ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ލިބެމުންދާ ކަމަށް ބުނެފިއެވެ.
ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، އެކަން ނުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރާ ކަމަށެވެ.
ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމްގައި ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަމެއް ވެއެވެ. މީގެ ތެރޭގައި ހިމެނެނީ؛
- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
- ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
- ވޭނާއި، ހާނީއްކައާއި، ބަލިން ބަލީން މިންޖުވުމުގެ މިނިވަންކަން.
- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. މީގެތެރޭގައި ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، ޢިލްމީ ދިރާސާކުރުމަށާއި، މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ހިމެނެއެވެ.
އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ، ވަކި ބާވަތެއްގެ ކާނާއެއް ކާންދީ، އެއެއްޗެއްގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށް، އަޅައިލުމާއި، ލޯބިދީ، ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމުންނަށް ލިބެމުން ދިޔަ އަޅައިލުމާއި، ލޯބިން މަޙުރޫމުވެއެވެ. މީގެނަތީޖާއަކަށްވަނީ ކަންބޮޑުވުމާއި، ހިތްދަތިކަން އިޙުސާސްކުރަންޖެހުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި، އުޅެމުންދިޔަ އަމާން، އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅުމެވެ.
މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ އެސޮރުމެންގެ ފަރާތުން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ޙާލަތްތަކުގައި އެސޮރުމެންނަށް ހާނީއްކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެންވާނޭ ކަމެއްނޫނެވެ.
ޖަނަވާރަށް ރަޙުމުކޮށް، އަޅާލައި، އެތަކެއްޗަށް އޯގާތެރިވުމަށް އިސްލާމްދީންވެސް ބާރުއަޅައެވެ. މިގޮތުން އިސްލާމްދީނުގައިވަނީ ޖަނަވާރުގެ ޙައްޤުތައް ކަށަވަރުކޮށްދީފައެވެ.
އިންސާނުންނާއި ޖަނަވާރުންވެސް ދިރިއުޅޭން ލައްވާފައިވާ ތަނަކީ ދުނިޔެ ކަމަށް ވުމުން މި ދުނިޔެއަކީ ޖަނަވާރަށް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާރުއަޅައެވެ. މިއަހަރުގެ ދުނިޔޭގެ ޖަނަވާރުގެ ދުވަހުގެ ޝިޢާރަކީވެސް ”ދުނިޔެއަކީ އެސޮރުމެންގެވެސް ހިޔާވައްސެވެ.“ ވީމާ އެއްވެސް ޖަނަވާރަކަށް އަނިޔާވެރިނުވެ ޖަނަވާރަށް އަޅާލައި އޯގާތެރިވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

