސް ލިބޭ ފަހުރުވެރިކަމަކަށެވެ. ދުނިޔޭގެ އެތައް ތަނަކަށް ދަތުރުކޮށްފައި ތިބި ނަމަވެސް ދިވެހިރާއްޖެ ވެގެންދަނީ އެންމެ ހާއްސަ މަންޒިލަށްކަން ޔަގީންވެއެވެ. މިހެން މި ދަންނަވަނީ އުފަލާއިއެކުއެވެ. ސަބަބަކީ މި ދާއިރާއިން ޖައްސަ ޖައްސައިގެން ވޭތުވެދިޔަ އަހަރުތަކުގެ މަތިންވެސް ރާއްޖެއަށް ގިނަ އެވޯޑުތަކެއް ހާސިލުކުރެވި އެ ހައިސިއްޔަތު ހިފެހެއްޓިފައި އޮތުމުންނެވެ. ރާއްޖެއަކީ ޝައްކެވެސް ނެތި ވޯލްޑްސް ލީޑިންގް ޓުއަރިސްޓް ޑެސްޓިނޭޝަންއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެކި މަގުސަދުތައް ހުރެއެވެ. އެއް ބަޔަކު އަންނަނީ އަރާމުކޮށްލައި ދޮންވެލި ބީޗުތަކާއި ސާފުތާހިރު މޫދުގެ ގާތުގައި އެކަހެރި ވަގުތުތަކެއް ހޭދަކޮށްލުމަށްކަމަށްވާއިރު، އަނެއް ބަޔަކު އަންނަނީ ދިވެހިން ދެމުންދާ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ މަތީ ފަންތީގެ ހިދުމަތްތަކާއިއެކު އައު ކައިވެނީގެ އުފާވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ އުންމީދުގައެވެ. އެކަން ހާސިލުކުރެވޭކަން އެނގެނީ ކުދިކުދި ޖަޒީރާ ރަށްތަކުން އެކުލެވިފައިވާ ދިވެހިރާއްޖެއަކީ އެކި ގިންތިތަކުން ވަނަތައް ހާސިލުކުރާ ގައުމަކަށް ވެފައިވުމުންނެވެ.
މި އަހަރުގައިވެސް ދިވެހިރާއްޖެއިން ވަނީ 9 ދާއިރާއަކުން ދުނިޔޭގެ އެންމެ ވަރުގަދަ ޓުއަރިޒަމް އެވޯޑު ހާސިލުކޮށްފައެވެ. ރާއްޖެއަކީ މި އަހަރު ވޯލްޑްސް ލީީޑިންގް ޑެސްޓިނޭޝަންގެ އިތުރުން، ވޯލްޑްސް ލީޑިންގް ގްރީން ޑެސްޓިނޭޝަން އެވޯޑު ލިބުނު ގައުމެވެ. މި ފަހުރުވެރިކަމަށް އިތުރު ފޮނިމީރުކަމެއް ލިއްބައި ދިނީ ވޯލްޑްސް ލީޑިންގް ސީޕްލޭން އޮޕަރޭޓާރ އެވޯޑާއި ވޯލްޑްސް ލީޑިންގް އެއަޕޯޓު ރިސޯޓު އަދި ވޯލްޑްސް ލީޑިންގް ލަގްޝަރީ ހަނީމޫން ރިސޯޓުގެ ލަގަބުވެސް ރާއްޖެއަށް އެވޯޑު ކުރެވިފައިވުމުންނެވެ.
ދުނިޔޭގެ މޮޅެތި ބޮޑެތި މާލީގޮތުން ބާރުވެރި އެތައް ގައުމަކާއި ވާދަކޮށް ދިވެހިރާއްޖެއަށް ވަނީ ވޯލްޑްސް ލީޑިންގް ލަގްޝަރީ އައިލެންޑް ރިސޯޓު އެވޯޑްވެސް މި އަހަރު ލިބިފައެވެ.
މީގެ އިތުރުން ވޯލްޑްސް ލީޑިންގް ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ޝަރަފާއި ވޯލްޑްސް ލީޑިންގް ވޯޓާރ ވިލާ ރިސޯޓު އެވޯޑްވެސް ހާސިލު ކުރީ ރާއްޖެއިންނެވެ. މިއީ ދިވެހިރާއްޖޭގެ ސަރުކާރުން މިކަމަށް ދެމުންދާ އެއްބާރުލުމާއި ރިސޯޓުތަކުގެ ވެރިންނާއި ހިދުމަތްތެރިންގެވެސް މިންނެތް މަސައްކަތްތަކުގެ ނަތީޖާކަމަށްވާއިރު، އާންމު ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާ އިހުތިރާމާއި އެކުވެރިކަންވެސް ބޮޑު ދައުރެއް އަދާކުރާނެއެވެ.
މިއީ ދިވެހިންނަށް ކުރެވިދާނެ ކަމެއް ނޫންކަމަށް މީގެ އެތަކެއް އަހަރުތަކެއް ކުރިން ރާއްޖެއަށް ލަފާ ދިން ބައެއް ފަރާތްތަކުން ބުނިނަމަވެސް، ހިތްވަރު އެލުވާލުމުގެ ބަދަލުގައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި މަސައްކަތްތައް ފެއްޓެވި ފަތުރުވެރިކަމުގެ ބާނީންނަށްވެސް ޝުކުރު ހައްގެވެ. މިއަދު ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާ ހިދުމަތްތަކުގެ ފަހަތުގައިވާ މާލީ ބާރުވެރިކަން ހާސިލުވެގެންދިޔައީ މި ދާއިރާގެ ތެރެއިން ދިވެހިންނަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުންނެވެ.
މި އަހަރު ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކޮށްފައެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ވުޒާރާއާއި މިނިސްޓަރު އިބްރާހިމް ފައިސަލްގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން ބޭރު ދުނިޔޭގައި ދިވެހިންގެ މި ޕްރޮޑަކްޓު ޕްރޮމޯޓްކުރުމަށާއި ދިވެހިން ތަމްސީލުކުރުމަށްޓަކައި އުފައްދާފައިވާ ކުންފުނި އެމްއެމްޕީއާރްސީ މެދުވެރިކޮށް އެކި ގައުމުތަކުގައި ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މިކަމުގެ މައުލޫމާތުތައް ދިވެހި ނޫސްތަކުންނާއި ސޯޝަލްމީޑިއާއިން ފެނެއެވެ.
މިއަދު ދިވެހިން ތައްޔާރުވަމުންދަނީ އެކަމުގެ ނަތީޖާ ހާސިލުވެގެންދާ މަންޒަރު ބެލުމަށެވެ. މި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނެއެވެ. އެެހެންކަމުން އަހަރު ނިމުމަށް ދުވަސްތަކެއް ބާކީ އޮންނާނެކަމަށްވުމުން އަންދާޒާއަށްވުރެވެސް ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ލަފާކުރެވެއެވެ.
އެހެންކަމުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން އައިސްފައިވާގޮތުގެ ތަފާސް ހިސާބުތަކަށް ބަލާލުން މުހިންމެވެ. މިގޮތުން ވޭތުވެދިޔަ 10 އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، 2013 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 1،125،2025 ފަތުރުވެރިންކަން ފެނިގެންދެއެވެ. އެއީ 2012 ވަނަ އަހަރަށްވުރެ 17.5 އިންސައްތަ އިތުރު އަދަދެކެވެ. 2014 މި އަދަދު 7.1 އިންސައްތައިން އިތުރުވެފައިވެއެވެ. އެ އަހަރު ރާއްޖެއަށް އައިސްފައިވަނީ 1،204،857 ފަތުރުވެރިންނެވެ.
2015 ވަނަ އަހަރުގައި ރާއްޖެއަށް އައީ 1،234،248 ފަތުރުވެރިންކަމަށްވާއިރު މިއީ އޭގެ ކުރީ އަހަރަށްވުރެ 2.4 އިންސައްތަ އިތުރު އަދަދެކެވެ. 2016ގައި އަނެއްކާވެސް 4.2 އިންސައްތައިން އިތުރުވެ ދިވެހިންވަނި 1،286،135 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައެވެ. 2017ގައި ރާއްޖެއަށް އައިސްފައިވަނީ 1،389،542 ފަތުރުވެރިންކަމަށްވާއިރު މިއީ 2016 ވަނަ އަހަރަށްވުރެ 8.0 އިންސައްތަ އިތުރު އަދަދެކެވެ.
2018 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަަދަދު އިތުރުވީ 6.8 އިންސައްތައިންނެވެ. އެ އަހަރު ރާއްޖެއަށް 1،484،274 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. 2019 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 1،702،887 ފަތުރުވެރިންކަމަށްވާއިރު އެއީ 14.7 އިންސައްތައިގެ އިތުރުވުމެކެވެ. ކޮވިޑް19ގެ ބަލިމަޑުކަމާއިއެކު 2020 ވަނަ އަަހަރުގެ ތެރޭގައި ފަތުރުވެރިކަން ހީނަރުވެގެންދިޔައެވެ. އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އެ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައް 67.4 އިންސައްތަ ދަށްވެފައިވެއެވެ.
އެ އަހަރު ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ. ނަމަވެސް 2021 ވަނަ އަހަރު ދިވެހިންގެ އުންމީދުތައް އައުވެގެންދިޔައެވެ. އެ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައްވަނީ 2020 ވަނަ އަހަރާއި އަޅާ ބަލާއިރު 138 އިންސައްތައިން އިތުރުވެފައެވެ. 2021ގައި 1،321،937 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 2022 ވަނަ އަހަރުގެ ތެރޭގައި މި ކުރިއެރުން ދެމެހެއްޓިގެންދިޔައެވެ. ކުރީ އަހަރާއި އަޅާ ބަލާއިރު 2022ގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައް 26.7 އިންސައްތައިން އިތުރުވިއެވެ. އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1،675،303 ފަތުރުވެރިންނެވެ.
2023 ވަނަ އަހަރަކީވެސް މި ދާއިރާއިން ދިވެހިން ހެއްވާލި އަހަރެކެވެ. 2022 ވަނަ އަހަރާއި އަޅާބަލާއިރު އެ އަހަރު 12.1 އިންސައްތައިން ފަތުރުވެރިންގެ އަދަދުތައް އިތުރުވެ އަހަރު ނިންމާލީ 1،878،543 ފަތުރުވެރިިން ޒިޔާރަތްކުރުމާއިއެކުއެވެ. މި އަހަރު ސަރުކާރުންވަނީ ބޮޑު ކާމިޔާބެއް ހާސިލުކުރުމަށް އަތުކުރި އޮޅާލައި އެކަމަކީ އަނގަ ފޮންޏަކަށް ދެކެވުނު ވާހަކައަކަށް ނުވާކަން ޔަގީންކުރުމަށްޓަކައި ހުއްޓުމެއް ނެތި މަސައްކަތްތަކެއްކޮށްފައެވެ.
2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ ފޮނި އުންމީދު އާލާކުރިއިރު، އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާލުމުން މި އަމާޒު ކަށަވަރުކަން ފެނިގެންދެއެވެ. ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރީ އަހަރާއި އަޅާބަލާއިރު ފަތުރުވެރިންގެ އަދަދުތައް 9 އިންސައްތައިން ކުރިއަރާފައިވާކަން ފެނިގެންދެއެވެ. ފަތުރުވެރިކަމުގެ ވުޒާރާއިންވަނީ މި އަހަރުގެ ބާކީ ހުރި ދުވަސްތަކުގެ ހިސާބުތައް ބެލުމަށްފަހު 26 ވަނަ ދުވަހުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލުވެގެންދާނެކަން ކަށަވަރުކޮށްދީފައެވެ.

